އެލެކްސް ފާގަސަންގެ ރިޓަޔަމަންޓަށްފަހު މެންޗެސްޓާ ޔުނައިޓެޑަށް ޑޭވިޑް މޮއިސް ކޮށްދިން ވަރުގެ ހިދުމަތެއް އެހެން ކޯޗަކަށް ނުކޮށްދެވޭ ކަމަށް އޭނާ ބުނެފިއެވެ.
ޔުނައިޓެޑަށް 25 އަހަރު ދުވަހު އިރުޝާދު ދިނުމަށްފަހު ފާގަސަންގެ ކޯޗިން ކެރިޔަރު ނިންމާލުމާއެކު އެ ކްލަބުގެ ކޯޗުކަމުގެ މަގާމަށް ހަމަޖެއްސީ މޮއިސްއެވެ.
އެވަޓަންގެ ކުރީގެ ކޯޗު މޮއިސްއަށް ޔުނައިޓެޑަށް އިރުޝާދުދޭން ފުރުސަތު ލިބުނީ އެންމެ ސީޒަނެއްގައެވެ. ފުރަތަމަ ސީޒަނަށްފަހު ޔުނައިޓެޑުގެ ކޯޗުކަމުން މޮއިސް ވަނީ ދުރުކޮށްފައެވެ. އެ ސީޒަނުގައި ޔުނައިޓެޑަށް އިނގިރޭސި ޕްރިމިއާ ލީގުގެ ހަތްވަނަ ހޯދުނުއިރު، ޔޫއެފާ ޗެމްޕިއަންސް ލީގުން އެ ކްލަބު އަލްވަދާއު ކިޔާފައިވަނީ ކުއާޓާ ފައިނަލާ ހިސާބުންނެވެ.
ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމުން މޮއިސް ދުރުކުރުމަށްފަހު ވެސް އެ ކްލަބަށް އިނގިރޭސި ލީގުގެ ކުރިއަށް ޖެހިލެވިފައެއް ނުވެއެވެ. ނަމަވެސް މިސީޒަނުގައި ޔުނައިޓެޑުން ދަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ޕްރިމިއާ ލީގުގައި ޔުނައިޓެޑް ހަތް މެޗު ކުޅުނުއިރު، އެ ޓީމު އޮތީ މެންޗެސްޓާ ސިޓީއާއެކު ތާވަލުގެ ކުރީގައެވެ.
ޔުނައިޓެޑާ މޮއިސް ހަވާލުވެހުރި ދުވަސްތަކުގައި ރަނގަޅު ނަތީޖާއެއް ހޯދައިދެވިފައި ނުވާ ކަމަށް އޭނާ ގަބޫލުކުރި ނަމަވެސް، އޭރު ކާމިޔާބު ހޯދުމަކީ ނުވާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކޮށްފައިވެއެވެ.
"މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމުގައި ހުންނައިރު ކާމިޔާބު ހޯދަން ޖެހޭނެކަން އަހަރެންނަށް ފުރިހަމައަށް ގަބޫލުކުރެވޭ. އަހަރެންނަށް އެންމެ ރަނގަޅު ކާމިޔާބީތަކެއް ހޯދައެއް ނުދެވުނު. އެކަމަކު އަހަރެން ގަބޫލެއް ނުކުރަން ފާގަސަންއަށްފަހު އަހަރެންނަށްވުރެ ރަނގަޅަށް ހިދުމަތްކޮށްދިން ކޯޗެއް ހުރި ކަމަކަށް. ފާގަސަންއަށް ފަހު އަހަރެން ވީހާވެސް އަވަހަކަށް ރަނގަޅު ކަންތައްތަކެއް ގެނައުމަށް މަސައްކަތްތަކެއް ކުރިން،" ދަ މިރާއަށް ދިން އިންޓަވިއުއެއްގައި މޮއިސް ބުންޏެވެ.
މޮއިސް ބުނީ، ފާގަސަންއަށް ފަހު ބަދަލުވީ ހަމައެކަނި ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމު ނޫން ކަމަށާއި އެކްލަބުގެ ޗީފް އެގްޒެކެޓިވްގެ މަގާމަށް ޑޭވިޑް ގިލްގެ ބަދަލުގައި އެޑް ވުޑްވާޑް ހަމަޖެއްސި ކަމަށެވެ. އެކަމުގެ ސަބަބުން ޗެލްސީ އަދި މެންޗެސްޓާ ސިޓީ ފަދަ ބޮޑެތި ފައިސާގެ އަދަދުތައް ހަރަދުކުރާ ކްލަބުތަކާ ވާދަކުރުމަށް ވަގުތު ނަގާނެ ކަމަށް ވެސް އޭނާ ބުންޏެވެ.