އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ފުރަތަމަ ހާފުގައި މޮޅަށް ކުޅެފައިވަނީ އެވަޓަންއިންނެވެ. އެ ޓީމުން ވަނީ 19 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް، ލީޑު ނަގައިފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ބޭޓޯއެވެ. މިއީ އެވަޓަންގެ ކޯޗުކަމާ ޑޭވިޑް މޮއެސް ހަވާލުވި ފަހުން އޭނާ ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ. އެވަޓަންގެ އަބްދުލާޔޭ ޑޮކޫރޭ ވަނީ މެޗުގެ 33 ވަނަ މިނެޓުގައި އެވަޓަންގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
ޔުނައިޓަކަށް އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރެވޭގޮތްވީ މެޗުގެ 72 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުންނެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭޒެވެ. މި ލަނޑު ޖެހިތާ އަށް މިނެޓް ފަހުން މަނުއެލް އުގާޓޭވަނީ ޔުނައިޓެޑްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ނަތީޖާ ހަމަހަމަކޮށްފައެވެ.
ފަހު 10 މިނެޓު ވީ ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބި އޭގެ ބޭނުން ނުހިފި ދިޔަ ވަގުތު ކޮޅަކަށެވެ. އަދި މެޗު ނިމެން ގާތްވެފައިވަނިކޮށް ރެފްރީވަނީ އެވަޓަންއަށް ޕެނަލްޓީއެއް ވެސް ދީފައެވެ. ނަމަވެސް، ވީއޭއާރުން ބެލުމަށް ފަހު ވަނީ އެއީ ޕެނަލްޓީއެއް ނޫންކަމަށް ނިންމާފައެވެ.
މެޗު އެއްވަރުވުމުން އެވަޓަން މިހާރު އޮތީ 26 މެޗުން ލިބިފައިވާ 31 ޕޮއިންޓާ އެކު 14 ވަނައިގައެވެ. ޔުނައިޓެޑް އޮތީ 30 ޕޮއިންޓާ އެކު 15 ވަނައިގައެވެ. އަދި، 15ވަނައާއި 18 ވަނައާއި ދެމެދުގައި 17 ޕޮއިންޓްގެ ތަފާތެއް ހުރުމުން ޔުނައިޓެޑަށް ރެލިގޭޝަންގެ މާ ބޮޑު ބިރެއް އަދި ނެތް ކަމަށް ބުނެވިދާނެއެވެ.
ނަމަވެސް، ޔުނައިޓެޑް ފަދަ ޓީމެއް 15 ވަނައިގައި އޮންނަން ޖެހުން އެއީ އޭގެ ޒާތުގައި ވެސް އެ ޓީމަށް ބޮޑު ލަދުވެތި ކަމެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.