ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އެއްވެސް މީހަކު ނެތް އެޕާޓްމެންޓެއްގެ ބެލްކަނީގައި ރޯވުމުން، ފުލުހުން އެ އެޕާޓްމެންޓުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ އަލިފާން ނިއްވާލައިފިއެވެ.
ފުލުހުން ބުނީ އެޕޯލޯ ކްރިސްޓަލް ބިލްޑިންގެ އެޕާޓްމަންޓަކުން ދުން އަރަމުންދާ ކަމުގެ މައުލޫމާތު މިއަދު 13:57 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، ދުން އަރަމުންދަނީ އެ އިމާރާތުގެ އަށް ވަނަ ފަންގިފިލާގެ އެޕާޓްމަންޓަކުންކަން އެނގުނު ކަމަށް އެ މުއައްސަސާއިން ބުންޏެވެ. ނަމަވެސް ހާދިސާ ހިނގި ވަގުތު އެޕާޓްމަންޓުގައި އެއްވެސް މީހަކު ނެތް ކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ، އާންމުންގެ އެހީތެރިކަމާއެކު އެ އެޕާޓްމަންޓުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، އެ ތަނުގައި ރޯވެފައި ހުރި އަލިފާން ވަނީ ނިއްވާލާފައި ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
އެ ހާދިސާގައި އަލިފާން ރޯވެފައި ވަނީ ބެލްކަނީގައި ހުރި ލަކުޑިތަކެއްގައިކަން ފުލުހުން ފާހަގަކުރިއެވެ.
ފުލުހުން އަންނަނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންނެވެ.
ބެލްކަނީގައި ހުންނަ ތަކެތީގައި ރޯވެގެން މީގެ ކުރިން ރިޕޯޓުކޮށްފައިވާ ބައެއް މައްސަލަތަކުގައި ސަބަބެއް ކަމަށް ބުނެފައިވާ ކަންކަމުގެ ތެރޭގައި، އޭސީ އައުޓްޑޯ ޔުނިޓުގައި ރޯވުމާއި މަތީ ފަންގިފިލާއަކުން ސިނގިރޭޓެއް ވައްޓާލުން ހިމެނެއެވެ.
ފަހަކަށް އައިސް އަލިފާނުގެ ހާދިސާތައް ހިނގުން އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ. އެމްއެންޑީއެފުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި މަހުގެ ފަސް ވަނަ ދުވަހާއި 11 ވަނަ ދުވަހާ ދޭތެރޭ، އަލިފާން ރޯވުމުގެ ހަތް މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އަދި މި މަހުގެ 12އާއި 18އާ ދޭތެރޭ އެފަދަ މައްސަލަތައް ރިޕޯޓުކުރި މިންވަރު ވަނީ 12އަށް އިތުރުވެފައެވެ.