ޔޫކްރޭން ހަނގުރާމައާ ގުޅޭ ލިޔުމެއްގެ މައްސަލައިގައި ރަޝިއާ ނޫސްވެރިޔަކު ޖަލަށްލައިފި

ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިވާ ޔޫކްރެއިން ސިފައިން -- ފޮޓޯ/އަލްޖަޒީރަ

ރަޝިޔާ - ޔޫކްރޭން ހަނގުރާމައިގައި ޔޫކްރޭނުގައި ރަޝިޔާއިން ހިންގާފައިވަނީ ޖަރީމާއެއް ކަމަށް ބުނެ ލިޔެފައިވާ ލިޔުންތަކެއްގެ ސަބަބުން ރަޝިޔާގެ ނޫސްވެރިޔަކު ހަތް އަހަރަށް ޖަލަށްލައިފިއެވެ.

އޮންލައިން ނޫހެއް ކަމަށްވާ ރަސްނިއުސްގައި މަސައްކަތްކުރާ ރޯމަން އިވާނޯވް ކިޔާ ނޫސްވެރިއާގެ މައްޗަށް ސާބިތުވީ މީގެ ދެ އަހަރު ކުރިން ފެށި ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާ ސިފައިންނާބެހޭގޮތުން ސައްހަ ނޫން މައުލޫމާތުތަކެއް ލިޔެފައިވާކަމުގެ މައްސަލައެވެ.

ރަޝިޔާއިން މީގެކުރިން ވެސް ވަނީ އެ ގާނޫނުތައް ބޭނުންކޮށްގެން ރަޝިޔާއިން ޔޫކްރޭންގައި ހިންގާ ހާއްސަ އަސްކަރީ އޮޕަރޭޝަނާ ބެހޭ ގޮތުން ރަޝިޔާއާ ދެކޮޅު މައުލޫމާތު ރިޕޯޓްކުރާ ނޫސްވެރިންނާއި އެކްޓިވިސްޓުންނާ ދެކޮޅަށް ފިޔަވަޅު އަޅައިފައެވެ.

އިވާނޯވްގެ މައްޗަށް އުފުލާފައިވާ ދައުވާތައް އުފެދިފައިވަނީ ޔޫކްރޭންގެ ބުޗާގައި ރަޝިޔާއިން ޖަރީމާތައް ހިންގައިފައިވާ ކަމަށް ލިޔެފައިވާ ލިޔުންތަކުގެ ސަބަބުންނެވެ.

މި ލިޔުންތައް ޝާއިއުކޮށްފައިވަނީ އިވާނޯވް ހިންގާ ނިއުސް ޗެނަލް "ޗެސްޓްނޯޔޭ ކޮރޮލިއޮވްސްކޯޔޭ"ގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ކަމަށް މީދިއާ ރިޕޯޓުތައް ބުނެއެވެ.

"ޔޫކްރޭންގައި ހިނގާ ހުރިހާ ޖަރީމާތަކަކީ އަހަރުމެންގެ ސަބަބުން ވާ ކަމެއް ކަމަށް އެމެންނަށް އެގެންޖެހޭ،" އެ މައްސަލައާ ގުޅިގެން ކޯޓުގައި ވާހަކަ ދައްކަމުން އިވާނޯވް ބުންނެވެ.

އިވާނޯވްއަކީ ޔޫކްރޭންގެ މާރިއުޕޯލްގެ ތިއޭޓަރަކަށް މޮސްކޯއިން ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރުމުން މިދިޔަ މަހު އޭނާގެ އެކުވެރިޔާ މާރިއާ ޕޮނޮމަރެންކޯއަށް ހަ އަހަރަށް ޖަލަށް ލުމަށް ފަހު ސައްހަ ނޫން މައުލޫމާތު ހާމަކުރުމުގެ ކުށުގައި ޖަލަށްލި ދެވަނަ ރަސްނިއުސް ނޫސްވެރިޔާއެވެ.

ރަސްނިއުސްގެ އެހެން ނޫސްވެރިއެއްގެ މައްޗަށް ވެސް ރަޝިޔާއިން އަންނަނީ ޝަރީއަތް ހިންގަމުންނެވެ. އޭނާގެ މައްޗަށް ކުރާ ދައުވާއަކީ މުޒާހަރާތަކަށާއި މަގުމަތީގެ ހަމަނުޖެހުންތަކަށް ހިތްވަރުދީ ޓެލެގްރާމް މެދުވެރިކޮށް މެސެޖްތައް ފޯރުކޮށްދީފައިވާކަމުގެ ތުހުމަތެވެ.

comment ކޮމެންޓް