އިލްމުވެރިންނަށް އިހްތިރާމު ކުރަން، ކުޑައިމީސް ބަހެއް ނުދަންނަވާނަން: ރައީސް

ހދ. ކުޅުދުއްފުށީގައި ޕީޕީއެމްގެ އަހަރީ ދުވަސް ފާހާގަ ކުރަން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ދީނީ އިލްމުވެރިންނަށް ފާޑުވިދާޅު ވާހަކަފުޅު ނުދައްކަވާނެ ކަމަށާއި އެ ބޭފުޅުންނަކީ އެ އެއަށްވުރެ މާ އިހްތިރާމު ކުރާ ބޭފުޅުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ހދ. ކުޅުދުއްފުށީގައި ޕީޕީއެމުން މިރޭ ބޭއްވި "އުދުހޭ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިލްމުވެރިންގެ އިލްމަކަށް ފާޑުވިދާޅުވެ، ކުޑައިމީސް ބަހެއް ނުދަންނަވާނެ ކަމަށެވެ.

"އިލްމީ ބޭފުޅުންގެ އިލްމަކަށް ނޫނިއްޔާ އިލްމީ ބޭފުޅުންގެ ވިސްނުންފުޅަކަށް އަޅުގަނޑު ކުޑައިމީސް ބަހެއް ދަންނަވާކަށް ނެތިން. އެއަށް ވުރެ މާ އިހްތިރާމު ކުރާ ބޭފުޅުން އެއީ،" ރައީސް ޔާމީން ވިދާޅުވީ އެވެ.

ރައީސް ޔާމީން އިލްމުވެރިންނަށް ތައުރީފު ކުރައްވައި މިރޭ ވާހަކަފުޅު ދައްކަވާފައިވާއިރު، ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމަށް މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު މާލޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވަނީ ބައެއް ދީނީ އިލްމުވެރިންނަށް ފާޑުވިދާޅުވެފަ އެވެ.

އެމަނިކުފާނު އެ ދުވަހު ވިދާޅުވެފައި ވަނީ ނަޝީދު ވެރިކަމަށް ގެންނައުމަށް ދީނީ އިލްމުވެރިން ކުރި މަސައްކަތްޕުޅުގެ ސަބަބުން ރައްޔިތުންނަށް ލިބުނީ "ނިކަމެތިކަން" ކަމަށެވެ.

ރައީސް ޔާމީން މިރޭ ވިދާޅުވީ އެމަނިކުފާނު އެ ރޭ ދެއްކެވި ވާހަކަފުޅުގެ "މުރާދަކީ" ވެރިކަމަށް މީހަކު އިސްކުރަން ދީނީ އިލްމުވެރިން މަސައްކަތްޕުޅު ކުރައްވާއިރު، އެ މީހެއްގެ "ފަތްފުތް" ރަނގަޅަށް ބެއްލެވުމަށް އެދޭ ކަމަށެވެ.

""އަޅުގަނޑުމެން މުޅި ދައުލަތް ހިންގުން، މުޅި ދައުލަތުގެ ކަންކަން ނިންމުމުގެ ވަލީ ހަވާލުކުރާ މީހާ އިހްތިޔާރު ކުރުމުގައި އިލްމުވެރިން ފާޑުކިޔާކަމުގައިވަންޏާ، ގޮތެއް ނެރެދެއްވާ ކަމަށްވަަންޏާ، އަޅުގަނޑު ހަމައެކަނި ވިދާޅުވި ވާހަކައަކީ ރަނގަޅަށް ރިސާޗު ކުރައްވާށޭ. އެ މީހެއްގެ ފަތްފުތް ރަނގަޅަށް ދެނެވަޑައިގަންނަވާށޭ،" ރައީސް ޔާމީން މިރޭ ވިދާޅުވި އެވެ.

ރައީސް ޔާމީން މިރޭ ވިދާޅުވީ ޕީޕީއެމަކީ ދީނީ އިލްމުވެރިންނަށް އިހްތިރާމު ކުރާ ޕާޓީއެއް ކަމަށާއި ނަމަވެސް އިލްމުވެރިންނަށް ނިސްބަތް ކުރައްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ބައެއް އިލްމުވެރިންނަށް އޭގެ އަސަރުކޮށްދި ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެންގެ ޕާޓީގެ އެއްވެސް ބޭފުޅަކު އިލްމުވެރިންނަކަށް ފާޑެއް ވިދާޅެއް ނުވާނެ. އަޅުގަނޑުމެން މި ފާޑުކިޔަނީ އިލްމުވެރިންނަކަށް ނޫން. އަޅުގަނޑުމެން މި ފާޑުކިޔަނީ ކަންކަމުގެ ނަތީޖާއާ ދޭތެރޭގައި ވިސްނާނުލެވި ކުރެވޭ ކަންކަމުން މި ބައްދަލު ކުރާ ހިތި ތަޖުރިބާތަކާ ވޭންތަކާ، އެކަންކަމަށް އަޅުގަނޑުމެން ފާޑު މި ދަންނަވަނީ،" ރައީސް ޔާމީން މިރޭ ވިދާޅުވިއެވެ.

comment ކޮމެންޓް