ނޫސްވެރިންގެ މަސައްކަތަށް ހުރަސް ނޭޅުމަށް އެމްއެމްސީން ގޮވާލައިފި

މީޑިއާ ކައުންސިލުގެ މެމްބަރުން --- ފޮޓޯ/ އެމްއެމްސީ

ނޫސްވެރިންގެ މަސްއޫލިއްޔަތާއި ޒިންމާތަކަށް ހުރަސް އެޅޭގޮތަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސް ކޮށްފި އެވެ.

އެމްއެމްސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނޫސްވެރިންނަކީ ގައުމުގައި ހިނގާ ކަންތައްތަކުގެ މައުލޫމާތު ތެދުވެރިކަމާއެކު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި މުހިންމު ޒިންމާއެއް އަދާކުރާ ބައެއް ކަމަށެވެ.

ނޫސްވެރިނަށް ހުރަސްއެޅުމުގައި އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރުމަކީ އެމްއެމްސީން ގަބޫލުކުރާ ކަމެއް ނޫން ކަމަށް ބަޔާނުގައި ވަނި ބުނެފަ އެވެ.

"މީޑިއާގެ މިނިވަންކަން ދެމެހެއްޓުމާއި އެ މިނިވަން ކަމަށް އުނިކަން އަންނަ ކަންކަން ބަލައި ފިޔަވަޅު އެޅުމަކީ މި ކައުންސިލުގެ ޒިންމާއެއް ކަމަށް ވާތީ އެ މަސައްކަތް ކުރަމުންދާ ވާހަކަ މިފުރުސަތުގައ ދަންނަވަން،" އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ނޫސްވެރިންނަށް ފަހި މާހައުލެއް ގާއިމްކޮށްދީ ނޫސްވެރިންގެ މަސްއޫލިއްޔަތު އަދާކުރުމަށް ގާނޫނާ ގަވާއިދު ތަންދޭ އެންމެ ފުޅާ މިނެއްގައި ފުރުސަތު ދިނުމަށް އެމްއެމްސީން ވަނީ ގޮވާލާފަ އެވެ.

އެމްއެމްސީން އެގޮތަށް ބަޔާން ނެރިފައިވާއިރު ބްރޯޑްކާސްޓިން ކޮމިޝަނުން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ގާނޫނާ ގަވައިދާ ހިލާފަށް ބާއްވާ އެއްވުންތައް ޓީވީތަކުން ލައިވްކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

comment ކޮމެންޓް