ސްރީލަންކާގެ ތަމަޅަ ޓައިގަރުންނާ ގުޅިގެން ދިވެހިންގެ ބަޔަކު ނޮވެންބަރު 3، 1988ގައި ރާއްޖެ އަރައި ހިންގި އުދުވާނުގައި 19 ދިވެހިން ޝަހީދުކޮށްލި މައްސަލާގައި އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ހުރި ސަގަރު އަހުމަދު ނާސިރު ޖަލުން މިނިވަންވެއްޖެ އެވެ.
ހޯމް މިނިސްޓްރީގެ އިންފޮމެޝަން އޮފިސަރު ތަޒްމީލް އަބްދުއްސަމަދު "ސަން"އަށް މިއަދު ވިދާޅުވީ އުމުރު ދުވަހުގެ ޖަލު ހުކުމް ފުރިހަމަކޮށްފައިވުމުން ސަގަރު ނާސިރު ޖަލު ހުކުމުން މިނިވަން ކުރީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށެވެ. ގާނޫނުލް އުގޫބާތު ބުނާ ގޮތުން އުމުރަށް ޖަލަށްލާ މީހެެއްގެ ޖަލު ހުކުމުގެ މުއްދަތަކީ 25 އަހަރެވެ. ސަގަރު ނާސިރު އުމުރަށް ޖަލަށްލީ 1989 ގަ އެވެ.
"ސަގަރު ނާސިރު ވަނީ މިދިޔަ ހަފްތާގައި މިނިވަން ކޮށްފައި. އެއީ އޭނާ ތަންފީޒް ކުރުމުންދިޔަ 25 އަހަރު ޖަލުގެ ހުކުމުގެ މުއްދަތު ހަމަ ވުމާއި ގުޅިގެން،" ތަޒަމީލް ވިދާޅުވި އެވެ.
ސަގަރު ނާސިރު ވަނީ ޖަލު ހުކުމް ތަންފީޒް ކުރުމުންދަނިކޮށް 2009 ވަނަ އަހަރު ސްރީލަންކާއަށް ބޭސްފަރުވާ އަށް ދިޔުމަށްފަހު ފިލާފައެވެ. ދެ މަސްދުވަހަށް ރާއްޖެއިން ބޭރަށް ބޭސްފަރުވާ އަށް ފޮނުވުމުން މުއްދަތު ހަމަ ވުމަށްފަހު ފިލައިގެން އުޅެނިކޮން އޭނާ އަނބުރާ ޖަލަށް ބަދަލުކުރީ 2012 ވަނަ އަހަރުގެ މެއި މަހު އެވެ.
ސަގަރު ނާސިރުގެ އިތުރުން ނޮެވެންބަރު 3ގެ އުދުވާނުގައި ހައްޔަރުކުރި ދިވެހިންގެ ތެރޭގައި ހިމެނޭ އަދި އެ އުދުވާނުގައި އެންމެ އިސްކޮށް އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ވެސް އެއް އަހަރު ދުވަހުގެ މުއްދަތަކަށް 2012 ވަނަ އަހަރުގެ ތެރޭގައި ބޭސްފަރުވާ އަކަށް ސްރީލަންކާ އަށް ދިޔުމަށް ފަހު، ވަނީ ފިލައިފަފަ އެވެ.
ހޯމް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ލުތުފީ ހޯދުމުގެ މަސައްކަތް ފުލުހުން އަދިވެސް ކުރަމުން އަންނަ ކަމށެވެ.
"ލުތްފީ ފިލައިގެން ދިއުމަށްފަހު އަދި ވަނީ ނުފެނިފައި. ފުލުހުން އަދިވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން، " ތަޒްމީލް ވިދާޅުވި އެވެ.