އޭނާއަކީ އޭރު ޓީވީއެމްގެ ސީނިއާ ޕްރޮޑިއުސަރެކެވެ. މަރުވިޔަސް ހެޔޮ ކަމަށް ބަލައިގެން، ބަޣާވާތް ކުރި މީހުންނާ ދެކޮޅަށް އޭނާ އެ ދުވަހު ނުކުތެވެ. ކަން ހިނގި ގޮތް އާންމުނަށް ގެނެސްދިނުމަށްޓަކާ "ޖެހުނު ކަމެއްވިއްޔާ ކުރި" ކަމަށް އޭނާ ބުންޏެވެ.
ނަވާރަ ދިވެހިން ޝަހީދުކޮށްލި އުދުވާނީ ހަމަލާއަށް މިއަދު 29 އަހަރު ފުރުނުއިރު، އެ ދުވަހު ވީޑިއޯކޮށްފައިވާ މަންޒަރަކުން އޭނާގެ އާދަޔާ ހިލާފު ޖޯޝެއް ފެނިގެންދެ އެވެ. ރުޅި އިސްކޮށް، ބަޣާވާތް ކުރި މީހުންނާ ދިމާލަށް ސުވާލު ކުރީ ހަތިޔާރާއެކު ވަށައިގެން ތިބި ސިފައިންގެ ކުރިމަތީގަ އެވެ.
އެ މީހަކަކީ ރާއްޖޭގެ މަޝްހޫރު ކޮމޭޑިއަން ޔޫސުފް ރަފީއު (ޔޫސޭ) އެވެ.
ވީޑިއޯއިން ފެންނަ ގޮތުން ނޫސްވެރިންތަކުގެ ތެރޭގައި ހުރެ ހަޅޭލަވަމުން އެ ސުވާލުތައް ބަންޑުންކޮށްލީ އަހުމަދު ނާސިރު (ސަގަރު ނާސިރަ)ށެވެ. ސުވާލު ޒުވާބަކަށް ބަދަލުވި އެވެ.
ވީޑިއޯއިން ފެންނަ ގޮތުން ޓީވީއެމްގެ އޭރުގެ ޕްރެސެންޓަރު އަދި ކުރީގެ ފިލްމީ ތަރި އިސްމާއިލް ވަޖީހު އެތަނުގެ ހާލަތު ކިޔައިދެމުންދެ އެވެ. ފުލުފުލުން ސުވާލުތައް ކުރަމުން ދިޔައީ ޔޫސޭއެވެ. ރުޅިއައިސްފައި ހުރެ އެވެ.
ޔޫސޭގެ ޒުވާބު ފުރަތަމަ ވެސް ފެށީ މިގޮތަށެވެ. "އޭ ކީކޭ؟"
"މާލެ، މާލެ ލުތުފީ އަޅުގަނޑު ގޮވައިގެން މާލެ އައީ،" ސަގަރު ނާސިރު ބުންޏެވެ.
ލުތުފީއޭ، ދެން ކީއްކުރަން ކަލޭ އުޅުނީ މާލެ މަގުމަތީގަ. ބަޑިއެއް ހިފައިގެން؟
"ބަޑިއެއް ހިފައިގެން ނޫން. ލުތުފީގެ އޯޑަރަށް އަޅުގަނޑު މަގުމަތީގައި އުޅުނީ،"
އަހަރެން ދެކުނީމޭ ސޯޓުބުރިއެއް ލައިގެން ކަލޭ އުޅުނު....
އެންމެ ފަހުން ސަގަރު ނާސިރު އަނގަ އޮޅުނެވެ. އަނގަ ބަންދުވިއެވެ. މީގެ ތިން އަހަރު ކުރިން ސަގަރު ވަނީ މިނިވަންވެފައެވެ. އަދިވެސް އޭނާ ދަނީ ބަޣާވާތުން ރެކެންވެގެން އެ ރާގަށް ވާހަކަދައްކަމުންނެވެ.
ނޮވެމްބަރު 3،ގެ ވީޑިއޯއިން ފެނިގެން ދަނީ ޔޫސޭ އެ ސުވާލުތައް ރުޅިވެރި ރާގެއްގައި ކުރަމުންދިޔަ މަންޒަރެވެ. ނޫސްވެރިންނާއެކު ހުރެ، ޔޫސޭ އެ ސުވާލުތައް ކުރީ ޖުމްހޫރީ މައިދާން ސަރަހައްދުން ބާޣީން 'ކަސްތޮޅު' އަޅުވައިގެން ގެންދަނިކޮށެވެ. އެ ބާޣީންނަކީ ދިވެހިންތަކެއް ބައިވެރިވެގެން ރާއްޖެ ގެނައި، ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް)ގެ ޓެރަރިސްޓުންނެވެ. މާލޭ ބަނދަރުގައި އަޅާފައި އޮތް "އެމްވީ ޕުރޮގްރެސް ލައިޓް"ގައި ދިވެހިންތަކެއް ރަހީނުކޮށްގެން ފިލަން އުޅެނިކޮށް އަތުލި މީހުން، ޖުމްހޫރީ މައިދާނުންލާފައި ވެއްދީ ބަނޑާރަކޮށްޓަށެވެ.
"އެކަންތައްތައް ފެނިފައި ހުރީމަ އައިސްފައި ހުރި ރުޅި، އެންގާ ކޮންޓްރޯލު ނުވެގެން އައި 'ކިކެކޭ' އަޅުގަނޑަށް ބުނެވޭނީ،" މީގެ 29 އަހަރު ކުރިން ހިނގި އެ ހާދިސާގެ މައުލޫމާތު ހޯދުމަށް އެ ސަރަހައްދަށް ދިޔަ ޔޫސޭ "ސަން"އަށް ބުންޏެވެ.
ޔޫސޭ ބުނި ގޮތުގައި ކުލީ ސިފައިންނާއެކު، ލަންކާގެ ޕްލޮޓު ޖަމާއަތް ރާއްޖެއަށް ގެނައުމުގައި އިސްދައުރެއް އަދާކުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީއާ ވެސް އެ ދުވަހު އޭނާ ސުވާލު ކުރި ކަމަށެވެ. ނަމަވެސް އޭނާ ޖަވާބެއް ނުދިން ކަމަށް ޔޫސޭ ބުންޏެވެ.
"ލުތުފީ އެއްވެސް އެއްޗެކޭ ނުބުނޭ. އެތަނުން އަޅުގަނޑަށް އެނގުނު އޭނައަކީ ކްރިމިނަލް، އެކަމުގެ ހަމަ ސީދާ މެއިން މީހާކަން،" ބަޣާވާތުގެ ކުށް ސާބިތުވެ، އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދަނިކޮށް ބޭސްފަރުވާއަށް ސްރީލަންކާއަށް ގޮސް 2011 ވަނަ އަހަރު ފިލާފައިވާ ލުތުފީއާ ގުޅޭ ގޮތުން ޔޫސޭ ބުންޏެވެ.
އެ ދުވަހު ދިވެހި ނޫސްވެރިން ކުރި މަސައްކަތާ އަޅާބަލާއިރު، ޔޫސޭގެ މަސައްކަތް ވެސް ވަކި ކުޑައެއް ނޫނެވެ. ދިވެހި ނޫސްވެރިން އެ ދުވަސްވަރު އަވަދިނެތި އުޅުނީ ހާލަތު ކިޔައިދިނުމަށެވެ. ދިވެހިންނަށް އެކަންޏެއް ނޫނެވެ. ރާއްޖެ އައި ބޭރުގެ ނޫސްވެރިންނަށް ރާއްޖޭގެ ހާލަތު ކިޔައިދިނުމަށެވެ. ހުށިޔާރުކަމާއެކު ދިވެހި ސިފައިން ކުރި ޖިހާދުގެ ވާހަކަ އާއި ދިވެހިންގެ ތެރޭގައި އޮތް އެއްބައިވަންތަ ކަމަށް ހަސަދަވެރިވެ، ރޭވި ޕްލޮޓް ނާކާމިޔާބުވުމުން، ދެން ފެށިގެން ދިޔަ ޝަރީއަތްތަކުގެ ވާހަކަތައް ވެސް ގެނެސްދިނީ ލިޔުންތެރިންގެ ބުރަ މަސައްކަތުންނެވެ.
އެ ދުވަހުގެ ވާހަކަތަކުން މިއަދުގެ ނޫސްވެރިންނަށް ލައްކަ ގިނަ ވާހަކަ ކިޔައިދޭނެ އެވެ. ބިރުވެރިކަމުގެ ތެރޭގައި ވެސް، މައުލޫމާތު ހޯދައި ފެތުރުމަށް ފަސްޖެހިގެން ނުވާނެ ކަމެވެ. އަންނާނެ އުންޑައަކަށް ފަރުވާލެއް ނެތި ފަސްނުޖެހި ކެރެންވީ ހަގީގަތް ހޯދުމަށެވެ. ތިލަފަށަލައިން އޭގެ އެންމެ ފުންމިނާ ހަމައަށް މަސްދަރު ހޯދުމަށް ހުރި ހުރަސްތަކަށް ނައްތާލުމަށް ކެރިގެން ނުކުތުމަށެވެ.
"ޓީވީއެމްގެ އާކައިވުގެ ހުރިހާ ޓޭޕެއް އިންޑިއާ ސިފައިން ގެންދިޔަ"
ކީއްކުރަންތޯ އެ މީހުން ރާއްޖެ އައިސް ރާއްޖޭގެ ސަގާފަތާއި މި ހުރިހާ ކަންތައްތަކާ ރައީސުލްޖުމްހޫރިއްޔާގެ ތަގުރީރުތަކާއި އެނަކެއްޗަކާއި ހުރިހާ އެއްޗެއް ގެންދާނީ. ކިތައް ޓޭޕުތޯ ގެންދިޔައީ ޔޫސޭ
ޔޫސޭގެ ވާހަކަ ނިންމާލަމުން އިތުރު ވާހަކައެއް ވެސް އޭނާ ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި ޓީވީއެމްގެ ވީޑިއޯ އަރުޝީފު، ނުވަތަ އާކައިވު ކޮޕީކޮށްގެން އެއްކޮށް ކަހަލަ ގޮތަކަށް ޓޭޕުތަކެއްގައި އިންޑިއާ ސިފައިން ގެންދިޔަ އެވެ.
"އަޅުގަނޑު ހުރީ ކާނަލް ޖޯޝީ ކައިރީގައި. ދެން ބުނީ މީނަ ބޭނުންވާ ހުރިހާ އެއްޗެއް ދޭށޭ. ދެން އަޅުގަނޑުމެންގެ ކަމަކީ ޓީވީ މޯލްޑިވްސްގައި ހުރި ރާއްޖެއާ ބެހޭ ހުރިހާ އެއްޗެއް ކޮޕީ ހަދާފައި އެ މީހުންނަށް ދިނުން. ހުރިހާ އެއްޗެއް. ހުރިހާ އެއްޗެއް،" ޔޫސޭ ބުންޏެވެ.
އެ ހުރިހާ އެއްޗެއް އިންޑީއާ ސިފައިން ގެންދަން ޖެހުނު ސަބަބާ ބެހޭ ގޮތުން ވެސް އޭނާ ސުވާލު އުފެއްދި އެވެ.
"ކީއްކުރަންތޯ އެ މީހުން ރާއްޖެ އައިސް އުދުވާނީ ހަމަލާއަކުން ސަލާމަތްކޮށްފައި ޓީވީ މޯލްޑިވްސްގައި ހުރި ރާއްޖޭގެ ސަގާފަތާއި މި ހުރިހާ ކަންތައްތަކާ ރައީސުލްޖުމްހޫރިއްޔާގެ ތަގުރީރުތަކާއި އެނަކެއްޗަކާއި ހުރިހާ އެއްޗެއް ގެންދާނީ. ކިތައް ޓޭޕުތޯ ގެންދިޔައީ،" ޔޫސޭ ބުންޏެވެ.
"ނޮވެމްބަރު ތިނަކާ ގުޅޭ އެއްޗެހި އެކަންޏެއް ނޫން އިނގޭތޯ؟ ހުރިހާ އެއްޗެއް، އާކައިވު އެއްކޮށް ގެންދިޔައީ. މިއޭ އަޅުގަނޑު މި ދައްކާ ވާހަކައަކީ."
ޔޫސޭ އެ ވިދާޅުވީ ތެދެކެވެ. އިންޑިއާގެ އަސްކަރިއްޔާއާ ގުޅުންހުރި އިންޓަނެޓްގެ ޕްލެޓްފޯމުތަކުގައި ރާއްޖޭގެ އެ ދުވަސްވަރުގެ ހާލަތާ ބެހޭ ވީޑިއޯތައް އާންމުކޮށްފައި އެބަހުއްޓެވެ. ޕްލޮޓުގެ ބައިވެރިން އަތުލި، "ކެއްޓަސް އޮޕަރޭޝަނުން" އިންޑިއާއިން އަދިވެސް ދަނީ މެޑަލް ޖަހަމުންނެވެ. ޝުކުރުވެރި ހިތަކުން ދިވެހިން ވެސް އެ ވާހަކަ ދައްކަ އެވެ.