ޖަލު ހުކުމް އައީ ފުއާދުގެ މައްޗަށް އެކަނި: ހުކުމް

ސުޕްރީމް ކޯޓުގެ އަމުރަށްނުކިޔަމަންތެރިވި ކަމަށް ކަނޑައަޅައި އިލެކްޝަންސް ކޮމިޝަންގެ ހުރިހާ މެމްބަރުން ހަ މަސް ދުވަހަށް ޖަލަށްލާން ހުކުމް ކުރި ކަމަށް ހުރިހާ މީޑިއާތަކުގައި ރިޕޯޓު ކުރިނަމަވެސް ޖަލަށް ހުކުމް ކޮށްފައި ވަނީ ހަމައެކަނި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ މައްޗަށް އެކަނި ކަމަށް ލިޔުމުން އާންމު ކުރި ހުކުމްގައި ބުނެފި އެވެ.

ސުޕްރީމް ކޯޓުން މީޑިއާތަކަށް ފޮނުވި ހުކުމުގެ ލިޔުމުގައި ބުނެފައި ވަނީ 3،000 މީހުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވާނުލުމަށް އެ ކޯޓުން އަމުރުކޮށްފައި ވަނިކޮށް ކޯޓުގެ އަމުރަށް އިލެކްޝަންސް ކޮމިޝަނުން ތަބާވެފައި ނުވާ ކަމަށެވެ. އަދި އިންތިޚާބުތައް ބާއްވަން ޖެހޭނީ ގާނޫނު އަސާސީގެ 170 ވަނަ މާއްދާގައި ބުނެފައިވާ ފަދަ އަމާން މާހައުލެއްގައިކަން ކަށަވަރުކުރުމަށްޓަކައި، ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާއި އަދި އެކަމާ ބެހޭ ގޮތުން ކޯޓުން ނެރެފައިވާ އަމުރުތަކަށް އިހާނާތްތެރިވެ، މީޑިއާ މެދުވެރިކޮށް ފާޅުކަން ބޮޑު ގޮތެއްގައި އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލުވެރިން ނުކިޔަމަންތެރިކަން ދައްކައި، އަދުލު އިންސާފު ގާއިމުކުރަން ހުރަސް އަޅައި، ކޯޓު ބަދުނާމުކުރުމުގެ އިތުރުން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކޯޓުގެ އިޖުރާއަތުތަކާއި އިހުތިސާސްތަކާ ދެކޮޅަށް އިހާނާތްތެރިކޮށް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވާހަކަ ދައްކާފައިވާ ކަމަށެވެ.

އެހެންކަމުން ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ)ގެ ދަށުން ފުއާދު ތައުފީގު ހަ މަސް ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފަ އެވެ. އަދި އެ ހުކުމް ތަންފީޒު ކުރުން ތިން އަހަރަށް ފަސްކުރި ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އޭގެއިތުރުން ފުއާދާއި އެ ކޮމިޝަންގެ ނައިބު ރައީސް އަހްމަދު ފަޔާޒް މެމްބަރުކަމުގެ ޝަރުތު ހަމަނުވާ ކަމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު