އަށާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ފަހަތުން އަރައި ރާއްޖޭގެ މައްޗަށް އިންޑިއާ ކުރި ހޯދައިފިއެވެ.
ބޫޓާންގައި ކުރިއަށްދާ އެ މުބާރާތުގައި ރާއްޖެ ކުޅުނު ފަހު މެޗުގައި އިންޑިއާ އަތުން ބަލިވެފައިވަނީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ 18 ވަނަ މިނެޓުގައި ރާއްޖެއަށް އަހްމަދު ތޮލާލް ލީޑު ހޯދައިދިން ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންޑިއާ އިން ވަނީ ދެ ލަނޑު ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި އިންޑިއާއަށް ޕްރިންސްޓަން ރެބެއްލޯ ނަތީޖާ ހަމަހަމަކޮށްދިން އިރު، މެޗުގެ 41 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ހޯދައިދިނީ އަބީޝެކް ހަލްދަރްއެވެ.
އެ މުބާރާތުގައި ރާއްޖެ ކުޅުނު ހުރިހާ މެޗަކުން ވެސް ވަނީ ބަލިވެފައެވެ. ފުރަތަމަ މެޗުގައި ބޫޓާން އަތުން 1-0 ލަނޑުން ބަލިވިއިރު، ދެވަނަ މެޗުގައި ބަނގުލަދޭޝް އަތުން ބަލިވީ 2-0 ލަނޑުންނެވެ. ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.
ލީގު އުސޫލުން ކުރިއަށްދާ އެ މުބާރާތުގައި އެއްވެސް ޕޮއިންޓެއް ހޯދިފައި ނުވާ ރާއްޖެ އޮތީ ތާވަލުގެ އެންމެ ފުލުގައެވެ. އެއްވަނާގައި އޮތް އިންޑިއާއާއި ދެވަނާގައި އޮތް ބަނގުލަދޭޝާއި ތިންވަނާގައި އޮތް ނޭޕާލް އަދި ހަތަރުވަނާގައި އޮތް ބޫޓާނަށް ވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމެއް ކަށަވަރުވާނީ އަންނަ ބުދަ ދުވަހު ކުޅޭ އެ މުބާރާތުގެ ފަހު މެޗުތަކަށް ފަހުއެވެ.