ސިޓީ ފަހަތަށް ޖައްސާލާފައި، ޗެލްސީ ހަތަރުވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން ލެސްޓާ ސިޓީ ބަލިކޮށް، ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ.

ލެސްޓާއިން މެޗުގައި ވަރަށް ރަނގަޅަށް ޑިފެންސްކުރިއެވެ. ޗެލްސީއަށް ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީ ވެސް ކޯޕް ޕާމާ ފޮނުވާލުމުން ލެސްޓާގެ ކީޕަރު މެޑްސް ހާމަންސެން ވަނީ ދިފާއުކޮށްފައެވެ. އެއީ، ޕާމާގެ ޕެނަލްޓީއެއް ކާމިޔާބުނުވި ފުރަތަމަ ފަހަރެވެ. އޭނާ މީގެ ކުރިން ޖެހި 12 ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ.

ޗެލްސީއަށް މެޗުގައި ކުރި ހޯދުނީ 60 ވަނަ މިނެޓުގައި މާކް ކުކުރެޔާ ކާމިޔާބުކޮށްދިން ލަނޑަކުންނެވެ. އެއީ، މި ސީޒަންގައި އޭނާ ޖަހައިދިން ފަސްވަނަ ލަނޑެވެ.

މި ކާމިޔާބީއާ އެކު ޗެލްސީން މިވަނީ 49 ޕޮއިންޓާ އެކު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ފަހަތަށް ޖައްސާލައި ހަތަރުވަނައަށް ކުރިއަށް ޖެހިލާފައެވެ. ލެސްޓާ އޮތީ 17 ޕޮއިންޓާ އެކު 19 ވަނައިގައެވެ.

މި މުބާރާތުގައި ޓޮޓްނަމް ހޮޓްސްޕާއާއި ބޯންމޯތު ބައްދަލުކުރި މެޗު 2-2 އިންވީ އެއްވަރެވެ.

ސްޕާސްގެ ދަނޑުގައި ކުޅުނު އެ މެޗުގެ ފުރަތަމަ ދެ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ބޯންމޯތުންނެވެ. މި ދެ ލަނޑު ކާމިޔާބު ކޮށްދިނީ މާކަސް ޓެވެނިއާއާއި އެވަނީލްސަންއެވެ. ނަމަވެސް، ފަހުން ސްޕާސްއިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އެއީ، ޕެޕޭ ސާއާއި ސޮން ހެއުން މިންގެ ލަނޑުންނެވެ.

މި ނަތީޖާއާ އެކު ބޯންމޯތު އޮތީ 44 ޕޮއިންޓާ އެކު އަށްވަނައިގައެވެ. ސްޕާސް އޮތީ 34 ޕޮއިންޓާ އެކު 13 ވަނައިގައެވެ.

comment ކޮމެންޓް