މިސީޒަންގެ އިނގިރޭސި ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗުގައި ލެސްޓާ ސިޓީ އަތުން 3-4 ލަނޑުން ހަނިގޮތަކަށް އާސެނަލް މޮޅުވެއްޖެއެވެ.
އާސެނަލްގެ މަޝްހޫރު އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު އެ މެޗުގައި ފުރަތަމަ ލަނޑެއް ޖަހައި ލީޑު ނެގީ އާސެނަލުންނެވެ. މެޗުގައި 2 ވަނަ މިނިޓްގައި އާސެނަލްގެ އެ ލަނޑު ކާމިޔާބުކޮށްދިނީ، މި ސީޒަންގައި އެ ކްލަބަށް ރެކޯޑް ޓްރާންފަރ ފީއަކަށް ގެންސްފައިވާ ފްރާންސް ފޯވާޑް އެލަކްސެންޑަރ ލަކަޒެޓްއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ލެސްޓާ ސިޓީއާއި އާސެނަލް ކުޅުނު މި ސީޒަންގެ ފުރަތަމަ މެޗު ނިމުނީ 3-4 ލަނޑުން އާސެނަލް މޮޅުވެގެން -- ފޮޓޯ: ޑެއިލީމެއިލް
މެޗުގެ ފަށައިގެން މާ ގިނައިރުތަކެއް ނުވެ އާސެނަލުން ލީޑު ނެގި ނަމަވެސް ލެސްޓާއިން ވަނީ ދެ ލަނޑު ކާމިޔާބުކޮށް އާސެނަލް ސިއްސުވާ ލައިފައެވެ. އެގޮތުން މެޗުގެ ފަސްވަނަ މިނިޓްގައި ލެސްޓާގެ ޝިންޖީ އޮކަޒަކި ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައިވާއިރު، މެޗުގެ 29 ވަނަ މިނިޓްގައި ޖެމީ ވާޑީ ވަނީ ލެސްޓާއަށް މެޗުގެ ލީޑު ހޯދައިދީފައެވެ.
ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި އާސެނަލަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ، ޑެނީ ވެލްބެކްއެވެ.
ދެވަނަ ހާފް ފަށައިގެން 11 ވަނަ މިނިޓްގައި ލެސްޓާއިން ވަނީ ދެވަނަ ފަހަރަށް އާސެނަލް ހާސްކޮށްލައި މެޗުގެ ލީޑު ނަގައިފައެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ލެސްޓާ ސިޓީއާއި އާސެނަލް ކުޅުނު މި ސީޒަންގެ ފުރަތަމަ މެޗު ނިމުނީ 3-4 ލަނޑުން އާސެނަލް މޮޅުވެގެން -- ފޮޓޯ: ޑެއިލީމެއިލް
އެހެން ނަމަވެސް، ކޯޗު އާސެން ވެންގާ ވަނީ، 67 ވަނަ މިނިޓްގައި ރޮބް ހޯލްޑިންގެ ބަދަލުގައި އޮލިވިއާ ޖިރޫ، އަދި މުހައްމަދު އެލް ނެނީގެ ބަދަލުގައި އާރޮން ރަމްސީ ކުޅެން ނެރެފައެވެ. މި ބަދަލާއެކު އާސެނަލްގެ ކުޅުން ރަނގަޅުކޮށް، އެޓީމަށް ދެވަނަ ފަހަރަށް މެޗުގެ ނަތީ ހަމަހަމަކޮށްދިނީ، 83 ވަނަ މިނިޓްގައި ރަމްސީއެވެ. އަދި އޭގެ ދެ މިނިޓްފަހުން ޖިރޫ ވަނީ، ލަނޑެއް ކާމިޔާބުކޮށް އާސެނަލަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
މި ސީޒަންގެ ޕްރިމިއަރ ލީގު ފުރަތަމަ މެޗުގައި ރޭ ލެސްޓަރ އަތުން އާސެނަލް މޮޅުކޮށްދިން ލަނޑަކީ ޖިރޫ އެޓީމަށް ކާމިޔާބުކޮށްދިން 50 ވަނަ ލަނޑެވެ.
ޕްރިމިއަރ ލީގުގައި މިއަދު ނުވަ މެޗު އަދި މާދަމާ ދެމެޗު ކުޅޭނެއެވެ.
ޕްރިމިއަލީގު މިހަފްތާގެ މެޗުތައް:
12 އޯގަސްޓް (ހޮނިހިރު)
- ވޮޓްފޯޑް - ލިވަޕޫޕް
- ޗެލްސީ - ބާންލީ
- ކްރިސްޓަލް ޕެލަސް - ހަޑާސްފީލްޑް
- އެވަޓަން - ސްޓޯކް ސިޓީ
- ސައުތުހެމްޓަން - ސަވޮންޒީ ސިޓީ
- ވެސްޓްބްރޮމް - ބޯންމަތު
- ބްރައިޓަން - މެންޗެސްޓަރ ސިޓީ
13 އޯގަސްޓް (އާދީއްތަ)
- ނިއުކާސަލް - ޓޮޓެންހަމް
- މެންޗެސްޓަރ ޔުނައިޓެޑް - ވެސްޓްހޭމް ޔުނައިޓެޑް