ޕްލެޒެންގެ އަތްދަށުނުވެ ޔުނައިޓެޑު މޮޅުވީ ކިރިޔާ

ޔުއޭފާ ޔޫރޮޕާ ލީގުގެ ލީގު ފޭސްގައި އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑުން ޗެކް ފަސްޓް ލީގުގެ ވިކްޓޯރިއާ ޕްލެޒެން ބައްދަލުކުރި މެޗު ފަހަތުން އަރައި ކާމިޔާބުކޮށްފިއެވެ.

ޕްލެޒެންގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބުކޮށްފައިވަނީ 2-1 އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ. ދެވަނަ ހާފުގެ ކުޅުން ފެށިތާ މާ ގިނައިރުތަކެއްނުވެ، ޕްލެޒެންއިންވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. ޔުނައިޓެޑްގެ ކީޕަރު އަންޑްރޭ އޮނާނާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ޕްލެޒެންއަށް ކާމިޔާބުކޮށްދީފައިވަނީ މަޓެއި ވީޑްރާއެވެ.

ޔުނައިޓެޑުން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ 62 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ ރަސްމުސް ހޮއިލުންޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުން ޔުނައިޓެޑް މޮޅުވި ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ވެސް ހޮއިލުންޑެވެ. މިއީ މި ސީޒަންގައި ޔޫރޮޕާ ލީގުގައި އޭނާ ކާމިޔާބު ކުރި ފަސްވަނަ ލަނޑެވެ.

މި ކާމިޔާބީއާ އެކު ޔުނައިޓެޑް މިހާރު އޮތީ ކުޅުނު ހަ މެޗުން ލިބިފައިވާ 12 ޕޮއިންޓާ އެކު ހަތްވަނައަށް ކުރިއަށް ޖެހިލާފައެވެ. ޕްލެޒެން އޮތީ ނުވަ ޕޮއިންޓާ އެކު 17 ވަނައިގައެވެ.

މި މުބާރާތުގައި ޕްރިމިއާ ލީގުގެ ޓޮޓްނަމް ހޮޓްސްޕާއާއި ސްކޮޓިޝް ޕްރިމިއާ ލިގުގެ ރޭންޖާސް ބައްދަލުކުރި މެޗު 1-1 އިންވީ އެއްވަރެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ މެޗުގެ 47 ވަނަ މިނެޓުގައި ހަމްޒާ އިގަނާމޭ ކާމިޔާބުކޮށްދިން ލަނޑަކުން ރޭންޖާސެވެ. ސްޕާސްގެ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ 75 ވަނަ މިނެޓުގައި ޑެޔާން ކުލުސޭވްސްކީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މެޗު އެއްވަރުވުމުން ރޭންޖާސް 11 ޕޮއިންޓާ އެކު އަށްވަނައިގައި އޮތްއިރު ހަމަ އެ އަދަދަށް ޕޮއިންޓް ލިބި ސްޕާސް އޮތީ ނުވަވަނައިގައެވެ.

comment ކޮމެންޓް