އިތުރު އެއް އަހަރު ސިޓީގައި މަޑުކުރަން ގާޑިއޯލާ ނިންމައިފި

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ކޯޗުކަމުގައި އިތުރު އެއް އަހަރު މަޑުކުރަން ޕެޕް ގާޑިއޯލާ ނިންމައިފިއެވެ.

ސިޓީއާ އެކު ޕެޕް ހަދާފައިވާ އެއްބަސްވުން މި ސީޒަނާ އެކު ނިމުމަކަށް އަންނާނެއެވެ. އޭނާގެ ކޮންޓްރެކްޓްގެ ވާހަކައަކީ ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވާ ކަމެކެވެ. ޕެޕް މި ކަމަށް އެއްބަސްވެފައިވާކަން އޭނާގެ ގާތްފަރާތްތަކާ ހަވާލާދީ އެންމެ ފުރަތަަމަ އާންމުކޮށްފައިވަނީ ދި އެތުލެޓިކްއިންނެވެ. ނަމަވެސް، މިކަން އަދި ސިޓީން ޔަގީންކޮށްދީފައެއް ނުވެއެވެ.

އުމުރުން 53 އަހަރުގެ ޕެޕް ސިޓީގެ ކޯޗުކަމާ ހަވާލުވެފައިވަނީ 2016 ވަނަ އަހަރެވެ.

މިހާތަނަށް އޭނާ ވަނީ އެ ޓީމާ އެކު 18 ތަށި ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި ޕްރިމިއާ ލީގުގެ ތަށި ހަ ފަހަރު ކާމިޔާބުކުރުމުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބުކުރުން ހިމެނެއެވެ. ސިޓީގެ މެނޭޖްމަންޓުން އަންނަނީ ޕެޕްގެ އެގްރީމަންޓް އާ ކުރުމާ ގުޅޭގޮތުން އޭނާއާ މަޝްވަރާ ކުރަމުންނެވެ.

މި ވަގުތު ޕެޕަށް ކްލަބުން ހުށަހަޅާފައިވާ އެއްބަސްވުމަކީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއް ކަމަށާއި ނަމަވެސް އޭގާ އިތުރު އެއް އަހަރު އިތުރުކުރުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.

ޕެޕްގެ ކޯޗު ކަމުގެ ދަށުން އޭނާ ވަނީ ސިޓީއަކީ އިންގްލަންޑާއި ޔޫރަޕްގެ އިތުރު ދުނިޔޭގެ ފެންވަރުގައި ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ޓީމަށް ހަައިދީފައެވެ. ޕެޕްގެ ކޯޗުކަމުގެ ދަށުން ސިޓީވެފައިވަނީ އެއް ސީޒަނެއްގައި ޗެމްޕިއަންސް ލީގު، ޕްރިމިއާ ލީގު އަދި އެފް އޭ ކަޕް ކާމިޔާބުކުރި އިންގްލަންޑްގެ ދެވަނަ ޓީމަށް ހަދައިދީފައެވެ. ހަމަ އެއާއެކު ސިޓީ ވެފައިވަނީ އިނގިރޭސި ޕްރިމިއާ ލީގު ޖެހިޖެހިގެން ހަތަރު ފަހަރު ކަމިޔާބުކުރި ފުރަތަމަ ޓީމުގެ އިތުރުން މިހާތަނަށް އެއް ސީޒަނެއްގައި 100 ޕޮއިންޓް ހަމަކުރި ހަމައެކަނި ޓީމުގެ ލަގަބު ވެސް ހޯދާފައެވެ.

ޕެޕް މީގެ ކުރިން ވަނީ ތިން ފަހަރެއްގެ މަތިން އޭނާ ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައެވެ. މިގޮތުން 2018 ވަނަ އަހަރުގެ މެއި މަހު ފުރަތަމަ ފަހަރަށް އާކުރިއިރު ދެވަނަ ފަހަރަށް އާކޮށްފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެންމެ ފަހުން އާ ކޮށްފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ސިޓީއަށް ހަތަރުވަނަ ފަހަރަށް ޖެހިޖެހިގެން މިދޔަ އަހަރު ލީގު ކާމިޔާބުކޮށްދިނުމަށް ފަހު ވާހަކަދައްކަމުން ޕެޕް ވަނީ އޭނާ މިހާރު ޓީމުގައި މަޑު ކުރުމަށްވުރެ ދިއުން ގާތްކަން ހާމަކޮށްފައެވެ.

އެ ޓީމުގެ ޑިރެކްޓާ އޮފް ފުޓްބޯލް ޒިކީ ބެގިރިސްޓައިން މި ސީޒަނަށް ފަހު ޓީމު ދޫކޮށްލާކަން ހާމަކުުރުމާ އެކު ޕެޕް ވަނީ އޭނާގެ އެއްބައި ޓީމު ދޫކޮށް ދަނީކަމަށް ވެސް ބުނެފައެވެ.

މި ސީޒަންގައި ސިޓީ އޮތީ ލީގުގައި ލިވަޕޫލްގެ ފަހަތުން ދެވަނައިގައެވެ. އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ސިޓީ ބަލިވެފައިވުމުން ފާޑުކިޔުން ވެސް އަމާޒުވެފައިވެއެވެ.

comment ކޮމެންޓް