ޔުއޭފާ ނޭޝަންސް ލީގުގެ ލީގު އޭގެ ގްރޫޕް ތުރީގައި ޖަރުމަނުވިލާތާއި ހަންގޭރީ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ހަންގޭރީގައި ކުޅުނު މި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ޖަރުމަނުން ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ހަންގޭރީންނެވެ. މެޗަށް ނުކުތްއިރު ވެސް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުވެފައިވުމާ އެކު ޖަރުމަނުގެ މުހިންމު ބައެއް ކުޅުންތެރިން ފުރަތަމަ 11 ގައި ހިމަނާފައެއް ނުވެއެވެ.
މިގޮތުން، މެޗަށް ޖަރުމަނު ޓީމު ނެރެފައިވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ކުޅުނު ޓީމަށް ނުވަ ބަދަލު ގެނެސްގެންނެވެ. ނަމަވެސް، މިއާއެކުވެސް ފެނިގެންދިޔައީ ޖަރުމަނުން މެޗުގެ ބޮޑުބައި ކޮންޓްރޯލް ކުރަމުންދިޔަ ތަނެވެ.
މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ޖަހައި މެޗުގެ ލީޑު ނަގާފައިވަނީ ޖަރުމަނުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެލިކްސް ނެމޭޗާއެވެ. މިއީ އޭނާ ޖަރުމަނު ޤައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މި ނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް ހަންގޭރީއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އިތުރު ވަގުތުގެ ނުވަވަނަ މިނެޓުގައި ޑޮމިނިކް ޒޮބޯސްޒްލާއި ކާމިޔާބުކޮށްދިން ޕެނަލްޓީއަކުންނެވެ. ހަންގޭރީއަށް މި ޕެނަލްޓީ ލިބިގެންދިޔައީ ޖަރުމަނު ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ރޮބިން ކޯޗުގެ ހޭންޑް ބޯލުއެއް ވީއޭއާރަށް ފާހަގަކުރެވުމުންނެވެ.
މި ނަތީޖާއާ އެކު ޖަރުމަނުން ގްރޫޕް މަރުހަލާ ނިންމާލާފައިވަނީ ކުޅުނު ހަ މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިނުވެ 14 ޕޮއިންޓާ އެކުއެވެ.
އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ކުޅޭ ކުއާޓާ ފައިނަލުގައި ބައްދަލުކުރާނީ ކްރޮއޭޝިއާ، އިޓަލީވިލާތް ނުވަނަ ޑެންމާކުން ކުރެ ކޮންމެ ވެސް އެއް ޓީމަކާއެވެ. އަދި، ހަންގޭރީ ގްރޫޕް މަރުހަލާ ނިންމާލީ ހަ ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައިގައި އޮވެގެންނެވެ. އެހެންވެ، ހަންގޭރީއަށް ޖެހޭނީ ލީގު ބީން ދެވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން ޓީމަކާ އެކު ރެލިގޭޝަން ޕްލޭ އޮފް ކުޅޭށެވެ.
މި ގްރޫޕްގައި ދެން ހިމެނޭ ދެޓީމު ކަމަށްވާ ނެދަލަންޑްސްއާއި ބޮސްނިއާ އެންޑް ހާޒެގޮވީނާ ބައްދަލުކުރި މެޗު ވެސް 1-1 އިން ވީ އެއްވަރެވެ.
ބޮސްނިއާގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 24 ވަނަ މިނެޓުގައި ބްރައަން ބްރޮބޭ ޖަހައި، ނެދަލަންޑްސްއަށް ލީޑު ނަގައިދިން ނަމަވެސް، އާމެޑީން ޑެމިރޮވިޗްވަނީ މެޗުގެ 67 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.
މި ނަތީޖާއާ އެކު ނެދަލަންޑްސްއިން ގްރޫޕް މަރުހަލާ ނިންމާލާފައިވަނީ ނުވަ ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެެވެ. އަދި، ބޮސްނިއާ ދިޔައީ ދެ ޕޮއިންޓާ އެކު ފުލަށްކަމުން އެ ޓީމު ވަނީ ލީގު ބީއަށް ރެލިގޭޓްވެފައެވެ.