މެންޗެސްޓާ ޔުނައިޓެޑާ މިހާރު ހަވާލުވެހުރި ކޯޗު ހޯސޭ މޮރީނިއޯ، އެންމެ ބޮޑު މަސައްކަތެއް ކޮށްދީފައިވާ ކްލަބަކަށް ރެއާލް މެޑްރިޑް ވާނެ ކަމަށް އޭނާ ބުނެފިއެވެ.
ޔޫއެފާ ސުޕަރ ކަޕްގައި، ކުރިން އިރުޝާދުދިން ރެއާލްއާ ދެކޮޅަށް މޮރީނިއޯގެ ޔުނައިޓެޑްގެ ޓީމު މިރޭ ނުކުންނާނެއެވެ. އެ މެޗުގައި އެއްކޮޅުން ވާދަކުރާ ރެއާލަކީ އެންމެ ފަހުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންނެވެ. އަދި ޔުނައިޓެޑަކީ އެންމެ ފަހުގެ ޔޫއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަނުންނެވެ.
މޮރީނިއޯގެ އިރުޝާދުގެ ދަށުން ރެއާލަށް ޗެމްޕިއަންސް ލީގެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް، ރެއާލަށް މޮރީނިއޯ ގިނަގުނަ ހިދުމަތްތަކެއް ކޮށްދީފައިވާ ކަމަށް މޮރީނިއޯ ގަބޫލުކުރެއެވެ. ރެއާލް ދޫކޮށް 2013 ވަނަ އަހަރު މޮރީނިއޯ ދިޔައީ އެ ކްލަބުގެ މުހިންމު ކުޅުންތެރިންތަކަކާ ދެމެދު މައްސަލަތަކެއް ޖެހިގެން ކަމަށް ވާހަކަ ދެކެވުނު ނަމަވެސް، އޭނާ ވަނީ އެކަން ދޮގުކޮށްފައެވެ.
"އަހަރެން އެ ކްލަބު ދޫކޮށް ދިޔައީ އިތުރަށް އެ ކްލަބަށް ދެވޭނެ އެއްޗެއް ނުވާ ކަމުގެ އިހުސާސްތަކާއެކު. އެއްވެސް ކްލަބަކާއެކު ނުކުރާވަރުގެ މަސައްކަތެއް އަހަރެން އެ ކްލަބަށް ކޮށްދިނިން. އަހަރެން އެ ކްލަބު ދޫކޮށް ދިޔައީ ރީތި ގޮތުގައި. އެއްވެސް މައްސަލައެއް ކުރިމަތި ކުރުވުމެއް ނެތި،" އޭނާ ބުންޏެވެ.
މޮރީނިއޯ ބުނީ، ރެއާލްއާ އޭނާ ހަވާލުވިއިރު އެ ކްލަބު އޮތީ ޗެމްޕިއަންސް ލީގުގައި ވާދަކުރި ގްރޫޕްގެ އެންމެ ކުރި ނުހޯދޭ ހިސާބުގައި ކަމަށާއި އޭރު ރެއާލް ވަރުގަދައީ ކްލަބުގެ ތާރީހުން ކަމަށެވެ. އަދި އޭރު ޗެމްޕިއަންސް ލީގުގެ ކުއާޓާއާ ހަމައަށް ނުދެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެން ރެއާލް ދޫކޮށް ދިޔައިރު އެ ޓީމަކީ ޖެހިޖެހިގެން ޗެމްޕިއަންސް ލީގު ތިން ސެމީ ފައިނަލުގައި ވާދަކުރި ޓީމެއް. ރެއާލަށް ސްޕެއިންގެ ޗެމްޕިއަންކަން ހޯދުނު. އެ ޓީމުން އަމިއްލަ ދަނޑުގައި އަދި ރަށުން ބޭރުގައި ވެސް މެޗުތައް ކާމިޔާބުކުރި،" މޮރީނިއޯ ބުންޏެވެ.
ތިން ސީޒަނެއްގައި ރެއާލަށް އިރުޝާދުދިން މޮރީނިއޯއަށް އެ ކްލަބަށް ހޯދައިދެވިފައިވަނީ ސްޕެނިޝް ލަލީގާއަކާއި ކޮޕާ ޑެލް ރޭގެ ތަށްޓެއްގެ އިތުރުން ސްޕެނިޝް ސުޕަރ ކަޕެކެވެ.