ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އިޓާލިއަން ސެރިއާގެ ޔުވެންޓަސް އަތުން ވެސް އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީ ބަލިވެ، މުބާރާތުގެ ނޮކް-އައުޓް ބުރަށް ނުގޮސް ކަޓާފާނެކަމުގެ ބިރާ ކުރިމަތިލާން ޖެހިއްޖެއެވެ.
ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-0 އިންނެެވެ.
މެޗުގައި ފުރަތަމަ ހާފު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ. ނަމަވެސް، އެއާ ހިލާފަށް ދެވަނަ ހާފުގެ ކުރީކޮޅު ޔޫވޭ ފެނުނީ އާ ހިތްވަރަކާ އެކު ކުޅެމުންދިޔަ ތަނެވެ. ނަތީޖާއަކަށްވީ މެޗުގެ 53 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ޔޫވޭއިން މެޗުގެ ލީޑު ނެގުމެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޑުސާން ވުލަހަވިޗެވެ.
މި ލަނޑާ އެކު ޔޫވޭއިން ކޮންމެ ވެސް ވަރަކަށް ފަހަތަށް ޖެހުނެވެ. އެކަމަކު، މެޗުގެ 75 ވަނަ މިނެޓުގައި އުފެއްދި ކައުންޓާ އެޓޭކެއްގައި ބަދަލު ކުޅުންތެރިޔާ ވެސްޓަން މެކެނީ ވަނީ ޔޫވޭގެ ލީޑު ފުޅާކޮށްދީފައެވެ.
މި ކާމިޔާބީއާ އެކު ޔޫވޭ މިހާރު އޮތީ ކުޅުނު ހަ މެޗުން ލިބިފައިވާ 11 ޕޮއިންޓާ އެކު 14 ވަނައިގައެވެ. ސިޓީ އޮތީ އަށް ޕޮއިންޓާ އެކު 22 ވަނައިގައެވެ.
މުބާރާތުގައި ސިޓީއަށް ބާކީ އޮތީ ރަށުން ބޭރުގައި ފްރެންޗް ލީގް އާންގެ ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ)އާ އެކު އޮތް މެޗާއި އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ ކްލަބް ބްރޫޖާ ދެކޮޅަށް ކުޅޭ މެޗެވެ. ސިޓީ ނޮކް އައުޓް ބުރަން ދާން ބޭނުން ނަމަ މި ދެ މެޗު ކާމިޔާބުކުރުން ވަރަށް މުހިންމު ވާނެއެވެ.
މުބާރާތުގައި އިޓާލިއަން ސެރީއާގެ އޭސީ މިލާނާއި ސާބިއަން ސުޕާ ލީގާގެ ކުރުވެނާ ޒުވެޒްޑާ ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި 2-1 އިން ކާމިޔާބުކޮށްފައިވަނީ މިލާނުންނެވެ. މެޗުގައި މިލާންގެ ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ރަފައެލް ލިއާއޯއާއި ޓެމީ އަބްރަހަމެވެ. ޒުވެޒްޑާގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނެމަންޔާ ރަޑޮންޔިޗެވެ.
މި ކާމިޔާބީއާ އެކު މިލާން މިހާރު އޮތީ 12 ޕޮއިންޓާ އެކު 12 ވަނައިގައެެވެ. ޒުވެޒްޑާ އޮތީ ތިން ޕޮއިންޓާ އެކު 31 ވަނައިގައެވެ.