އަޑުން ފެށި ދަތުރުގައި ވާހަކައާއި ފިލްމާއި ކާމީޔާބީ

ތައާރަފަކުން ފަށާނަމަ އެއީ ޝަހުދާ މަހުމޫދު، ޝަހޫއެވެ. އެ ހިސާބުން އިތުރު ވާހަކައެއް ދައްކާނެކަމެއް ނެތެވެ. އެއީ ކާކުކަން މިހާރު ގިނަ ދިވެހީންނަށް އެނގޭނެއެވެ.

އަޑުން ފެށި އެ ދަތުރުގައި އޭނާ ވާހަކަ ފޮތެއް ނެރެފިއެވެ. ފިލްމެއް ނެރެފިއެވެ. ކޮންމެ ދުވަހަކު ނަލަހެދިގެން ހެނދުނުހެނދުނާ ޓީވީއަށް އަރާ އެތައް ދިވެހިންނެއްގެ މުނިފޫހި ފިލުވައިދެއެވެ. ނުވިތާކަށް ދުވަސް ނިންމަނީ ރޭޑިއޯ އަޑުއަހާ މީހުންގެ ހިތްހަމަ ޖައްސައިދީފައެވެ.

ޝަހޫ އަކީ އެއީއެވެ. މިއީ އޭނާގެ ތައާރަފެއް ނޫނެވެ. މިއީ ޝަހޫގެ "ސަކްސެސް ސްޓޯރީ"އެވެ.

ދޫކޮށްލި ކެރިއަރާއި އަޑުން ފެށި ދަތުރު

ދިވެހި ރާއްޖޭގެ އަޑުގައި މަސައްކަތްކުރަން ފަށައި އެތައް ދިވެހިންނެއްގެ ލޯބި ހޯދުމުގެ ކުރިން އޭނާ ލޯބި ހޯދީ ދަރިވަރުންގެ ފަރާތުންނެވެ. އެންމެ ފުރަތަމަ އެއީ މަންމަގެ ރަށް ގދ. ތިނަދޫގައި ކިޔަވައިދިން ޓީޗަރެކެވެ.

"ތިނަދޫގައި ޓީޗަރަކަށް ދެތިން އަހަރު އުޅެލާފަ މާލެ އައީ ކިޔަވަން. ކިޔަވަމުން ވަޒީފާއަކަށް ދާންވެގެން އަސްލު ކެޕިޓަލް ރޭޑިއޯއިން ޗާންސް ލިބުނީ ފުރަތަމަ،" ޝަހޫ ބުންޏެވެ.

އެއީ 2011ވަނަ އަހަރެވެ. އޭނާގެ އުމުރުން 20ގެ ފުރަތަމަ އަހަރުތައް ގުނަމުން ދިޔަ އިރެވެ. ރެޑިއޯ ޕްރެޒެންޓިންގެ ތެރެއަށް ފިޔަވަޅު އެޅުމުން އެކަމަށް ޝައުގުވެރިކަން އުފެދުނު ނަމަވެސް، އެއަށްވުރެ ބޮޑަށް ޅަހިތުގައި ފުރަތަމަ އުފެދުނީ ބިރުވެރިކަމެވެ.

ޝަހުދާ މަހްމޫދު ރެޑިއޯ ޝޯއެއް ހުށަހަޅައިދެނީ

"ޕްރެޒެންޓް ކުރުމަކީ ކޮބައިކަމެއް ވެސް އެއްވެސް އެއްޗެއް ނޭންގޭ އޭރަކު. ކެޕިޓަލް ރޭޑިއޯއަށް ގޮސްފަ ފުރަތަމަ ޝޯއަށް އަރަން ކިޔައިދިންއިރު ލިޔެފަ އޮތް އެއްޗެއް ދައްކާފައި މިކަހަލަ ގޮތަކަށޭ ކިޔަން ޖެހޭނީ ބުނީމަ އައްސަލާމުއަލައިކުމްއިން ފެށިގެން ހުރިހާ އެއްޗެއް ލިޔެގެން ޝަހޫ ފުރަތަމަ ޝޯއަށް އެރީ. ވަރަށް ބިރުގަތް ފުރަތަމަ ފަހަރު." ރެޑިއޯގައި ޝޯއެއް ޕްރެޒެންޓުކުރި ފުރަތަމަ ދުވަސް ހަނދާނަށް ގެންނަމުން އޭނާ ކިޔައިދިނެވެ.

ޝޯއަކަށް ފަހު ޝޯއެއް ހުށަހަޅައި ހަފުތާއެއްތެރޭ ބިރު ފަހަނައަޅައިފިއެވެ. ގަނޑެއް ނުބަލައި ވާހަކަ ދެއްކޭވަރުވި ނަމަވެސް، ހުއްޓާނުލައި ވާހަކަ ދެއްކުންވީ ޝަހޫއަށް ވަރަށް އުނދަގޫ ކަމަކަށެވެ. އޭނާއަކީ އޭރު ބަސްމަދު ކުއްޖެކެވެ.

ޝަހުދާ މަހްމޫދު އުރީދޫގެ ފަން ރަން ހުށަހަޅަނީ

ޝަހޫގެ ރެޑިއޯ ޑްރާމާއަށް ބޮޑު ތަރުހީބެއް

ރެޑިއޯ އަޑުއަހާ މީހެއްނަމަ ޝަހޫގެ ކިބައިން ފާހަގަވާނެ އެއް ކަމަކީ ބިރުވެރި ވާހަކަ ލިޔުމުގައި އޭނާގެ ހުނަރުވެރިކަމެވެ.

"އަމީނިއްޔާގައި ކިޔަވަން އުޅުންއިރު، ހަނދާން ހުންނާނެ [ދިވެހި ޓެސްޓުގައި] އިންނާނެ އޮޕްޝަންއެއް ދީފަ ވާހަކަ ނޫނީ މަޒުމޫނު ލިޔަން. ފުރަތަމަ ޝަހޫ ލިޔުނީ މަޒުމޫނު. އެކަމަކު ދުވަހަކު އެއަކުން ރަނގަޅަކަށް ސްކޯއެއް ނުކުރެވޭ،"

މަޒުމޫނު ރަނގަޅުކުރަން ޓީޗަރު ބާރުއަޅާވަރުން އެންމެފަހުން އޭނާ ޓެސްޓުގައި ވާހަކަ ލިޔަންފެށިއެވެ. މިއީ ޓީޗަރަށް ވެސް ކަމުދިޔަ ބަދަލެކެވެ.

ވާހަކަ ލިޔުމުގެ ހުނަރު އޭނާ ރެޑިއޯގައި ބޭނުންކުރީ ރެޑިއޯ ޑްރާމާ ލިޔުމަށެވެ. ދެބެންގެދެދަރި ކުދިންނާއެކު ހޭދަކުރާ ވަގުތުގައި ރެޑިއޯ ޑްރާމާއެއް ހަދަން ގެންގުޅޭ ވިސްނުން ޝަހޫ އެ މީހުންނާ ހިއްސާކުރިއެވެ. މިއީ އެ މީހުން ވަރަށް ގަޔާވި ޚިޔާލެކެވެ.

ޝަހުދާ ޓީވީޝޯއެއް ހުށަހަޅަނީ --

އެންމެ ފަހުން ރެޑިއޯ ޑްރާމާއެއް ލިޔެ އެހުންތެރިންނާ ހަމައަށް އެ ވާހަކަ ގެނެސްދޭން ފަށައިފިއެވެ. ޝަހޫގެ ވާހަކަ ވަގުތުން ހިޓަކަށް ވިއެވެ. ވާހަކައަކަށް ފަހު ވާހަކައެއް ގެނެސްދެމުން އޭނާ ގާތްގަނޑަކަށް 50ވަރަކަށް ވާހަކަ ވޭތުވެދިޔަ ދުވަސްތަކުގައި ރެޑިއޯއިން ގެނެސްދީފައި ވެއެވެ.

"ރެޑިއޯ ޑްރާމާއަކަށް ލިޔެފައި ފުރަތަމަ އެއާކުރި ޑްރާމާއަށް ލިބުނު ކޮމެންޓު އަބަދު ވެސް ހަނދާން ހުންނާނެ. އެހެން މީހެއްގެ ޝޯއަކަށް ވާހަކަ ވަރަށް ރީއްޗޭ ކިޔާފަ ކޮމެންޓު ކުރީ. ހަނދާން ހުރޭ އެ އެހުންތެރިޔާގެ ނަން. ޒިޔާ މެސެޖުކޮށްފައި ބުނީ، ތިމަންނަ ބޭނުމޭ ތިނޫން ޕްލެޓްޕޯމެއްގައި ޝަހޫގެ ތި ވާހަކަ އަޑުއަހަން. އެއީ ވަރަށް ހަނދާން ހުންނާނެ ދުވަހެއް،" ޝަހޫ ބުންޏެވެ.

ހުނަރު އެހެން ޕްލެޓްޕޯމަކަށް، މިފަހަރު "އެރެއަށް ފަހު"

އެއް ފަހަރަކު މަންމަ ގޮވައިގެން ރާއްޖޭން ބޭރަށް ދާންޖެހުނެވެ. އެ ދަތުރުގައި މަންމައާ ދެކެވުނު ވާހަކައެއްގެ ތެރެއިން ޝަހޫގެ ފޮތެއް ދެކެން ބޭނުންވާ ވާހަކަ މަންމަ ބުންޏެވެ.

އެ ހިސާބުން އެ މަސައްކަތް ފަށައި އޭނާ ފޮތެއް ލިޔަން ފެށިއެވެ. އެއީ ވެސް ބިރުވެރި ވާހަކައެކެވެ.

"ރާއްޖެގައި ދެން ވަރަށް އާންމު ކަމެއް ފަންޑިތަ ސިހުރަކީ. އޭތި އެކަމަކު އެ ޕާސްޕެކްޓިވްއާ ތަފާތު ޕާސްޕެކްޓިވްއަކުން މީތި މި ގެންނަނީ. މިސާލަކަށް މީހަކު ޖިންނި މޮޔަވެގެން އުޅެނިއްޔޭ. އާންމުކޮށް މި ފެންނަނީ އެ ގޮތަށް. އެކަމަކު އެ ކާސް ޖެނެރޭޝަން ތަކަކަށް ޕާސްވެގެން އަންނަ ގޮތް އެ ވާހަކައިގައި މި ފެންނަނީ،"

ސިހުރުހާހޫރާއި ފަންޑިތައިގެ މި ކުޅިގަނޑު ވާހަކައެއްގެ ސިފައިގައި ލިޔެ ނިންމާލަން އޭނާއަށް ބޭނުންވީ އެންމެ ތިން މަހެވެ. ވާހަކަ ލިޔެ ނިންމާ އެ ވާހަކަ ރެޑިއޯ ޑްރާމާއަކަށް ބަދަލުކުރީ އެއް މަސްތެރޭގައެވެ.

ބިރުވެރި ވާހަކަ ލިޔެ، ބިރުވެރި ފިލްމަށް ކިތަންމެ ޝައުގުވެރިކަން ހުއްޓަސް އޭނާ މިކަން ކުރަނީ ބިރު ނުގަންނާތީކީ ނޫނެވެ.

"ގަބޫލެއް ވެސް ނުކުރާނެ. ޝަހޫ ބިރުވެރި ވަހަކަ ލިޔަން އިންނައިރު އިންނަނީ ހެޑްސެޓް ޖަހައިގެން ލަވަ ޖަހައިގެން. އެއީ އެއްވެސް އަޑެއް އިވިއްޖެއްޔާ ފްރީކްއައުޓް ވާނެތީ،"

ލިޔުމުގެ މަރުހަލާ ނިމި ދެން އޮތީ ފޮތް ޕްރިންޓުކުރުމުގެ މަރުހަލާއެވެ. ކަން ދިމާކުރި ގޮތުން، އޭރު ކޮވިޑް-19 އޮތީ ބޯމަތީގައެވެ.

"ޝަހޫއަކަށް އޭރު މާބޮޑަކަށް ޕަބްލިޝިން ކަންތައްތަކެއް ނޭންގޭ. ކިޔައިދޭނެ މީހަކު ހަގީގަތުގައި އޭރަކު ނެތް. އަހާނީ ކާކު ކައިރީކަމެއް ދާނީ ކޮންތާކަށް ކަމެއް އޭރަކު ނޭންގުނު،" އެއީ އޭނާއަށް ކުރިމަތިވި ގޮންޖެހުމެކެވެ.

ކޮވިޑުގެ ސަބަބުން އޭރު ބޭރު ގައުމުތަކަށް މިކަމުގައި ކުރި މެއިލްތަކަށް ވެސް އެދެވޭ ޖަވާބެއް ނުލިބުނެވެ. ރާއްޖެއިން އެކަން ކުރުމަކީ ޚަރަދުބޮޑު ކަމެކެވެ. އެހެންނަމަވެސް އިތުރު ގޮތެއް ނުފެނުމުން އެންމެ ރަނގަޅުގޮތަކީ ރާއްޖެއިން އެކަން ކުރުން ކަމަށް ނިންމިއެވެ.

ކޮވިޑާއެކު އެންމެން ގޭތެރޭގައި ބަންދުވެފައި ތިއްބައި ފޮތެއް ނެރެގެން އެ ފޮތް މާ މަގުބޫލު ވެދާނެކަމަށް ޝަހޫއަށް ގަބޫލެއް ނުކުރެވުނެވެ. ނަމަވެސް، ފޮތް ނެރުން އިތުރަށް ލަސްކުރަން ބޭނުން ނުވާތީ 2020ވަނަ އަހަރުގެ ކުރީކޮޅު އެންމެފަހުން ފޮތް ޕަބްލިޝްކޮށްލީއެވެ.

"އަސްލު ކޮވިޑާއެކު ކަންނޭގެ ފޮތް އެހާއަވަހަށް ވިކުނީ. ފުރަތަމަ ޕްރިންޓުކުރި 100 ފޮތް އެއް މަސްތެރޭ ވިކިއްޖެ،" އެ ފޮތްވީ އޭނާ ހީކުރިވަރަށް ވުރެ މާ ކާމިޔާބު ފޮތަކަށެވެ.

މިހާރު ފޮތް އިތުރަށް ޕްރިންޓުކޮށްގެން ނުވިއްކި ނަމަވެސް، އަދިވެސް ފޮތް ވިއްކުމަށް އެދި އޭނާއަށް މެސެޖުތައް އާދެއެވެ. ނަމަވެސް އެ ފޮތް އަލުން ވިއްކަން ފެށުމުގެ ވިސްނުމެއް ޝަހޫގެ މިހާރަކު ނެތެވެ.

"މިހާރު އެހެން ފޮތެއް ލިޔެ ނިމިފައި އޮތީ، ވަރަށް އަވަހަށް ޕަބްލިޝިންގެ މަސައްކަތްތައް ފަށާނަން،"

ޝަހޫގެ މަސައްކަތް އޮލިމްޕަހަށް، މިފަހަރު "ބިބީ"

ރެޑިއޯ މެދުވެރިކޮށް އަޑުއިވިއްޖެއެވެ. ފޮތެއް ނެރެގެން ކިޔިއްޖެއެވެ. މިހާރު ނުވެ އޮތީ ފިލްމެއް ލިޔެ ޕްރޮޑިއުސް ކުރުމެވެ.

"އޭރު ވަރަށް ގިނަ ގޮތްގޮތަށް އެޕްރޯޗް ކުރިން. އޭރު ޝަހޫއަކީ ވަރަށް އާ މީހެއް ވީމަ މީހުންނަކަށް ނުއެއް އިނގޭ ޝަހޫއެއް. ތަންކޮޅެއް އުނދަގޫވި އިންޑަސްޓްރީއަށް ބްރޭކްއައުޓް ވާން،"

ބިބީގެ ޕޯސްޓަރެއް

އެހެން އުޅެނިކޮށް ދިމާވީ މިހާރު ފިލްމީ ދާއިރާގައި އެންމެ މަގުބޫލު އެއް ތަރި، ޝަރަފުއްދީން އަބްދުﷲ (ޝަރަފް)އާއެވެ. މީގެ ކުރިން މަސައްކަތުގެ މާހައުލުގައި ރަހުމަތްތެރިންނަށް ވިއަސް މިހާރު އޭނާއަކީ ޝަހޫގެ ފިރިމީހާއެވެ.

"ޑާކްރެއިން އެންޓަޓެއިންމަންޓުން އާ ލިޔުންތެރިން ހޯދަންވެގެން ދެކެވުނު ވާހަކައެއްގެ ތެރެއިން އެމީހުން އެހީ [ޝަރަފް ކައިރީ] ވައިފް އަކީ ރައިޓާއެއްނުންހޭ ގެންނަންވީނުންހޭ،" އެންމެ ބޭނުންވި އެއް ފުރުސަތު ލިބުނު ގޮތް ޝަހޫ ކިޔައިދިނެވެ.

ބިބީއަކީ ރާއްޖޭގައި މުޅިން އަލަށް ތައާރަފު ކުރި ހޮރޯ ކޮމެޑީ ފިލްމެވެ. ކޮމެޑީއަކީ ޝަހޫއަށް ވެސް އާ ދާއިރާއެކެވެ. އެހެންކަމުން އޭނާއަށް އެ އުނދަގޫ ކޮންމެވެސް ވަރަކަށް ކުރިމަތި ވިއެވެ.

"މޮގާ ސާމެން ކުރާކަމަކީ މީޓިންގްސް ބާއްވާނެ ވަރަށް. ބާއްވާފަ ޝަހޫއަށް ކިޔައިދެނީ އެ މީހުންނަށް ދިމާވެފައި ހުންނަ މަޖާ ވާހަކަ އެއްޗެހި. އެ ވާހަކަތައް އެ ކިޔައިދެނީ ވެސް އެބައިތައް ފިލްމަށް ލާންވެގެން. އެއިން އިންސްޕަޔާ ވެގެން، ބޮޑަށް ލިޔަން މަސައްކަތް ކޮށްފައި ހުންނާނީ،" އޭނަ ކިޔައިދިނެވެ.

މި ފިލްމުގެ ބައެއް މަޖާ ހާދިސާތަކަކީ ޑާކްރެއިންގެ ބައެއް މީހުންނަށް ހަގީގީ ދިރިއުޅުމުގައި ދިމާވެފައިވާ ހާދިސާތަކެވެ. ނަމަވެސް، ބިރުވެރި ހާދިސާތަކަކީ ޝަހޫގެ އަމިއްލަ ހިޔާލެވެ.

މި މުޅި ފިލްމު ދެއްޔަށް ތިލަކުރަން އޭނާއަށް ނެގީ އެންމެ މަހެކެވެ. އަދި 15 ވަރަކަށް ދުވަސްތެރޭ މުޅި ފިލްމު ޝޫޓްކޮށް ވެސް ނިންމާލެވުނެވެ.

ބިބީގެ ޕްރިމިއާ ނައިޓްގައި

ބިބީގެ ކާމިޔާބީއަކީ އެއްގޮތަކަށް ވެސް ލިބޭނެކަމަށް އޭނާ ހީކޮށްގެން ހުރި ކާމިޔާބީއެއް ނޫނެވެ.

"ޝަހޫމެން ޝޫޓް ޕްރޮސެސްގަ އުޅުނީމަ ފެނިފަތާ ހުންނާނީ. ހިތައް އަރަނީ އަހަރުންނަށް މަޖަލޭ މީތި. އޯޑިއަންސަށް މަޖާވެދާނެ ބާއޭ. އެ ސުވާލުގައި ތިބެގެން ޕްރިމިއާ ނައިޓަށް ދިޔައީ. އެންމެ ފުރަތަމަ ޖޯކާއެކު މުޅި އޯޑިއަންސް ހޭންފެށި ހިސާބުން ދެން އިނގިއްޖެ އޯކޭއޭ ކަމުދާނެ އޭ އެ މީހުންނަށް މީތި. ކޮންމެ ރެއަކު ޑާކްރެއިންގެ ޓީމުން ގޮސް އޯޑިއަންސް ރިއެކްޝަންއާ އެއްޗެހި ނެގީމަ އެނގިއްޖެ އޯޑިއަންސަށް ކަމުދާނެކަން،" އެ ހަނދާންތައް އާވީމައި މިހާރު ވެސް ފަޚުރުވެރިކަން އޭނާއަށް އިހުސާސް ކުރެވެއެވެ. މިއީ ހަޔާތުގައި އަނެއްކާ ވެސް ހޯދުނު ކާމިޔާބީއެކެވެ.

ކާމިޔާބީގެ ސިއްރެއް ނެތް

ކާމިޔާބު ވާހަކަލިޔުންތެރިއެވެ. ކާމިޔާބު ރެޑިއޯ ޕްރެޒެންޓަރެކެވެ. ކާމިޔާބު ޓީވީ ޕްރެޒެންޓަރެކެވެ. އެންމެ ފަހުން ބެލުންތެރިންނަށް ދޫކޮށްލީ ހަމަ ވަރަށް ކާމިޔާބު ފިލްމެކެވެ. މި ކާމިޔާބީގެ ސިއްރަކީ ކޮބައިހެއްޔެވެ. ޒުވާން އުމުރުގައި މިފަދަ ކާމިޔާބީއެއް ލިބިދާނެ ކަމަށް ޝަހޫގެ ހިތަށް އެރިހެއްޔެވެ.

މި ސުވާލު އޭނާއާ ކުރުމުން ލިބުނީ ވަރަށް ހައިރާން ކުރުވަނިވި ޖަވާބެކެވެ.

"ވަރަށް ނެގެޓިވް މީހެއް ޝަހޫއަކީ އަބަދު ވެސް. އެއްވެސް ވަރަކަށް އުންމީދެއް ނުކުރަން ފޮތެއް ލިޔެވޭނެ ކަމަކަށް މީހުންނަށް ޝަހޫގެ ވާހަކަ ކަމުދާނެ ކަމަކަށް، ފިލްމެއް ހެދޭނެ ކަމަކަށް،" އޭނާ ބުންޏެވެ.

ޕްރެޒެންޓުކުރަން ފެށި އިރުވެސް އޭނާއަށް އެ ޚިޔާލުތައް އުނދަގޫކުރިއެވެ. ކޮންމެ ދުވަހަކު ލޯގަނޑު ކުރިމަތީ ހުރެ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. މަސައްކަތެއް ފަށާއިރު އޭނާގެ ސިކުނޑީގެ އެއްފަޅީގައި އަބަދުވެސް އިންނަނީ އެ ޚިޔާލުތަކެވެ. އެހެންކަމުން އެހެން މީހުންގެ ސަޕޯޓު އޭނަ ވަރަށް ބޭނުންވެއެވެ.

މިހާރު އޭނާގެ އެ "ސަޕޯޓް ސިސްޓަމް"އަކީ ފިރިމީހާ ޝަރަފާއި އޭނާގެ މަންމައެވެ.

ޝަހޫ އޭނާގެ ފިރިމީހާ ޝަރަފްއާއެކު

"ޝަހޫގެ ކޮންމެ ސަކްސެސްއެއްގަ ވެސް އަންނާނީ ހަމަ މަންމައާ ޝަރަފާ،"

އަޑުން ފެށި އެ މަސައްކަތުން ޝަހޫ މިއަދު އެތައް ކާމިޔާބީއެއް ހާސިލްކޮށްފިއެވެ.

ޝަހޫގެ ކާމިޔާބީން ހިތްވަރު ހޯދަން ބޭނުންވާ މީހުންނަށް އޭނާ ދޭ ނަސޭހަތަކީ ލިބޭ ފުރުސަތުގެ ބޭނުން ކުރުމެވެ. އަދި އަމިއްލަ ނަފުސަށް އިތުބާރުކޮށް ލިބިފައިވާ ހުނަރު ކުރިއަރުވަން އަމިއްލައަށް މަސައްކަތް ކުރުމެވެ.

comment ކޮމެންޓް