މެންޔޫ ބަލިކޮށް ރެއާލުން ސުޕަރ ކަޕް ކާމިޔާބުކޮށްފި

ރެއާލް މެޑްރިޑުން ވަނީ 2-1 ލަނޑުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ހަތަރު ވަނަ ފަހަރަށް ޔޫއެފާ ސުޕަރ ކަޕް ކާމިޔާބުކޮށްފައި -- ފޮޓޯ: ޔޫއެފާ

ޔޫރޮޕާ ލީގު ޗެމްޕިއަން މެންޗެސްޓަރ ޔުނައިޓެޑް އަތުން 2-1ގެ ނަތީޖާއަކުން މޮޅުވެ، ޗެމްޕިއަންސް ލީގު ޗެމްޕިއަން ރެއާލް މެޑްރިޑުން ޔޫއެފާ ސުޕަރ ކަޕް ހަތަރު ވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.

ވިލާތުގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ބާއްވަމުން އަންނަ ސުޕަރ ކަޕް މެޗުގައި ރޭ، މެސެޑޯނިއާގެ ވެރިރަށް ސްކޮޕްޔާގައި ހޯޒޭ މޮރީނިއޯގެ ޓީމާއި ޒައިނުއްދީން ޒިދާންގެ ޓީމުގެ ވާދަވެރި ކުރިމަތިލުމެއް ފެނިގެން ދިޔައިރު، މެޗުގެ 90 މިނިޓްގައިވެސް ރެއާލުން ވަނީ މޮޅުކުޅުމެއް ދައްކައިފައެވެ.

ރޭގެ މެޗުގައި ގުޅިގެން މޮޅު ކުޅުމެއް ދެއްކި، ރެއާލް މެޑްރިޑްގެ ގެރެތު ބޭލްއާއި އިސްކޯ -- ފޮޓޯ: ޔޫއެފާ

މެޗުގެ 24 ވަނަ މިނިޓްގައި ރެއާލުން ވަނީ ލީޑު ނަގައިފައެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ ކަސެމިރޯއެވެ.

ފުރަތަމަ ހާފް އެއް ލަނޑުގެ ލީޑެއްގައި ރެއާލުން ނިންމައިލި އިރު، ދެވަނަ ހާފް ފަށައިގެން މެޗުގެ 52 ވަނަ މިނިޓްގައި ރެއާލުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. ރެއާލްގެ ދެވަނަ ލަނޑު ކާމިޔާބުކުރީ އިސްކޯއެވެ.

މި މެޗުގައި ރެއާލްގެ ވޭލްސް ތަރި ގެރެތު ބޭލްއާއި އިސްކޯގެ ފަރާތުން ވަރަށް ރަނގަޅަށް ގުޅިގެން ހަމަލާތަކެއް އުފެއްދުމަށް މަސައްކަތްކުރި މަންޒަރު ފެނިގެން ދިޔައެވެ.

ރެއާލުން ދެ ލަނޑުގެ ލީޑެއް ނަގައި ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔަ ނަމަވެސް، މެންޔޫއިން ވަނީ މެޗުގެ ފަހު ވަގުތާ ޖެހެންދެންވެސް ވިލާތުގެ ޗެމްޕިއަނުން ހިފެހެއްޓުމަށް ހިތްވަރާއެކު މަސައްކަތްކޮށްފައެވެ. އެގޮތުން މި ސީޒަންގައި އެޓީމާ އަލަށް ގުޅުނު ޗެލްސީގެ ކުރީގެ މިޑްފީލްޑަރު ނަމެންޔާ މަޓިޗްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، 75 މިލިއަން ޕައުންޑަށް އެވަޓަންއިން ޔުނައިޓެޑާ ގުޅުނު ނުރައްކާތެރި ފޯވާޑް ރޮމެލޫ ލުކާކޫގެ ފަރާތުންވެސް ވަނީ ވަރަށް ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

ރޮމެލޫ ލުކާކޫ ވަނީ މެންޗެސްޓާއަށް ކުޅުނު ވާދަވެރި ފުރަތަމަ މެޗުގައި އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައި -- ފޮޓޯ: ޔޫއެފާ

މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ހަމަ އެކަނި ލަނޑު ފެނިގެން ދިޔައީ، 62 ވަނަ މިނިޓްއެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ ލުކާކޫއެވެ. މިއީ ވާދަވެރި މެޗެއްގައި މެންޔޫއަށް ލުކާކޫ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

ރޭގެ މެޗުގައި ރެއާލްގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ ފެނިގެން ދިޔައީ ބެންޗުންނެވެ. އެ މެޗުގައި ރޮނާލްޑޯ ކުޅެން އެރީ، 83 ވަނަ މިނިޓްގައި ކަރިމް ބެންޒެމާގެ ބަދަލުގައެވެ.

މެސެޑޯނިއާގެ ސްކޮޕްޔާގައި ރޭ ކުޅުނު ޔޫއެފާ ސުޕަރ ކަޕް ފައިނަލްގައި ރެއާލް މެޑްރިޑް އަތުން 2-1 ލަނޑުން ބަލިވި މެޗަށް ފަހު މެންޔޫގެ ކޯޗު ހޯޒޭ މޮރީނިއޯ އާއި ކްލަބުގެ ކުޅުންތެރީން -- ފޮޓޯ: ޔޫއެފާ

ރެއާލްގެ ކޯޗު ކަމާ ޒިދާން ހަވާލުވިފަހުން އެ ޓީމު ކުޅުނު ފަސް ފައިނަލް މެޗުންވެސް މޮޅުވެ ޒިދާން މިވަނީ 18 މަސް ދުވަހުގެ ތެރޭގައި ފަސް ޓްރޮފީ ހޯދައިފައެވެ. މީގެ އިތުރުން ރެއާލުން މިވަނީ ޖެހިޖެހިގެން، އެޓީމު އެންމެ ފަހުން ކުޅުނު ވާދަވެރި 66 މެޗުގައި ވެސް ލަނޑުޖަހައި ވިލާތުގެ ރެކޯޑެއް ގާއިމުކޮށްފައެވެ.

މިއީ ރެއާލުން ވޭތުވެ ދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ސުޕަރ ކަޕް ކާމިޔާބު ކުރި ތިން ވަނަ ފަހަރެވެ. އަދި 1990 ވަނަ އަހަރު އޭސީ މިލާނުން ޖެހިޖެހިގެން ދެ ފަހަރު ސުޕަރ ކަޕް ހޯދިފަހުން އެ ތަށި ޖެހިޖެހިގެން ދެ ފަހަރު ހޯދި ފުރަތަމަ ކްލަބަކަށްވެސް ރެއާލް މިވާނީ ވެފައެވެ.

ޒައިނުއްދީން ޒިދާން ވަނީ ރެއާލް މެޑްރިޑާ ހަވާލުވިތާ 18 މަސްދުވަހުގެ ތެރޭގައި އެޓީމަށް 5 ޓްރޮފީ ހޯދައިދީފައި -- ފޮޓޯ: ޔޫއެފާ

މިހާތަނަށް އެންމެ ގިނަ ފަހަރު ސުޕަރ ކަޕް ހޯދާފައި ވަނީ، އޭސީ މިލާނާއި ބާސެލޯނާއިންނެވެ. މިއިން ކޮންމެ ކްލަބަކުން ވެސް ވަނީ ފަސް ފަހަރު މި ޓްރޮފީ ހޯދައިފައެވެ.

comment ކޮމެންޓް