އިސްރާއީލު ސިފައިން ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުން އަލް ޖަޒީރާގެ ނޫސްވެރިޔާ އިސްމާއިލް އަލް ޣައުލް ހައްޔަރުކޮށް ވަރަށް ބޮޑަށް އަނިޔާކޮށްފިއެވެ.
ހައްޔަރުކުރިއިރު، އަލް ޣައުލް މަސައްކަތްކުރަމުންދިޔައީ އިސްރާއީލު ސިފައިން ޝިފާ ހޮސްޕިޓަލަށް ވަދެގަތް ވަގުތުގެ މަންޒަރުތައް ނަގައި ކަވަރުކުރުމަށެވެ.
އަލް ޖަޒީރާއާ ވާހަކަދައްކަމުން މަންޒަރު ދުށް މީހުން ބުނި ގޮތުގައި އިސްރާއީލުގެ ސިފައިން ޣައުލް ގެންދިޔައީ އަނިޔާކުރަމުން ދަމައިފައެވެ. އަދި, ހޮސްޕިޓަލްގައި އެ ވަގުތު ތިބި ނޫސްވެރިންގެ ވެހިކަލްތަކަށާއި އެހެނިހެން ތަކެއްޗަށް ގެއްލުންދީފައިވެއެވެ. ޣައުލްގެ އިތުރުން ފަލަސްތީނުގެ އިތުރު 80 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އަލް ޖަޒީރާއިން ވަނީ މިހާރުން މިހާރަށް ޣައުލް ދޫކޮށްލުމަށް ގޮވައިލައިފައެވެ. އަދި, އިސްރާއީލު ސިފައިންގެ އެ އަމަލަކީ ޣައްޒާގައި މައުސޫމް އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ބިރުވެރި ލާއިންސާނީ ޖަރީމާތައް ރިޕޯޓް ނުކުރުމަށް ބުނެ، ނޫސްވެރިންނަށް ބިރުދެއްކުމުގެ އަމަލެއް ކަމަށް ވެސް އެ ނޫހުން ނެރުނު ބަޔާނެއްގައިވެއެވެ.
ޣައުލް ހައްޔަރުކޮށްގެން ގެންދިއުމަކީ އަލް ޖަޒީރާއަށް އަމާޒުކޮށްދޭ ހަމަލާތަކެއްގެ ބައެއް ކަމަށާއި އެގޮތަށް ހަމަލާދިން ނޫސްވެރިންގެ ތެރޭގައި އަލްޖަޒީރާގެ ކުރީގެ ނޫސްވެރިޔާ ޝީރީން އަބޫ އަކްލޭއާއި ސަމީރު އަބޫ ދައްގާ އަދި ހަމްޒާ ދަހުދޫ ހިމެނޭ ކަމަށް އަލްޖަޒީރާއިން ބުނެއެވެ. އޭގެ އިތުރުން, ޣައްޒާގައި ހުންނަ އަލް ޖަޒީރާގެ އޮފީހަށް ބޮން އެޅުމަކީ ވެސް ސީދާ އަލް ޖަޒީރާއަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް އެ ނޫހުން ބުނެއެވެ.
ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓުސް (ސީޕީޖޭ)އާއި އިންޓަނޭޝަނަލް ޕްރެސް އިންސްޓިޓިއުޓް (އައިޕީއައި)އިން ވެސް ވަނީ އަލްޣޫލް ހައްޔަރުކުރި މައްސަލަ ކުށްވެރިކޮށްފައެވެ.
ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ ޝިފާ ހޮސްޕިޓަލަކީ ފަސް މަހަށްވުރެ ގިނަ ދުވަސްވެފައިވާ ޣައްޒާ ހަނގުރާމައިގެ މައުލޫމާތު ގެނެސްދިނުމަށް ނޫސްވެރިން ބޭނުންކުރާ އެއް މަރުކަޒެވެ.
އިސްރާއީލު ސިފައިން ޝިފާ ހޮސްޕިޓަލަށް ވަދެގަނެ، ފަލަސްތީނުގެ ގިނަ އަދަދެއްގެ ބައެއްގެ ގައިގައި ތަޅައި، ބަހުގެ ހަމަލާތައްދިނުމުގެ އިތުރުން ކަނުބަނދެ އަތް ވެސް ބަނދެފައިވާ ކަމަށް އަލަޖްޒީރާގެ ނޫސްވެރިޔާ ހާނީ މުޙައްމަދާ ހަވާލާދީ އެ ނޫހުން ރިޕޯޓުކުރެއެވެ.
ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނީ ހޮސްޕިޓަލްގެ އެއް އިމާރާތަށް އިސްރާއީލު ސިފައިން ވަނީ މިސައިލެއް ވައްޓައިލައި ބަޑި ޖަހައިފައެވެ. ބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު މަރުވެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހު ފެށި ޣައްޒާ ހަނގުރާމައިގައި މިހާތަނަށް ގާތްގަޑަކަށް 95 ނޫސްވެރިންނާއި މީޑިއާ މަސައްކަތްތެރިން ޝަހީދުކޮށްލައިފައިވާ ކަމަށް ސީޕީޖޭއިން ބުނެއެވެ.