(ހަބަރާ ގުޅޭ އޯޑިއޯ ކްލިޕް ހަބަރުގެ ތިރީގައި)
މިމަހުގެ 22 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ދަފްތަރުގެ މީހުން މާލޭގެ ދާއިރާތަކަށް ބަހާފައިވާ ގޮތާ މެދު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ދައްކާފައިވާ ކަމަށް ބުނާ ފޯން ކޯލެއް ޔޫޓިއުބުގައި ލީކް ވެއްޖެ އެވެ.
ލީކު ވެފައިވާ އެ ފޯން ކޯލުގައި ދަފްތަރުގެ މީހުން ބެހުމަށް ނަޝީދު އާއި ފުއާދު ވެފައިވާ އެއްބަސްވުމެއްގެ ވާހަކަ ދައްކަވަ އެވެ. އެގޮތުން ހެންވޭރަށް އިތުރުވާ ދަފްތަރުގެ މީހުން މާފަންނުގެ ހަތަރު ދާއިރާ އަށް ބަހާލުމަށް ނަޝީދާއި ފުއާދު އެއްބަސްވެފައިވާކަން ލީކްވެފައިވާ ފޯން ކޯލުން އެނގެ އެވެ.
"އަޅުނގަޑުމެންގެ މެންބަރުން ކޮޅެއް ވަޑައިގަތެއް ނޫންތޯ މާލޭގެ ބޯޑަރާ [ދާއިރާ] ބެހޭ ގޮތުން. ދެއްތޯ؟ އޭރުގައި އެބޭފުޅުންނަށް އެއްބަސްވެވުނު މާފަންނު ހަމަ ފައިނަލް ރިޕޯޓްގައި އިންގޮތަށް ބައިންދަން. ހަމައެކަނި ހެންވޭރަށް އިތުރުވާ ދަފްތަރުގެ މީހުން މާފަންނުގެ ހަތަރު ދާއިރާ އަށް ބަހާލަން. އަޅުނގަޑަށް ހީވަނީ އެއީ ދެއްތޯ ވެވުނު އެއްބަސްވުމަކީ؟،" ފޯން ކޯލްގައި ނަޝީދު ވިދާޅުވެ އެވެ.
އެއަށް ފަހު އެންމެ ފަހުން ނިންމި ބޯޑަރުތަކަކީ އެއްބަސްވެވޭ ބޯޑަރުތަކެއްގެ ގޮތުގައި ފުއާދު ވިދާޅުވެ އެވެ. އަދި "އޭގެ ފަހުން އެހެން މެންބަރަކު، މާފަންނު ހުޅަނގުހެން އަޅުނގަޑަށް ހީވަނީ. އަބްދުއްރަހީމު ބޭނުންވެގެން އިތުރު ބަދަލެއް ގެންނެވިބާއޭ،" ނަޝީދު ފުއާދު ގާތުން އެއްސެވުމުން އެއްވެސް ބަދަލެއް ނުގެންނަވާ ކަމަށް ފުއާދު ވިދާޅުވެ އެވެ.
އެެ ފޯން ކޯލާ ބެހޭ ގޮތުން ކޮމެންޓެއް ހޯދުމަށް ފުއާދަށް މިއަދު ސަން އިން ގުޅި އިރު އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އަދި ނަޝީދުގެ ފަރާތުން ވެސް ވަނީ ކޮމެންޓެއް ލިބޭ ގޮތް ނުވެފަ އެވެ.
https://www.youtube.com/watch?v=lcxzuxG63mI&feature=youtu.be
ދަފްތަރުގެ ލިސްޓާ ބެހޭ ގޮތުން ފުއާދާއި ކުރީގެ ރައީސް ނަޝީދު ދެއްކެވި ކަމަށް ދޭހަވާ އޯޑިއޯ ކްލިޕެއް ލީކުވެފައިވާ އިރު ދަފްތަރުގައި ތިބި މީހުން މާލޭގެ އެކިއެކި ދާއިރާތަކަށް ބަހާލާފައި ވަނީ ޕީޕީއެމަށް އޮތް ތާއީދު ބޮޑުކަމުން، އެ ތާއީދު ކުޑަކުރުމަށް ކަމަށް ޕީޕީއެމްގެ ޖަލްސާއެއްގައި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވަނީ ވިދާޅުވެފަ އެވެ.