އަރީފަށް ކުރާ ދެވަނަ ތުހުމަތު: ސިފައިންނާ މެދު މާރާމާރީ ހިންގުން

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފްް ޖަލްސާއެއްގައި ވާހަކަދައްކަވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް ސިފައިންނާ މެދު މާރާމާރީ ހިންގި ކަމަށް ތުހުމަތުކޮށް ފުލުހުން އޭނާގެ މައްޗަށް ތަހުގީގެއް ފަށައިފިއެވެ.

ފުލުހުން ތުހުމަތު ކުރަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގެތެރެއިން ސިފައިންނާ މެދު އޭނާ މާރާމާރީ ހިންގި ކަމަށެވެ. އަދި ސިފައިންގެ ގާނޫނީ ވާޖިބަށް އޭނާ އެދުވަހު ހުރަސްއެޅި ކަމަށް ވެސް ފުލުހުން ތުހުމަތު ކުރެއެވެ.

އެ ތުހުމަތުތަކަށް އިންކާރުކުރައްވައި އަރީފް ވަނީ މިއަދު ފުލުހުންނަށް ބަޔާނެއް ދެއްވާފައެވެ.

ފުލުސް އޮފީހުން ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަރީފް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ހިނގާ ކަންކަން ބަލައި މީގެކުރިން ގޮތް ނިންމަނީ މަޖިލީހުގެ ސުލޫކު ކޮމެޓީން ކަމަށެވެ. ނަމަވެސް މިފަހަރު އަމަލު ކުރީ އެހެން ގޮތަކަށް ކަމަށާއި އެ ކޮމެޓީން މައްސަލަ ނުބަލަނީސް ފުލުހުންނަށް އެ މައްސަލަ ނުބެލޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަރީފް ވިދާޅުވީ އޭނާ ސިފައިންނާ މެދު މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރުމަކީ ވަރަށް ބޮޑު އަރަތެއް ކަމަށެވެ.

"އަޅުގަނޑު މާރާމާރީ ހިންގީޔޯ. ތެދުތެދަށް ދަންނަވަންޏާ މިއީ ވަރަށް ބޮޑު އަރަތަކަށް ވެއްޖެ. އެދުވަހު އެތަނުގައި ހިނގި ކަންތައްތަކެއް ހިނގިއިރުގައި އެންމެ ބޮޑު އަނިޔާއެއް ލިބުނީ އަޅުގަނޑަށް. އަޅުގަނޑަކީވެސް ދައުލަތުން އިއްޒަތްއަރުވާފައި ހުރި އިއްޒަތްތެރި މަޖިލިސް މެމްބަރެއް. އަޅުގަނޑަކީ ވެސް އުއްތަމަ ފަނޑިޔާރު ކުރިމަތީ ހުވައެއްކޮށްގެން ހުރި މީހެއް. އެކަމަކު އަޅުގަނޑު ބިންމައްޗަށްލައި ބޮޑެލާފައި އަޅުގަނޑުގެ މައްޗަށް ތަހުގީގު މި ހިންގަނީ،" އަރީފް ވިދާޅުވިއެވެ.

މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލި ކަމުގެ ތުހުމަތުގައި ވެސް އަރީފްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

comment ކޮމެންޓް