އިދިކޮޅުން ނެރެން އުޅޭ އިންތިގާލީ ކެންޑިޑޭޓަކީ ފުއާދު: ނިހާން

2013 ގެ ރިޔާސީ އިންތިހާބުގައި ނަޝީދުގެ ކެންޑިޑެސީއާ ފުއާދު ހަވާލުވެވަޑައި ގަންނަވަނީ--- ސަން ފައިލް ފޮޓޯ

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ނަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންވައިގެން އިދިކޮޅު ކެނޑިޑޭޓެއްގެ ގޮތުގައި އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރެނީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ކަމަށް، ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާން އެގޮތަށް ވިދާޅުވީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގަ އެވެ. ނިހާން އެގޮތަށް ވިދާޅުވެފައި ވަނިކޮށް، ފުއާދަށް ތައުރީފުކޮށް، އިދިކޮޅު އެކްޓިވިސްޓުން ދަނީ ސޯޝަލް މީޑިއާގައި ފުއާދުގެ ފޮޓޯތައް ދައުރު ކުރަމުންނެވެ.

ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ބައިވެރިވެގެން އެމްޔޫއޯގެ ނަމުގައި 2018ގެ އިންތިގާލީ ކެންޑިޑޭޓަކީ ފުއާދު ތައުފީގު ކަމަށެވެ.

ނިހާންގެ ވާހަކަތަކަށް ބާރުލިބޭ ގޮތަށް މަހުލޫފު ވެސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

"...ސިޔާސީ ކަންކަމުގައު ނޫޅުއްވާ ބޭފުޅެއް ގެނައުމުގެ ވިސްނުމެއް ކަންނޭނގޭ މި ދައުރު ވަނީ، ސިޔާސީ ޕޯޑިއަމްތަކަށް އަރައި ހަލޭލަވާ ބޭފުޅެއް ނޫން. އެއަށް ވުރެ މީހުން ބަލައިގަންނަ މީހަކާއެކީގަ އަޅުގަނޑުމެންގެ އިންތިގާލީ މަރުހަލާ ކުރިއަށް ގެންދާ ވާހަކަ މި ދައްކަނީ،" ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި މަހުލޫފު ރޭ ވިދާޅުވެފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމު ފުއާދު ފުރުއްވަމުން ގެންދަވަނިކޮށް، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ އޭނާގެ މައްޗަށް ސުމޯޓޯ މައްސަލައެއް ހިންގައި، ހަ މަހުގެ ޖަލު ހުކުމަކާއެކު މަގާމުން ވަކިކޮށްފަ އެވެ.

ފުއާދުގެ މައްޗަށް ސުޕްރީމް ކޯޓުން އިއްވި ޖަލު ހުކުމް ތަންފީޒު ކުރުން ތިން އަހަރަށް ފަސްކޮށް، އެ މުއްދަތުގެ ތެރޭގައި ކުށެއްކޮށްފައި ނުވާތީ، ފުއާދުގެ ޖަލު ހުކުމް ވަނީ މައާފުވެފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމުގައި ފުއާދު ހުންނެވި ދުވަސްވަރު، ނަޝީދާއި ފުއާދު ފޯނުން ދެއްކެވި ވާހަކަތަކުގެ އޯޑިއޯއެއް މީޑިއާއަށް ލީކުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު، ވެރިކަމުގެ ކުރީ ކޮޅުގައި ފުއާދު ވަނީ އޭނާގެ ދިރިއުޅުއްވުން ސްރީލަންކާއަށް ބަދަލުކުރައްވާފަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން ކޮލަންބޯގައި ހިންގާ އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވަ އެވެ.

comment ކޮމެންޓް