ބުފޮން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

އިޓަލީގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން: އޭނާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައި --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕަށް ކޮލިފައިނުވެ، އިޓަލީއަށް ލިބުނު ބޮޑު ހިތްދަތި ކަމަށް ފަހު އެ ޓީމުގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

ގައުމީ ޓީމަށް ބުފޮން ކުޅުން ހުއްޓާލިކަން އިއުލާންކުރި އިރު، ކުރިއަށް އޮތް ވޯލްޑް ކަޕަކީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕްކަން ކުރިން އޭނާ ވަނީ އިއުލާންކޮށްފަ އެވެ.

އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕްގެ ޖާގައެއް އިޓަލީއަށް ގެއްލުނީ ޕްލޭ އޯފްގައި ސްވިޑަން އަތުން އެގްރިގޭޓުން ބަލިވެގެންނެވެ. ޕްލޭ އޯފްގެ ފުރަތަމަ ލެގުގައި 1-0 ލަނޑުގެ ނަތީޖާ އަކުން އިޓަލީ ބަލިވި އިރު، ރޭ ކުޅުނު ދެ ވަނަ ލެގު މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މިއީ 1958 ވަނަ އަހަރަށް ފަހު، ވޯލްޑް ކަޕްގެ ޖާގައެއް އިޓަލީއަށް ގެއްލުނު ފުރަތަމަ ފަހަރެވެ.

އިޓަލީގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން: އޭނާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައި --- ފޮޓޯ/ އޭޕީ

ޔުވެންޓަސް ލެޖެންޑް ބުފޮން ބުނީ، އޭނާއަށް ލިބުނު އެންމެ ބޮޑު ހިތާމައަކީ ވޯލްޑް ކަޕްގެ ޖާގައެއް އިޓަލީއަށް ނުލިބުން ކަމަށާއި އެކަމަކު އޭގެ ސަބަބުން އިޓަލީގެ ފުޓްބޯޅައަށް ފައިދާތަކެއް ކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"ވަރަށް ދެރަ. އިޓަލީއަށް ވަރަށް މުހިންމު ކަމެއް ހާސިލް ނުކުރެވުމަކީ މުޅި ފުޓްބޯޅައަށް ވެސް ލިބުނު ދެރައެއް. އަހަރެން އެންމެ ދެރަވާ ކަމަކީ އެއީ. އަހަރެން ދެރަވަނީ ކޮންމެހެން ގައުމީ ޓީމުން ރިޓަޔާކުރާތީކީ ނޫން. އަހަރެން ގައުމީ ޓީމަށް ކުޅޭ އެންމެ ފަހު މެޗަކީ ވޯލްޑް ކަޕްގެ ޖާގަ ނުލިބޭ މެޗަށް ވުމަކީ ލިބުނު ލަދުވެތިކަމެއް،" އޭނާ ބުންޏެވެ.

ބުފޮން ބުނީ، އިޓަލީގެ ފުޓްބޯޅައިގެ ކުރިމަގު ވަރަށް އުޖާލާ ކަމަށާއި އިޓަލީއަކީ ހިތާމައިން އަރައިގަންނަ ބައެއް ކަމަށެވެ. އަދި ކުރިމަގުގައި އިޓަލީން ނަތީޖާތަކުން ކާމިޔާބީ ދައްކާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ގައުމީ ޓީމަށް ބުފޮން ކުޅުން ހުއްޓާލި އިރު، އޭނާ ވަނީ އެ ޓީމަށް 175 މެޗު ކުޅެފަ އެވެ. އުމުރުން 39 އަހަރުގެ ގޯލްކީޕަރު ބުފޮންއަށް ގައުމީ ޓީމާ އެކު ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އޭނާ ވަނީ އިޓަލީއާ އެކު ފަސް ވޯލްޑް ކަޕާއި، ހަތަރު ޔޫރޯ އަދި ދެ ކޮންފެޑެރޭޝަންސް ކަޕްގައި ވާދަކޮށްފަ އެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕުން އިޓަލީއަށް ޖާގައެއް ލިބުނު ނަމަ، އިޓަލީ ގައުމީ ޓީމަށް ހަ ވޯލްޑް ކަޕް ކުޅުމުގެ ފުރަތަމަ ކުޅުންތެރިޔަކަށް ވުމުގެ ފުރުސަތު ބުފޮންއަށް ލިބުނީހެވެ. ފަސް ވޯލްޑް ކަޕްގައި ކުޅުމުގެ ޝަރަފް ލިބުނު އިޓަލީގެ ތިން ކުޅުންތެރީންގެ ތެރޭގައި މިހާރު ވެސް ބުފޮން ހިމެނެ އެވެ. އިޓަލީ ގައުމީ ޓީމުގެ ސްކޮޑުން އެންމެ ފުރަތަމަ ބުފޮންއަށް ޖާގައެއް ލިބުނީ 1997 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އޭރު އޭނާގެ އުމުރަކީ 19 އަހަރެވެ.

comment ކޮމެންޓް