މާލޭ ދެކުނު ފަރާތު ނެރާ ދިމާލު ތޮއްޓަށް ލޯންޗެއް އަރައިފި

މީގެ ކުރިން ދެކުނު ފަރާތު ނެރަށް އުރުނު ލޯންޗެއް --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

މާލެ ދެކުނު ފަރާތު ނެރާ ދިމާލު ބޭރު ތޮށި މައްޗަށް ލޯންޗެއް އަރައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، އިބްރާހިމް އާޒިމް ވިދާޅުވި ގޮތުގައި އެ ނެރުގެ ތޮށި މައްޗަށް އަރާފައި ވަނީ "މުއިރި 1" ނަމަކަށް ކިޔާ ލޯންޗެކެވެ. އަދި ހާދިސާ ހިނގި އިރު ލޯންޗުގައި ހަތަރު މީހުން ތިބި ކަމަށާއި ހާދިސާ ހިނގާފައި ވަނީ 18:50 ހާއިރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ހާދިސާގައި މީހުންނަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މާލެ ދެކުނު ފަރާތު ނެރަށް ކަނޑުދަތުރުކުރާ ހަ އުޅަނދެއް އުރި، މުދަލަށް ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ. އަދި ފަސް މީހަކަށް އަނިޔާވެފައިވެ އެވެ.

އިންޑަސްޓްރިއަލް ޒޯން ހެދުމަށްޓަކާ ދެކުނު ފަރާތު ފަޅުން ބައެއް ހިއްކައި، އެ ދިމާލުން އަލަށް ކެނޑި ނެރަށް އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު ހައުސިން މިނިސްޓްރީން ބުނަމުންދަނީ އެ ނެރުގެ މަސައްކަތް ނުނިމޭ ކަމަށެވެ.

ހައުސިން މިނިސްޓްރީން މިއަދުވެސް ބުނެފައި ވަނީ އެ ނެރު ކަނޑައި ނުނިމޭ ކަމަށާއި އެ ނެރު ބޭނުން ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.

comment ކޮމެންޓް