ޤަޟާ ޤަދަރަށް އީމާންވާ މީހަކު އޭނާގެ ހަޔާތް ހޭދަކުރަމުންދާނީ ހިތްހަމަޖެހުމާ އެކުގައި ކަމަށާއި ފިތުނައިގެ ސަބަބުން އެ ފަދަ މީހަކު ގުޑުގުޑުއަޅައިގެން ނުދާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "ޤަޟާ ޤަދަރަށް އީމާންވުން"، މި މައުޟޫއުގެ މައްޗަށެވެ.
ޤަޟާ ޤަދަރަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ހަވަނަ ރުކުނެވެ. އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނަކަށް އިންކާރުކޮށްފި މީހާ އީމާންވި ކަމުގައެއް ނުވާނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
އީމާންކަމަކީ ކޮބައިތޯ، ސަލާމްލެއްވި ޖިބްރީލުގެފާނު، ކީރިތި ރަސޫލާގެ އަރިހުގައި، ސުވާލުދެންނެވުމުން ޙަދީޘްކުރެއްވިއެވެ. "އެއީ، الله އަށާއި، އެކަލާނގެ މަލާއިކަތުންނަށާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތަކަށާއި، އެކަލާނގެ ފޮނުއްވި ރަސޫލުންނަށާއި، އާޚިރަތް ދުވަހަށާއި، ހެޔޮ މިންވަރާއި ނުބައި މިންވަރަށް ތިބާ އީމާންވުމެވެ." ޚުތުބާގައި ބުންޏެވެ.
ޚުތުބާގައިވަނީ عُبَادَةُ بنُ الصَّامِتِ رَضِيَ اللهُ عَنْهُ، އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވި ބަސްފުޅަކުން މިސާލު ނަގައިފައެވެ.
"އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން ތިބާއަށް މާތްﷲ މިންވަރު ކުރައްވައިފައިވާ ކަމެއް ތިބާއަށް ނުޖެހި ނުދާނޭ ކަމަށާއި، އަދި ތިބާއަށް އެކަލާނގެ މިންވަރު ކުރައްވައިފައި ނުވާ ކަމެއް ތިބާއަށް ނުޖެހޭނެކަން ދެނެގެންފުމަށް ދާންދެން އީމާންކަމުގެ ޙަޤީޤީ ރަހަ ތިބާއަކަށް ނުލިބޭނެތެވެ،" ޚުތުބާގައި ބުންޏެވެ.
عُبَادَةُ بْنُ الصَّامِتِ رَضِيَ اللهُ عَنْهُ އެ ކަލޭގެފާނުގެ ދަރިކަލުންނަށް އެ ދަސްކޮށްދެއްވީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ޤަޟާ ޤަދަރަށް އީމާންވުމުގެ މުހިންމުކަމުގެ ވާހަކަ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި ޤަޟާ ޤަދަރަށް ފުރިހަމައަށް އީމާންނުވާ ނަމަ، އޭނާގެ އީމާންކަން ފުރިހަމަ ނުވާނޭ ވާހަކަ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ, ޤަޟާ ޤަދަރަށް ނުވަތަ ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމުގައި ހަތަރު ކަމަކަށް އީމާންވާން ޖެހޭނެ ކަމަށެވެ.
- ފުރަތަމަ ކަމަކީ، މާތްﷲ ހުރިހައި ކަމެއް ދެނެވޮޑިގެންވާކަމަށް އީމާންވުން.
- ދެވަނަ ކަމަކީ اَللَّوْحُ الْمَحْفُوْظُ ގައި، މާތްﷲގެ ހުރިހައި ކަމެއް ލިޔުއްވައިފައިވާކަމަށް އީމާންވުން.
- ތިންވަނަ ކަމަކީ ކޮންމެ ކަމެއްވެސް ހިނގަމުންދަނީ ﷲގެ އިރާދަފުޅުންކަމާއި، އިރާދަފުޅާ ނުލައި އެއްވެސްކަމެއް ނުހިނގާނެކަމަށް އީމާންވުން.
- ހަތަރުވަނަ ކަމަކީ ކައުނާއި ކައުނުގައި ވާހައި ތަކެއްޗެއް ހެއްދެވީ اމާތްﷲ ކަމަށް އީމާންވުން.
ޚުތުބާގައި ބުނީ, ދަތި އުނދަގޫކަމެއް ދިމާވުމުން އެފަދަ މީހަކު ބަލިކަށިވެގެން ވެސް ނުދާނެ ކަމަށެވެ. ހުރިހާ ކަމެއް މެދުވެރިވެގެންދަނީ މާތްﷲގެ ޢިލްމުފުޅާއި އެކަލާނގެ އިރާދަފުޅުންކަން އިޢުތިޤާދުކުރާ ބަޔަކު ބިރުގަނެ، ހިތްނުތަނަވަސްވެ، މާޔޫސްވާކަށް ނުޖެހޭނެ ކަމަށެވެ. އަދި, އޭނާއަށް ދިމާވެފައިވާ ކަންކަމާ، ހިތާމަކޮށް ފުރާނައަށް ގެއްލުމެއް ނުދޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.
މާތް ﷲ މި ކައުނުގައި ލައްވައިފައިވާ ހުރިހައި ކަމެއް ލައްވައިފައިވަނީ އަޅުތަކުންގެ މަސްލަހަތަށްޓަކައިކަން ފާހަގަކޮށް ޚުތުބާގައި ބުނީ, އަހަރެމެންނަށް އެކަން އެނގުނުކަމުގައި ވިޔަސް، އަދި ނޭނގުނު ކަމުގައި ވިޔަސް ހިނގާ ހުރިހާ ކަމަކީ އެ ކަމުގައި އެންމެ މަސްލަހަތު ހުރި ގޮތް ކަމަށެވެ. އަދި, އެކަލާނގެ ހައްދަވައިފައިވާ ތަކެއްޗާއި އެ ތަކެއްޗަށް މިންވަރުކުރައްވައިފައިވާ ގޮތް ދެނެވޮޑިގެންވަނީ ހަމަ އެކަލާނގެ ކަމަށާއި އެކަލާނގެއީ ހުރިހައި އުނިސިފަތަކަކުން ހުސްދުރުވެވޮޑިގެންވާ ރަސްކަލާނގެ ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ, މާތްﷲ އެއްވެސް އަޅަކަށް ނުއުފުލޭވަރުގެ ތަކުލީފެއް ނުޖައްސަވާނެ ކަމަށެވެ. އެކަލާނގެއީ އެންމެ އަދުލުވެރި، އެއްވެސް އަޅަކަށް އަނިޔާވެރިވެވޮޑި ނުގަންނަވާ ރަސްކަލާނގެކަމަށް ޚުތުބާގައ ބުންޏެވެ.
ދިމާވާ މުސީބާތްތަކުގައި އެންމެ ވަރުގަދަ ހަތިޔާރަކަށް ވާންޖެހޭނީ ޤަޟާ ޤަދަރަށް އީމާންވުމާއި، ކެތްތެރިކަން އިސްކުރުން ކަމަށާއި އީމާންކަމާއި، ކެތްތެރިކަމުން ހިމާޔަތް ލިބިގެންފިނަމަ، ދުނިޔެއާއި އާޚިރަތުގައި ދަރުމައާއި، ސަވާބު ހިސާބެއްނެތި ދެއްވާނެކަން ހަނދާންކޮށްދީ ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.