މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ އއ. މާޅޮސް ބަލިކޮށް، ދ. ކުޑަހުވަދޫން ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.
ހދ. ކުޅުދުއްފުށީގައި މިއަދު ހަވީރު ކުޅުނު ސެމީގެ މެޗުގައި މާޅޮސް ޓީމުގެ މައްޗަށް ކުޑަހުވަދޫން ކުރި ހޯދީ 4-1 ލަނޑުގެ ނަތީޖާއަކުންނެވެ.
މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކުޑަހުވަދޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، އެ ޓީމަށް އެ ހާފުގައި ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ. މެޗުގެ 13 ވަނަ މިނެޓުގައި ކުޑަހުވަދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އާދަމް ޝަހީމެވެ.
މެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ކުޑަހުވަދޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގެ 57 ވަނަ މިނެޓުގައި ކުޑަހުވަދޫގެ ދެވަނަ ލަނޑު ކްރިސްޓިއަން އޫޒީ ޓޯސޫ ކާމިޔާބުކޮށްދިންއިރު، އޭގެ ދިހަ މިނެޓްފަހުން ކުޑަހުވަދޫގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އިސްމާއީލެވެ.
މެޗުގައި މާޅޮހުން ޖެހި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 68 ވަނަ މިނެޓުގައެވެ. އެންމެ ފަހުގެ ޗެމްޕިއަން ބ. އޭދަފުށްޓާއި ހދ. ކުޅުދުއްފުށި ހިތްދަތިކޮށްލި މާޅޮހަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އާދަމް މާޖިދެވެ. މެޗުގައި ކުޑަހުވަދޫން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަފޮންޖާ ޖިބޯލާއެވެ.
މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ކުޑަހުވަދުއާ ދެކޮޅަށް ނުކުންނަން ޖެހޭނީ ސެމީގެ އަނެއް މެޗުގައި ށ. މިލަންދޫގެ މައްޗަށް ކުރި ހޯދި ގދ. ތިނަދުއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.