"މަންފާ"ގެ ނަމުގައި އަލީ ރަމީޒުގެ ޖަމިއްޔާއެއް، އެދުނީ ދިވެހިން އެއްބާރުލުން ދިނުމަށް

އަލީ ރަމީޒް --

ދީނީ ޢިލްމު ކުރިއެރުވުމަށް މަސައްކަތް ކުރައްވާ އަލީ ރަމީޒު "މަންފާ"ގެ ނަމުގައި ޖަމިއްޔާއެއް އުފައްދައިފިއެވެ.

މިކަން އޭނާ ހާމަކުރީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ.

މި ޖަމިއްޔާއާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަމުން އަލީ ރަމީޒު ބުނީ، މި ޖަމިއްޔާއަކީ ދީނީ ދައުވަތުތައް ދިނުމާއި، އިޖުތިމާއީ މަސައްކަތް ކުރުމުގެ އިތުރުން އިންސާނީ އެހީ ފޯރުކޮށްދިނުމަށް އުފެއްދި ޖަމިއްޔާއެއް ކަމަށެވެ.

އެގޮތުން، މި ޖަމިއްޔާގެ ފަރާތުން ފަންޑް ރައިޒިން ފަދަ ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށް އޭނާ ބުންޏެވެ. މި ޖަމިއްޔާގައި ޝާމިލްވަނީ ކިތައް މީހުންތޯ ސުވާލު ކުރުމުން އޭނާ ބުނީ ޖަމިއްޔާއަށް މީހުން ވައްދާނީ މި ޖަމިއްޔާގެ މަސައްކަތްތައް ފެށުމުން ކަމަށެވެ.

އަލީ ރަމީޒް އުފެއްދި ޖަމިއްޔާ "މަންފާ"ގެ ލޯގޯ --

"އަދި ހަމަ ކިރިޔާ މި ރަޖިސްޓްރީ ވީ. އަޅުގަނޑުމެން ރަޖިސްޓްރީވީމަ ދެން ދާނީ ކުރިއަށް. ދެން ހަމަ ކުރިއަށް އޮތް ތަނުގައި ތިބައި އަދި އަންނާނީ،"

"ޖަމިއްޔާގެ ހުރިހާ މަސައްކަތެއްގައި ވެސް އެއްބާރުލުން ބޭނުންވާނެ. ދިވެހި ހުރިހާ ރައްޔިތުންގެ ފަރާތުން ޖަމިއްޔާއަށް އެއްބާރުލުން ބޭނުންވާ ވާހަކަ ފާހަގަކޮށްލަން ބޭނުން،" އަލީ ރަމީޒް ބުންޏެވެ.

ދީނީ އިލްމު ކުރިއެރުވުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުއް ސަލަފުން އަލީ ރަމީޒު ވަނީ މިދިޔަ މަހުގެ 21ވަނަ ދުވަހު އިސްތިއުފާ ދީފައެވެ. އޭނާ އަކީ އެ ޖަމިއްޔާގެ މުއައްސިސެކެވެ.

އަލީ ރަމީޒު ދިވެހިންގެ ތެރޭގައި ފުރަތަމަ މަޝްހޫރުވީ ކުޅަދާނަ ލަވަކިޔުންތެރިއެއްގެ ގޮތުގައެވެ. ނަމަވެސް، ފަހުން ލަވަކިޔުން ހުއްޓާލައި އޭނާ ވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް