އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބާރު ދުވެލީގައި ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ ސިނަމާލޭ ބްރިޖުގެ ހައިވޭ މަތީގައި ބާރު ދުވެލީގައި ހަތަރު ސައިކަލެއް ދުއްވައިފައިދާ މަންޒަރެވެ. އޭގެ ތެރެއިން ތިން ސައިކަލެއް ދުއްވި މީހުން ސައިކަލު މަތީ ބަނޑު އަޅައި, އޮށޯވެގެން ބާރު ދުވެލީގައި ދުއްވައިފައިދާ މަންޒަރު ފެނެއެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް އޭގެ ތެރެއިން ތިން ސައިކަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ނަގައިފައިވާ ކަމަށެވެ. ނަމަވެސް ސައިކަލު ދުއްވި ފަރާތްތައް ޖޫރިމަނާކުރިކަން ނުވަތަ ނޫންކަން ފުލުހުން ހާމައެއް ނުކުރެއެވެ.
މީގެ ކުރިން ވެސް ބާރު ދުވެލީގައި އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި މީހުންގެ ފުރާނަތަކަށް ނުރައްކާވެފައި އެބަހުއްޓެވެ. އަދި އޭގެ ތެރޭގައި މަރުގެ ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ. ފާހަގަކޮށްލެވޭ ގޮތުގައި އޭގެ ތެރޭގައި ވެސް ގިނައީ ޒުވާނުންނެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ވައްކަމުގެ މައްސަލަތަކަށް ފަހު މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ހުށަހަޅައިފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ޓްރެފިކް އެކްސިޑެންޓުތަކާ ގުޅޭ 1،751 މައްސަލައެއް ފުލުހަށް ހުށަހަޅައިފައިވެއެވެ.