ނަތަންޔާހޫއަށް ފާޑުކިޔުމުން އިސްރާއީލުގެ ނޫސްވެރިޔަކު ސަސްޕެންޑުކޮށްފި

ނަތަންޔާހޫއަށް ފާޑުކިޔުމުން ސަސްޕެންޑު ކުރި އިސްރާއީލުގެ ނޫސްވެރިޔާ ގިލް ތަމަރީ. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބޭނުން ވަނީ ހުރިހާ ރަހީނުން މަރުވާން ކަމުގައި ބުނި އިސްރާއީލުގެ ނޫސްވެރިޔަކު ސަސްޕެންޑުކޮށްފިއެވެ.

"ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމުގެ އެއްވެސް ޝައުގުވެރިކަމެއް ނަތަންޔާހޫގެ ނެތް. އޭނާ ބޭނުންވަނީ އެ އެންމެން މަރުވާން." އިސްރާއީލުގެ ޓީވީ ޗެނަލެއް ކަމަށްވާ ޗެނަލް 13ގެ ނޫސްވެރިޔާ ގިލް ތަމަރީ ވަނީ ޓީވީން ދެއްކި ލައިވް ޕްރޮގްރާމެއްގައި ބުނެފައެވެ.

އެކަމާ ގުޅިގެން ތަމަރީ ސަސްޕެންޑުކޮށްފައިވާ ކަމަށާއި ނަމަވެސް އެކަމަށް އޭނާ މައާފަށް އެދުމުން އަންނަ ބުދަ ދުވަހުން ފެށިގެން އޭނާ އަލުން ވަޒީފާއާ ގުޅޭނެ ކަމަށް އިސްރާއީލުގެ ނޫހެއް ކަމަށްވާ ހާރޭޒް ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

މިސްރާއި ގަތަރު މެދުވެރިވެގެން ހަނގުރާމަ ހުއްޓައިލުމަށް މިދިޔަ ހަފުތާގައި ހުށަހެޅި ހުށަހެޅުމަށްވެސް ނަތަންޔާހޫ ވަނީ ދެކޮޅު ހައްދަވައިފައެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހު އިސްރާއީލުގެ ފައުޖުތަކާއި ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތާ ދެމެދު ބަދަލުކުރި ހަމަލާތަކުގައި 130 މީހަކު ހަމާސްއިން ވަނީ ރަހީނުކޮށްފައެވެ. އެ ހަމަލާތަކަށްފަހު ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލު ފައުޖުތަކުން ދެމުން އަންނަ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 28،340 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގައި ޒަހަމްކޮށްލައިފައިވާ މީހުންގެ އަދަދު ވަނީ 67،984 އަށް އުފުލިފައެވެ.

ސާފު ބޯފެނާއި ކާނާ، އަދި ބޭސް ފަރުވާވެސް ނުލިބޭ ހާލުގައިތިބި ޣައްޒާގެ އާންމުންގެ 85 އިންސައްތަ މީހުންގެ އަމިއްލަ ގެދޮރު ދޫކޮށްލުމަށް އެ މީހުންނަށް ވަނީ މަޖުބޫރުވެފައެވެ.

comment ކޮމެންޓް