ޑި ރޮސީ އާއި ބަރްޒަގްލީ ވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ސްވިޑަންއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ބަރްޒަގްލީ ވެއްޓިފައި: އޭނާ ވެސް ވަނީ އިޓަލީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައި --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕަށް ކޮލިފައިނުވެ، އިޓަލީއަށް ލިބުނު ބޮޑު ހިތްދަތި ކަމަށްފަހު ތަޖުރިބާކާރު ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮންއާ އެކު ޑެނިއެލް ޑި ރޮސީ އާއި އަންދްރޭ ބަރްޒަގްލީ ވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕްގެ ޖާގައެއް އިޓަލީއަށް ގެއްލުނީ ޕްލޭ އޯފްގައި ސްވިޑަން އަތުން އެގްރިގޭޓުން ބަލިވެގެންނެވެ. ޕްލޭ އޯފްގެ ފުރަތަމަ ލެގުގައި 1-0 ލަނޑުގެ ނަތީޖާ އަކުން އިޓަލީ ބަލިވި އިރު، ރޭ ކުޅުނު ދެ ވަނަ ލެގު މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މިއީ 1958 ވަނަ އަހަރަށްފަހު، ވޯލްޑް ކަޕްގެ ޖާގައެއް އިޓަލީއަށް ގެއްލުނު ފުރަތަމަ ފަހަރެވެ.

ރޭ ކުޅުނު ދެ ވަނަ ލެގު މެޗަށްފަހު، ހިތާމައިގެ އަސަރު ފެނިގެންދިޔަ އިޓަލީ ޓީމުން ރިޓަޔާކުރިކަން އިއުލާންކުރި ޑި ރޮސީ އާއި ބަރްޒަގްލީ އަކީ ބުފޮންއާ އެކު ވޯލްޑް ކަޕް 2006 ކާމިޔާބުކުރި އިޓަލީ ގައުމީ ސްކޮޑުގައި ހިމެނުނު ދެ ކުޅުންތެރިންނެވެ.

އިޓަލީ މިޑްފީލްޑަރު ޑި ރޮސީ: އޭނާ ވެސް ވަނީ އިޓަލީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައި --- ފޮޓޯ/ އޭޕީ

ޔުވެންޓަސްއަށް ކުޅެމުންދާ ޑިފެންޑަރު ބަރްޒަގްލީ، ގައުމީ ޓީމަށް ކުޅުން ހުއްޓާލި އިރު، 2004 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ ގައުމީ ޓީމަށް 73 މެޗު ކުޅެފައެވެ. އޭގެ ތެރޭގައި އޭނާ ވަނީ އިޓަލީއާ އެކު ދެ ވޯލްޑް ކަޕާއި ތިން ޔޫރޯ އަދި ކޮންފެޑެރޭޝަންސް ކަޕެއްގައި ވާދަކޮށްފައެވެ.

"ފުޓްބޯޅައަށް ބަލަންޏާ، މިއީ އަހަރެންގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ހިތާމަ. އިޓަލީ ޓީމަކީ ތަފާތު އިހުސާސްތަކެއް ގެނެސްދޭ ޓީމެއް. އެ ޓީމަށް ކުޅުމަކީ އިޓަލީ ސަޕޯޓަރުންނާ އެކު ބޮޑު އެކުވެރިކަމެއް އުފެދޭ ކަމެއް. މިފަދަ ގޮތަކަށް ނިމިގެންދާން ޖެހުމަކީ ބޮޑު ލަދުވެތިކަމެއް. އަހަރެންނަކަށް އެނގޭހާވެސް ކަމަކީ އަހަރެމެންނަށް ވޯލްޑް ކަޕްގެ ޖާގަ ގެއްލި ބޮޑު ހިތާމަވެރި ކަމެއް ލިބުނުކަން،" އުމުރުން 36 އަހަރުގެ ބަރްޒަގްލީ ބުންޏެވެ.

ރޯމާއަށް ކުޅެމުންދާ އުމުރުން 34 އަހަރުގެ މިޑްފީލްޑަރު ޑި ރޮސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލި އިރު، އޭނާ ވަނީ ގައުމީ ޓީމަށް 117 މެޗު ކުޅެ 21 ލަނޑު ކާމިޔާބުކޮށްދީފައެވެ. ޑި ރޮސީ ވަނީ އިޓަލީއާ އެކު ތިން ވޯލްޑް ކަޕާއި ތިން ޔޫރޯ އަދި ކޮންފެޑެރޭޝަންސް ކަޕެއްގައި ވާދަކޮށްފައެވެ.

"އަހަރެމެން ދެން ޖެހޭނީ އާ ފެށުމަކުން ފަށަން. އެއީ އަހަރެމެން ހިތާމަވެރި ކަންތައްތަކާ ކުރިމަތިލުމަށްފަހު ކުރިން ވެސް ކަންތައްކުރަމުން ދިޔަ ގޮތް. 180 މިނެޓަށްފަހު އަހަރެމެންނަށް ވޯލްޑް ކަޕުން ޖާގަ ނުލިބުން ހައްގެއް ނޫން. ސްވިޑަން އިން ދެއްކި ކުޅުމަށް އެ ޓީމަށް ތަރުހީބު ހައްގު. މިއީ އަހަރެމެންނަށް ވަރަށް ހިތާމަވެރި އިހުސާސްތަކެއް ގެނުވި ކަމެއް،" ޑި ރޮސީ ބުންޏެވެ.

comment ކޮމެންޓް