ގާތްގަނޑަކަށް ސާޅީހަކަށް ކުދިން ގޮވައިގެން އޭނާ އުޅެނީ އެއްވެސް އަރާމެއް، ހަމަޖެހުމެއް ނެތިއެވެ. ރެއާއި ދުވާލުގެ ވަގުތުތައް ހުސްކޮށްލަނީ އަމިއްލަ އާއިލާއާ ދުރުގައެވެ. ދަރިންގެ ހިތް ރޮއްވައިފައެވެ. އަމިއްލަ ދަރިންނަށް ނުވި ނަމަވެސް އޭނާ އެ އުފުލަނީ އެ ސާޅީހަކަށް ކުދިންގެ ބައްޕައެއްގެ ޒިންމާއެވެ.
މިއީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލް)ގައި ފުލުހުން ތަމްރީނުކުރުމުގެ މަސައްކަތުގައި ބުރަކޮށް އުޅެމުންދާ އިންސްޓްރަކްޓަރެއްގެ ވާހަކައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގައި 18 ވަރަކަށް އަހަރުގެ ތަޖުރިބާހުރި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހީމް އިޝާން މިހާރު މަސައްކަތްކުރަމުން ދަނީ އެންސީޕީއެލްގެ ސްކޮޑް ސުޕަވައިޒަރެއްގެ ގޮތުގައެވެ. އެތައް ގުރުބާނީއެއް ވެގެން ނަމަވެސް އޭނާގެ އޮތީ އެންމެ ޒިންމާއެކެވެ. ގާބިލު، ހަރުދަނާ އަދި ގައުމު ދެކެ ލޯބިވާ ފުލުހުންތަކެއް މުޖުތަމައުއަށް ނެރެދިނުމުގެ ބުރަ ބޮޑު މަސައްކަތެވެ.
މީގެ ކުރިން ފުލުހުންގެ ޚިދުމަތުގައި އެކި މަގާމުތައް ފުރުމަށްފަހު، އިޝާން އޭނާގެ ކުޑަކުޑަ އާއިލާއާއެކު އައްޑުއަށް ބަދަލުވީ އޭނާގެ ޝައުގުވެރިކަން ކުދިން ތަމްރީނުކުރުމަށް ހުރުމާވެސް އެކުއެވެ. އެގޮތުން 2022 ވަނަ އަހަރުން ފެށިގެން އެންސީޕީއެލްގައި މަސައްކަތްކުރަމުން ގޮސް މިހާރު އިޝާން ތަމްރީނުކުރަމުން އަންނަނީ އޭނާގެ ފަސް ވަނަ ބެޗެވެ.
"އަޅުގަނޑަށް ކުދިން ގެންގުޅުން އަދި މީހުން މެނޭޖުކުރުން އެއީ ތަންކޮޅެއް ފަސޭހަކަމެއް. އެހެންވެ އަޅުގަނޑު ބޭނުންވީ މި ރަށަށް އައިސް މި މަސައްކަތްކުރަން،" ސަން އާ ވާހަކަދައްކަމުން އިޝާން ވިދާޅުވިއެވެ.
ޓްރެއިނިން އިންސްޓަރަކްޓަރެއްގެ ޒިންމާ ނުހަނު ބޮޑު
ޓްރެއިނިންގެ ފުރަތަމަ އެއް މަސް ދުވަސްތެރޭ ބެލެނިވެރިއެއްގެ ރޯލު އަދާކުރަން ޖެހޭއިރު، އެންމެ ބޮޑު އިސްކަމެއް ދެނީ ޓްރެއިނިންގެ ބައިވެރިން ދީނީ ކަންތައްތަކަށް އަހުލުވެރިކުރުވުމަށް ކަމަށް އިޝާން ކިޔައިދެއްވިއެވެ. އެގޮތުން އެންމެ ފުރަތަމަ ވެސް ދުވަސް ފަށަނީ ފަތިސް ނަމާދުންނެވެ.
"އެންމެ ބޮޑު އިސްކަމެއް ދޭނީ ދީނީ ކަންތައްތަކަށް. އެއްވެސް ނަމާދެއް ފަސް ނުކުރެވޭނެ. މިސާލަކަށް އިޝާ ނަމާދުކޮށްގެން ނޫނީ ރޭގަނޑު ކާކަށް ވެސް ނުދެވޭނެ. ނަމާދު އިސްވާނީ،" އިޝާން ވިދާޅުވިއެވެ.
ދެން އެންމެ ބޮޑު އިސްކަމެއްދޭ އެއްކަމަކީ ކުދިންގެ ސިއްޙީ ހާލަތެވެ. އެގޮތުން ޓްރެއިނިންގެ ތެރެއިން ކުއްޖަކަށް ކަމެއް ދިމާވެއްޖެ ނަމަ މެޑިކަލް ޓީމުން އެތަނަކަށް ވަގުތުން ގޮސް ކުއްޖާއަށް ފަރުވާދޭނެ ކަމަށް އިޝާން ވިދާޅުވިއެވެ. އަދި ކުދިންނަށް ވަގުތުން ދޭންޖެހޭ ފަރުވާއެއް އޮތްނަމަ އެ ފަރުވާއެއް ދިނުމަށް ހޮސްޕިޓަލްތަކަށް ގެންދަން ޖެހިއްޖެ ހާލަތުގައި ހޮސްޕިޓަލްތަކަށް ވެސް ގެންދާނެ ކަމަށާއި މާލެއަށް ގެންދަން ޖެހިއްޖެ ހާލަތުގައި ވެސް ކުއްޖާ ވީހާވެސް އަވަހަކަށް ގެންދާނެ ކަމަށް އިޝާން ކިޔައިދެއްވިއެވެ.
ޓްރެއިނިންގެ ތެރެއިން ޑްރިލް ކުލާސް، ސްވިމިން ކްލާސް، އިންޑޯ ކްލާސް، އައުޓްޑޯ ކްލާސް އަދި އިތުރު އެހީ ބޭނުންވާ ކުދިންނަށް ރިމީޑިއަލް ކްލާސްތައް ވެސް ނަގައިދެއްވައެވެ. ކްލާސްރޫމްގައި ކުދިން ޕާފޯމްކުރާ ގޮތް ބެލުމަކީ ސްކޮޑް ސުޕަވައިޒަރެއްގެ ހައިސިއްޔަތުން އިޝާން ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. މީގެ އިތުރުން ވެސް ފުލުހެއްގެ ހުންނަންޖެހޭ ސްމާޓްކަމާއި، ޔުނިފޯމް އަޅަންޖެހޭ ގޮތާއި، އަޚުލާގު ބަހައްޓަންޖެހޭ ގޮތާއި، ޒިންމާތައް ފުރިހަމަކުރުމަށް ދަސްކޮށްދީ އެ ކުދިން ތަމްރީނުކުރެވޭނެއެވެ. އެންމެ ކުޑަމިނުން ކާންޖެހޭ ގޮތާއި، އުލާއި ސަމުސަލުގައި ހިފަންޖެހޭ ގޮތާއި ސުފުރާމަތީގެ އެހެނިހެން ރިވެތި ގޮތްތައް ވެސް ދަސްކޮށްދޭނެއެވެ.
24 ގަޑިއިރު ވިސްނެނީ ކުދިންގެ އިހުސާސްތަކާއި ދޭތެރޭ
"އަސްލު ކުދިން މި އަންނަނީ ވަރަށް ނޯމަލް ލައިފެއްގަ އުޅެފަ ޓްރެއިނިންއަށް. ގިނަ ކުދިން ޓްރެއިނިންއަށް އަންނާކަށް ވަކި ތައްޔާރީތަކެއް ނުވޭ. ގިނަފަހަރަށް ކުދިން އައިސް އެންމެ ފުރަތަމަ ވެސް ހިތުގަ އުފެދޭ އެއް ސުވާލަކީ އަޅުގަނޑަށް މިކަން ކުރެވޭނެބާއޭ؟ އަޅުގަނޑަށް ޕުޝް-އަޕްސް ނޫނީ ސިޓް-އަޕްސް ހެދޭނެބާއޭ؟"
އިޝާންގެ އެ ވާހަކައިން ވެސް ކުދިންގެ އިހުސާސްތަކާ ދޭތެރޭ ވިސްނާ މިންވަރު ހާމަވެއެވެ.
އެންމެ ފުރަތަމަ ވެސް އެ ކުދިންނަށް ދަސްކޮށްދެނީ ކަސްރަތުތައް ކުރަންވީ ގޮތް ކަމަށާއި ޓްރެއިނިންގެ ފުރަތަމަކޮޅު އެހާ 'ހާޑުކޮށް' ނުޖެއްސި ނަމަވެސް މަޑުމަޑުން ލެވެލް މަތިކުރާ ކަމަށް އިޝާން ވިދާޅުވިއެވެ.
"ވަރަށް ހިތްވަރު ދެން. ބެލެނިވެރިންނާ ލޯބިވާ މީހުން އެކުދިންގެ އިންތިޒާރުގަ ތިބިކަން އެކުދިންނަށް ހަނދާންކޮށްދެނީ. އޭގެ ނަތީޖާއެއްގެ ގޮތުން އެ ކުދިން ވަރަށް ހިތްވަރުކުރޭ. އެގޮތަށް މޯޓިވޭޓްކޮށްގެން ގެންގުޅެނީ،" އިޝާން ކިޔައިދެއްވިއެވެ.
ޓްރެއިނިންގައި ކުދިން އުޅޭއިރު މޯބައިލް ފޯނަކީ ބޭނުންކުރެވޭ އެއްޗެއް ނޫނެވެ. އާންމުކޮށް ކުދިން ޓްރެއިނިންއަށް އަންނަނީ އާއިލާ ނުވަތަ އަނބިދަރިން ދޫކޮށްފައިކަން ފާހަގަކޮށް އިޝާން ވިދާޅުވީ ފޯނުކުރުމުގެ ފުރުސަތު ނުލިބި ބިޒީ ޝެޑިއުލެއްގައި އުޅެން ޖެހުމުން ދަރިވަރުން ދޭތެރެއަކުން އާއިލާއާ ގުޅުމަށް އެދޭ ކަމަށެވެ.
"ކިރިޔާވެސް ދެވޭނަމަ އެ ފުރުސަތު ދެން. ޚާއްސަކޮށް ދަރިން ދޫކޮށްފައި އައިސް ތިބޭ ކުދިންނަށް އެ ފުރުސަތު ދެން،" އިޝާން ކިޔައިދެއްވިއެވެ.

އިޝާންއާއެކު އެންސީޕީއެލްގެ އިތުރު އިންސްޓްރަކްޓަރުން --
އެތައް ގޮންޖެހުންތަކެއް، ނަމަވެސް ކުދިންނަށް ދައްކަނީ ނަމޫނާ ހިތްވަރެއް
މުދައްރިބެއްގެ ހައިސިއްޔަތުން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އާއިލާއާ ދުރުގައި މަސައްކަތް ކުރަންޖެހުން ކަމަށް އިޝާން ވިދާޅުވިއެވެ.
"މިސާލަކަށް އަޅުގަނޑު ފެމިލީ މިތަނުގައި އުޅުނެއް ކަމަކު އަޅުގަނޑަށް ވެސް ފެމިލީއަށް އެ ދޭންޖެހޭ ވަގުތެއް ނުދެވޭ. މިކޮޅުގަ މަސައްކަތްކުރަން މިޖެހެނީ ފުލްޓައިމްކޮށް. އެ ކުދިން ހޭލާ ގަޑިއަށް ހޭލާފަ، ކުދިން ނިދީމަ އަޅުގަނޑުމެންނަށް މި ނިދެނީ. ގިނަ މުދައްރިބުންނަކީ ފެމިލީ ދޫކޮށްފަ އައިސް މިކޮޅުގަ މަސައްކަތްކުރާ މީހުން. އެއީ ވަރަށް ބޮޑަށް ޗެލެންޖެއް،" އިޝާން ކިޔައިދެއްވިއެވެ.
އަނެއްކަމަކީ ކުދިން ޓްރެއިންކުރުމުގައި އުޅޭއިރު ވަރަށް މަދުން ނަމަވެސް ލިބޭ ހުސް ވަގުތުކޮޅުގައި އެޑްމިން މަސައްކަތްކުރަންޖެހޭ ޖެހުމެވެ.
ދަރިވަރުންގެ ކަންތައްތަކަށް ބަލާއިރު އެންމެ އުނދަގޫ ކަމަކީ ކުދިންގެ ފިޒިކަލް ފިޓްނެސް، ޓެސްޓުގައި އިންނަ މިންގަނޑަށް ގެނައުމަށް އެ ކުދިންނަށް ދޭންޖެހޭ ސަޕޯޓު ދިނުން ކަމަށް އިޝާން ވިދާޅުވިއެވެ. އެއީ އެންމެ ދަތިވާކަން ކަމަށާއި، ގިނަފަހަރު ފިޒިކަލީ ވަރަށް ދަށް ކުދިން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް އެ ކުދިން ފާސްކުރުމަށް ހުރިހާ މުދައްރިބުން ގުޅިގެން އަބަދުވެސް ވަރަށް ބުރަކޮށް މަސައްކަތްކުރާ ކަމަށް އިޝާން ވިދާޅުވިއެވެ.

އިޝާންއާއި އޭނާގެ އަނބިމީހާ އަދި ތިން ކުދިން ފޮޓޯއަކަށް ހުއްޓިލައިގެން --
އަމިއްލަ ދަރިންނާއި އާއިލާއާ ދުރުގައި، އެއީ ހިތްދަތިކަމެއް
އިޝާން ވިދާޅުވިގޮތުގައި އާއިލާއަށް ދޭންޖެހޭ ވަގުތު ނުދެވުމުން ވަރަށް ހިތަށް އުނދަގޫވެއެވެ. ޚާއްސަކޮށް ދަރިއަކު ނުވަތަ މައިންބަފައިން ބަލިވުމުން އެ އިހުސާސް މާ ބޮޑަށް ކުރެވެއެވެ.
"އެހެންނަމަވެސް އަޅުގަނޑުމެންނަކަށް ނޯންނާނެ އޭތި ޝޯ ކުރެވޭކަށް. އަޅުގަނޑުމެން ޓްރެއިނިން ދޭ ކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން އަޅުގަނޑުމެންނަށް އިމޯޝަންއެއް ނުދެއްކޭނެ،" އިޝާން އެ ގޮންޖެހުން ކިޔައިދެއްވިއެވެ.
ޓްރެއިނިން ފަށައިގެން ގޮސް އެއް މަސްވެގެން ދާއިރުވެސް އާއިލާއާ ގާތަކަށް ނުދެވެއެވެ. އިޝާން ކިޔައިދެއްވީ ދެން ގެއަށް ގޮސް ވަނުމުން އިވޭ ޝަކުވާތަކުގެ ވާހަކައެވެ.
"ގެއަށް ދެވުނަސް ގިނަފަހަރަށް ދެވޭނީ ދަރިން ނިދާ ފަހުން. ދަރިންނަކާ ވާހަކައެއް ނުދެއްކޭނެ. ދެން އަނެއް ދުވަހު ހެނދުނު ދިމާވާނީ. ކުދިންގެ އެންމެ ބޮޑު ޝަކުވާއަކަށް ވާނީ ބައްޕި ކީއްވެގެންތޯއޭ ސްކޫލަށް ލާން ދާން ނާންނަނީ؟ ކޮން އިރަކުންތޯއޭ ދެން ގެއަށް އަންނާނީ؟ ދުއްވާލަން ދާނީ ކޮން އިރަކުންތޯއޭ؟ އެކަހަލަ ޝަކުވާތައް ކުރޭ،" އިޝާން ވިދާޅުވިއެވެ.
"ދެން އަޅުގަނޑު އެ ކުދިން ކައިރީ ބުނަން ވަރަށް އަވަހަށް އަންނާނަމޭ. އަދި ދުށްވަން ދާނަމޭ. އެގޮތަށް އެ ކުދިންނަށް ވިސްނައިދެނީ."
އިޝާން ވިދާޅުވިގޮތުގައި އޭނާއަށް އެންމެ ބޮޑު ސަޕޯޓެއް ލިބެނީ އަނބިމީހާގެ ފަރާތުންނެވެ. އެ ދެމަފިރިންގެ ތިން ދަރިން ތިބޭއިރު އޭގެ ތެރެއިން ދެ ކުދިންނަކީ އެއްގަޑިއަކަށް ސްކޫލަށް ދާ ދެކުދިން ކަމަށާއި އެކުދިން ސްކޫލަށް ލާން ދިޔުމާއި، ބަލާ ދިޔުމުގެ އިތުރުން އެހެން ހުރިހާ ކަމެއް ކުރަނީ ވެސް އަންހެހުން އަމިއްލައަށް ކަމަށް އިޝާން ވިދާޅުވިއެވެ.
"އަޅުގަނޑު ބަލާކަށް ވެސް ނުޖެހޭނެ ގޭތެރޭގެ ކަންތައްތަކެއް. ވިސްނާކަށް ވެސް ނުޖެހޭނެ. އެހެންވެ ވަރަށް ފަސޭހަ މިތާ މަސައްކަތްކުރަން،" އަންހެނުންގެ ހިތްވަރުގަދަކަން ފާހަގަކޮށް އިޝާން ވިދާޅުވިއެވެ.

އިޝާންއާއި އޭނާގެ ސްކޮޑް: އެ ސްކޮޑުން ވަނީ 'ބެސްޓް ސްކޮޑް' ހާސިލުކޮށްފައި --
ބެސްޓް ސްކޮޑް ދެފަހަރަށް، ނަމަވެސް އެންމެ އުފަލެއް ނުވޭ
މީގެ ކުރިން އެންސީޕީއެލްގައި ހަތަރު ބެޗެއް ޓްރެއިންވެގެން ދިޔައިރު، އޭގެތެރެއިން ދެފަހަރު އިޝާންއާއި އޭނާގެ ސްކޮޑުން ވަނީ 'ބެސްޓް ސްކޮޑް' ހާސިލްކޮށްފައެވެ. ސްކޮޑަށް ލިބޭ ކާމިޔާބީއާ މެދު ވަރަށް އުފާވި ނަމަވެސް އަސްލު ހަގީގަތުގައި އެންމެ އުފާ އިހުސާސް ނުކުރެވުނުކަމަށް އިޝާން ވިދާޅުވިއެވެ. އެއީ ކީއްވެތޯ ސުވާލުކުރުމުން އިޝާން ވިދާޅުވީ 'ބެސްޓް ސްކޮޑް' ހޯދުމަށް މަސައްކަތްކުރި ކުދިންގެ ތެރެއިން އެއް ކުއްޖަކު ގްރެޖުއޭޓް ނުވި ނަމަވެސް ދެން ލިބުނު އުފާތައް އޭނާއަށް ގެއްލޭ ކަމަށެވެ.
"އޭރުން ލިބެންޖެހޭ އަސްލު އުފާވެރިކަން ނުއެއް ލިބޭ އެންމެ ކުއްޖަކު ވެސް ފެއިލްވެއްޖެއްޔާ،"
ހަގީގަތުގައި އިޝާންއާއެކު އެންސީޕީއެލްގައި ފުލުހުން ތަމްރީނުކުރުމަށް އުޅޭ ކޮންމެ އިންސްޓްރަކްޓަރަކީ ވެސް ހިތްވަރުގަދަ، ކުޅަދާނަ ބައެކެވެ. ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ ފުލުހުން، މުޖުތަމައުއަށް ނެރުމުގައި ހަމަ ގައިމުވެސް ފަރުދާގެ ފުރަގަހުގައި އެ ވަނީ އަގު ނުކުރެވޭ ބޮޑު ގުރުބާނީއެކެވެ.