އިންގްލިޝް ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލް އިންނެވެ.
މި މެޗުގެ ފެށުން އާސެނަލްގެ ރަނގަޅުވި ނަމަވެސް އެ ޓީމަށް ޔުނައިޓެޑްގެ ޑިފެންސް ފޫއަޅުވައިލެވޭގޮތެއް ނުވިއެވެ. ނަމަވެސް މިއާއެކު ވެސް މިމެޗުގެ ލީޑު ނެގިތަން ފެނުނީ ޔުނައިޓެޑުންނެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ޔުނައިޓެޑަށް ލިބިގެންދިޔަ ހިލޭ ޖެހުމަކުން އެ ޓީމަށް ލީޑު ނަގައިދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްއެވެ. މިފަހަރުގެ ސީޒަންގައި ބްރޫނޯ އަންނަނީ ޔުނައިޓެޑަށް މުހިންމު ލަނދުތަކެއް ކާމިޔާބު ކޮށްދެމުންނެވެ. މި ލަނޑާއެކު ޔުނައިޓެޑް ލީޑުގައި އޮވެގެން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ޔުނައިޓެޑްގެ ފަރާތުން އެ ޓީމުގެ ލީޑު ފުޅާކުރުމަށް މަސައްކަތް ކުރަމުންދިޔަ ފަދަ ކުޅުމެއް ފެނިގެންދިޔައެވެ.
މިގޮތުން އާސެނަލްގެ ޑިފެންސަށް ނުރައްކާތެރި ދެތިން ހަމަލާއާ ކުރިމަތިވެގެންދިޔައެވެ. މި މެޗުގެ ނަތީޖާ އާސެނަލުން އެއްވަރު ކޮށްފައިވަނީ މެޗުގެ 74 ވަނަ މިނެޓުގައި ޑެކްލަން ރައިސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މި ލަނޑާއެކު މި މެޗު އިތުރަށް ހުޅުވިގެން ގޮސް ދެ ޓީމަށް ވެސް މެޗުން މޮޅުވާނެ ރަނގަޅު ދެތިން ފުރުސަތު ލިބިގެންދިޔައެވެ. ހާއްސަކޮށް ޔުނައިޓެޑަށް ލިބިގެންދިޔަ ފުރުސަތުތައް ފާހަގަ ވެގެންދިޔައެވެ. މިގޮތުން މެޗު ނިމެން ގާތްވެފައިވަނިކޮށް ޔުނައިޓެޑަށް ވަނީ މެޗުގެ ލީޑު ނަގާނެ ވަރަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް އެ ހަމަލާ ވެސް ވަނީ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ދިފާއު ކޮށްފައެވެ.
މި މެޗު އެއްވަރުވުމުން އާސެނަލުން ލީގަށް ކުރާ މަސައްކަތުގައި މިވަނީ އިތުރު ދެ ޕޮއިންޓް އަނެއްކާ ވެސް ގެއްލިފައެވެ. އަދި މިހާރު ތާވަލުގެ އެއްވަނައިގައި އުޅޭ ލިވަޕޫލާއި އާސެނަލާ ދެމެދު 15 ޕޮއިންޓްގެ ތަފާތު އެބަހުއްޓެވެ.
އާސެނަލް މިހާރު އުޅެނީ 55 ޕޮއިންޓާއެކުއެވެ. އަދި މި މެޗުން ލިބުނު ޕޮއިންޓާއެކު ޔުނައިޓެޑް މިހާރު އުޅެނީ 34 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.