ހަމަހިމޭންކަން މަތީ ލޯ މަރާލިޔަސް އަޑު ފަނޑުވުމެއް ނެތް

މެޒޯ މުހައްމަދު: އޭނާ ވަކިވިޔަސް އަޑު ފަނޑެއްނުވޭ

އެ އަޑު ނިކަން ފިރިހެނެވެ. ބަރު، ފަލަ، އަޑެކެވެ. އެކަމަކު، ކްރީމްގޭ މުހައްމަދު މާޖިދު އެންމެ ފުރަތަމަ ލަވަކީއަކީ އެ ފިރިހެން އަޑަކުންނެއް ނޫނެވެ. ތޫލި، ހިކި، ދޮންދޮން އަންހެން އަޑަކުންނެވެ.

މުހައްމަދު ލަވަކިޔަން ފެށީ ދުނިޔެއަށް ފުރަތަމަ ލެވުނު ނޭވާގައެވެ. ރިޓާޔާކުރުމެއް ނެތި، އެންމެ ފަހު ނޭވާއާ ޖެހެންދެން ވެސް ހުރީ އޭގެ ތެރޭގައެވެ. ހަތް އަހަރުވީއިރު ވެސް ގިޓައެއްގެ ނަރުތަކާ ކުޅެލައި، ހަމައަށް ބެރުޖަހަން އެނގެއެވެ. ލަވަކިޔަން ފެށީއިރު ކިރިޔަކިރިޔާ 10 އަހަރުވާނީއެވެ. އެއީ، 1977 ގައެވެ.

އެކަމަކު، އޭރު މުހައްމަދު ލަވަކީ އަންހެން އަޑުންނެވެ.

އަންހެން މިއުޒީޝަނުން އޭރު މަދީއެވެ. ދެން އަމުދުން މުހައްމަދު ޅަކަމުން އަޑު ވެސް ނުފަޅާތީ، ހުންނަނީ ތޫލި އަންހެން އަޑެކެވެ. ބޭބެ، ކުޑަދޮން އަބްދުއްސައްތާރުގެ ބޭންޑް، ކްލަބް ކޯބްރާސްގައި އަންހެން އަޑުން ލަވަކީ މުހައްމަދެވެ.

މެޒޯ މުހައްމަދު: އޭނާ ނިޔާވީ މިދިޔަ މަހު 12 ގައި --

ދަމާ ގާޑިޔަލަކަށް ސައުންޑް އަރުވައިގެން އެއްގޭ ކަންމަތިން އަނެއްގޭ ރުއްބުޑުން ޝޯ ދިނީ 15 ރުފިޔާއަށެވެ. އެ އަގު 150 ރުފިޔާއަށް އަރައިގެންދިޔައީ ދަމާ ގާޑިޔަލުން ޕިކަޕަށް ކުރި ހިޖުރައިގައެވެ. ފުރަތަމަ ނޭވައިން ފެށިގެން ފަހު ނޭވައާ ޖެހެންދެން މުހައްމަދު އުޅުނީ ލަވައިގެ ތެރޭގައެވެ.

ކުއްލި ވަކިވުން

މުހައްމަދަށް އޭނާ ވަކިވާން އުޅޭކަން އެނގުނު ކަހަލައެވެ. އެންމެ ފަހު ވަގުތުކޮޅު އޮތީ ވީޑިއޯކޮށްފައެވެ. ބޯކޮށާލައި ނަލަ ހެދިލައި، ރައްޓެހި ރަހުމަތްތެރިންނާ ސަލާންގަލާންކޮށްލައި، އެ ކަމަށް ތައްޔާރުވެ ހުރި ކަހަލައެވެ.

ނިޔާވުމުގެ ދެ ގަޑިއިރެއްހާއިރު ކުރިން ބޯކޮށާލައި، ނަލަ ހެދިލިއެވެ. އެ މަންޒަރު އެންމެ ފަހު ފަހަރަށް ވީޑިއޯ ވެސް ކުރުވިއެވެ. އަބަދުގެ އަބަދަށް ލޯ މަރައިލުމުގެ ކުރިން ރައްޓެހިންނާ ވެސް ބައްދަލުކުރިއެވެ. އެއީ، އޭނާގެ އެންމެ ފަހު ވަގުތުކޮޅެވެ.

މެޒޯ މުހައްމަދު: ނިޔާޒީ ކޮފީއެއްގައި އިނދެފައި ގެއަށް ދިޔަތާ 45 ވަރަކަށް މިނެޓު ފަހުން --

ސިންފަނީގައި ކޮފީއެއް ބޯން އިނދެފައި ގެއަށް ދިޔަތާ 10 ވަރަކަށް މިނެޓު ފަހުން ބައެއް ރައްޓެހިންނަށް އިސްވެ ގުޅިއެވެ. 'ކަމެއް އެބަވޭ' ބުންޏޯއެވެ. ވަރުގަދަ ހާޓްއެޓޭކެއް ޖެހުނީއެވެ. އެއީ، މިދިޔަ މަހު 12 ވަނަ ދުވަހެވެ.

ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މުހައްމަދު ނިޔާވެއްޖެއެވެ. އެންމެ 59 އަހަރުގައެވެ.

ފުރަތަމަ އެއީ ޑްރަމަރެއް، އޭގެ ކުރިން ހަނގުރާމައެއް

ކްރީމް މުހައްމަދު، މެޒޯ މުހައްމަދަށް ބަދަލުވުމުގެ ކުރިއެވެ. ހިތާނީ ގޭގޭގައި ބޭބެގެ ކްލަބް ކޯބްރާސް ބޭންޑުން މިއުޒިކް ކުޅުނުއިރު މުހައްމަދަކީ ޑްރަމަރެވެ. އެ އަޑު ގަދަވަމުން ގަދަވަމުން ގޮސް، އޭރު އެންމެ ނަން ހިނގާ 'ކުއިކްސޭންޑް' ބޭންޑުން އެ މީހުންގެ ޑްރަމަރަކަށް މުހައްމަދު ހަދަން ބޭނުންވީއެވެ.

އެއީ، މުހައްމަދު ބޭނުންވި ގޮތެވެ. އޭގެ ކުރިން 'ބޯން އިން އެމް' ބޭންޑު އުފައްދައިގެން އެ ކުރި މަސައްކަތް އެއީ ކުޑަ ކަމެއް ނޫނެވެ. އެހެން ނޫން ނަމަ، މުހައްމަދަށް އެ ފުރުސަތު ނުލިބުނީހެވެ.

އެކަމަކު، މުހައްމަދަށް އެއީ މާ ފޮނި ތަޖުރިބާއެއް ނޫނެވެ.

މެޒޯ މުހައްމަދު، ދައުލަތުގެ މީޑިއާއިން ގެނެސްދިން އެ ހަނދާނުގައި ޝޯގައި ---

އެ މީހުން މަލާމާތްކުރީ މުހައްމަދުގެ ސިފައަށެވެ. ވައްތަރީ 'ހިޕީ'އަކާ ކަމަށް ބުނެ ފެންކަޅިކޮށްލީއެވެ. ހިޕީއެކޭ ބުނީ، ހަކުރުބޯ މީހަކާ ވައްތަރޭ ބުނާށެވެ. ސިފަ ހުރިގޮތުން ކުރި މަލާމާތެކެވެ. މައްލަވައެކެވެ.

މުހައްމަދަށް ހަވާލުކުރީ ސާމާނުތައް ފޮޅައި ސާފުކުރާށެވެ. އެ އެއްޗެހި ޕިކަޕަށް އަރުވައި، ބާލައި، އަތުރައި ހަދާށެވެ. ތިން މަސް ދުވަހުގެ ޕްރޮބޭޝަންގައި މުހައްމަދު ގެންގުޅުނީ އެކަން ކުރާށެވެ. ޑްރަމަރަކަށް ނޫނެވެ. ޕިކަޕުން ބާލާއިރު ޑްރަމުގައި ޖަހައިނުލާނެއެކޭ ނޫނެވެ. އެ ވަރުން ވެސް މުހައްމަދު ކުއިކްސޭންޑްގައި މަޑުކުރީ ހަމަ އެންމެ މަގުސަދެއްގައެވެ. އެ ބޭންޑަށް ދިޔަ ވެސް މަގުސަދެވެ.

އެ މީހުންގެ މުށުތެރެއިން ރިސޯޓު މިއުޒިކް މިނިވަންކުރުމެވެ. ޒުވާނުންނަށް އެ މާކެޓު ހުޅުވައިދިނުމެވެ. އެ ހަގީގަތުގައި މުހައްމަދު ކުރި ހަނގުރާމައެކެވެ. އެންމެ ބޮޑު، މުއްސަނދި ބޭންޑުތަކާ ދެކޮޅަށެވެ.

ކްރީމް މުހައްމަދު، މެޒޯ މުހައްމަދަށް ބަދަލުވުން

ރަހުމަތްތެރިއެއްގެ އެހީގައި ސިންގަޕޫރުން ސާމާނު ގެނެސްގެން 'މެޒޯ' ބޭންޑް ފެށީ 1991 ގައެވެ.

އެ ބޭންޑު ފައްޓައިގެން ފުރަތަމަ ނެރުނު 'ގުގުރި' އަލްބަމް ނެރުނީ ޓްރެކް ވަކިން ރިކޯޑުކުރެވޭނެ ގޮތެއް ވެސް ނެތްއިރެވެ. އޭގައި ހިމެނުނު ހުރިހާ ލަވައެއްގެ ޅެން ހެދީ އެއްބަނޑު އެއްބަފާ ބޭބެ އަބްދުލް މާޖިދެވެ. ދެން ނެރުނީ މާލި އަލްބަމެވެ. އެއަށް ފަހު ބޭންޑަށް 10 އަހަރުވެގެން 'ޓެންތް' އަލްބަމެވެ. އެންމެ ފަހުން ލިސްންއެވެ.

ޖުމުލަ 40 ލަވައިގެ މި ހަތަރު އަލްބަމަކީ މުޅިން ވެސް އަމިއްލަ ރާގެވެ.

ވަކިވަކި ލަވަލަވައިގެ ނަންނަން ނުގެންނާން އުޅުނަސް 'ވިސްނާ ވިސްނާ،' ފަދަ ލަވަތަކުގެ ވާހަކަނުދައްކާ މެޒޯގެ ވާހަކައެއް ނުދެއްކޭނެއެވެ. ޖުލައި 17، 2004 ގައި އެމްޓީވީން ދިވެހި ލަވައަކަށް އެންމެ ފުރަތަމަ ދެއްކީ މެޒޯގެ އެ ލަވައެވެ.

ޖިސްމު ނެތިގެން ގޮސް ހަފުސް، ރޯނުއެދުރު، އެޅި މި ކަނޑުމަތި، ދާނޭހޭ ތި ހަނދާން ފިލާ، އެއީ މެޒޯގެ އުފާވެރި ހަނދާންތަކެވެ.

9 އަހަރެއްހައި ދުވަހު ކުރި 'ކަޅު' މުޒާހަރާ

އިންޑިއާގެ އެމްޓީވީން މުހައްމަދުގެ ލަވައަކަށް ލިބުނު ފުރުސަތު އޭރު އޮތް ސަރުކާރުން ނަގާލީއެވެ. އެ ކަމާ ދެކޮޅަށް އޭނާ ނުކުތީ ހިތްވަރާ އެކުގައެވެ. ކަޅުކުލައިގައެވެ. އެ ކަމާ އިހުތިޖާޖުކުރުމުގެ ގޮތުން އަށް އަހަރާއި 11 މަސް ދުވަހު ކަޅު ހެދުމުގައި އިހުތިޖާޖުކުރިއެވެ.

އިސްޓާކީނާއި ބޮކްސާއިން ފެށިގެން އަޅާ އައިނާއި ގެންގުޅޭ ލައިޓަރު ވެސް ކަޅުކުލައިންނެވެ.

އެ އަންނައުނު ހުދަށް ބަދަލުކޮށް، އެ ހިމޭން އިހުތިޖާޖު ހުއްޓައިލީ 2008 ވަނަ އަހަރު އޭރު އޮތް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުވީ ދިގު ވެރިކަން ނިމުމުންނެވެ. މުހައްމަދު ވެސް އެ މީހަކަށް ތާއީދުކުރި، ގާތް އެކުވެރިޔާ މުހައްމަދު ނަޝީދުގެ ވެރިކަން ފެށުމުންނެވެ. ނަޝީދު ނުކުންނަވައި އެމްޑީޕީ ދޫކޮށްލައްވައި، ޑިމޮކްރެޓްސް އުފައްދަވައިގެން އުޅުއްވިއިރު ވެސް ދެގޮތެއް ނުވެ، އެއް ވާނެއްގައި އެއް ގޮތެއްގައި ހުރި އެކަކީ ކްރީމްގޭ މުހައްމަދެވެ.

މިއުޒިކްގެ ރޮނގުން 2010 ވަނަ އަހަރު ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބުނީ ވެސް ނަޝީދުގެ އަތްޕުޅުންނެވެ.

ހަމަހިމޭންކަން މަތީ ލޯ މަރައިލަންދެން މިއުޒިކީ ރަސްކަމެއްގައި

"ވަރަށް ފޮނިވާ، ވަރަށް ފަޚުރުވެރިވާ ހިސާބެއްގައި މިހާރު މި ހުރީ. އެހެން ބޭންޑްތަކަށް ކުޅުނުއިރު އަޅުގަނޑަކީ އެ ހުރިހާ ބޭންޑެއްގެ ވެސް ސާވަންޓް. ބޯއިއެއް،" މީގެ 10 އަހަރު ކުރިން 'އަވަސް' ނޫހަށް ދިން އިންޓަވިއުއެއްގައި މުހައްމަދު އޭނާގެ މިއުޒިކީ ހަޔާތާ ބެހޭ ވާހަކަ މިއުޒިކާ ނުލައި ދައްކާލިއެވެ.

އެ ބޭންޑުތަކުގައި އުޅުނީ ވެސް އެ ވަރު ދަނެގެންނެވެ. ފޮޅައި ސާފުކުރުމުގައި ވެސް ބައިވެރިވެގެންނެވެ.

މެޒޯއަށް 2010 ވަނަ އަހަރު މިއުޒިކްގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބުން ---

ނިޔާވެ، ހަމަހިމޭންކަން މަތީ ލޯ މަރައިލަންދެން ވެސް މުހައްމަދު ހުރީ މިއުޒިކުގެ އެންމެ އުހުގައެވެ. އެންމެ މަތީ ސަފުގައި ފިޔަ ޖަހަޖަހައެވެ. އެއީ، އޭނާ ބޭނުންވި ވެސް ގޮތެވެ. ރިޓަޔާކުރުމުގެ ވިސްނުން ނުވެސް ވިސްނައެވެ. އެއީ، ގަބޫލުކުރި ހަމައެއް ވެސް ނޫނެވެ. އެކަމަކު، ފަހުން މިއުޒިކް ކުޅުނީއަކީ ލާރި ހަދާކަށް ނޫނެވެ. ހިތްހަމަޖެހުމަށެވެ.

"ޓްރޫ އާޓިސްޓުން، މިއުޒީޝަނުންނަކީ ރިޓަޔާކުރާ ބައެއް ނޫން. އެކަމަކު މިއަދު އަޅުގަނޑު މިއުޒިކް މި ކުޅެނީ އާމްދަނީއެއް ހޯދާކަށް ނޫން. އުފަލަށް،" މުހައްމަދު އެ އިންޓަވިއުގައި ބުންޏެވެ.

ހަމަހިމޭންކަން މަތީ ލޯ މަރައިލުމާ ހަމައަށް މުހައްމަދު ހުރީ އެ އުފާ ހޯދަހޯދައެވެ. އެ އުފަލުން އެންމެންނަށް ބައި އަޅައަޅައެވެ. އެ ލަވަތަކުގެ ކަޑިތަކުން މީހުންގެ ސިކުނޑިއާއި ހިތާއި ރޫހާ ވެސް ކުޅެކުޅެލައެވެ. އެކަމަކު، މުހައްމަދުގެ ވަކިވުމަށް އެންމެން އެއް އަޑަކުން ބުނީ އެކައްޗެކެވެ. އެއީ؛

'ދާނޭހޭ ތި ހަނދާން ފިލާ،

ވޭނާއި ހޫނާ ދޫކޮށްފައި،'

އެ ލަވައިގައި ބުނާހެން، ހަމަހިމޭންކަންމަތީ ލޯ މަރާލީއެވެ. އެކަމަކު، އެ އަޑު ފަނޑުވުމެއް ނެތި އަދިވެސް ގުގުމަގުގުމާ އެބަހުއްޓެވެ.

comment ކޮމެންޓް