ފޮރެސްޓާ ބައްދަލުކުރި މެޗުގައި ވެސް ސިޓީއަށް ލަނޑެއް ނުޖެހި މެޗުން ބަލިވެއްޖެ

ފޮރެސްޓާ ބައްދަލުކުރި މެޗުގައި ވެސް ސިޓީއަށް ލަނޑެއް ނުޖެހި މެޗުން ބަލިވެއްޖެ

އިންގްލިޝް ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށް ތާވަލްގެ ތިންވަނައިގާ ފޮރެސްޓް ފައި ހަރުކޮށްލައިފިއެވެ.

ފޮރެސްޓްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ.

މުޅި މެޗުގައި ވެސް ބޯޅަ ހިފަހައްޓައިގެން ހަމަލާ އުފެއްދުމަށް ބޮޑަށް މަސައްކަތް ކޮށްފައިވަނީ ސިޓީންނެވެ. ނަމަވެސް މިމެޗުގައި ފޮރެސްޓުން މުޅި ޓީމު ޑިފެންސަށް ފައިބާ އެކަތި ގަނޑެއްގެ ގޮތުގައި ޑިފެންސް ކުރުން ވެގެންދިޔައީ ސިޓީއަށް ފޮރެސްޓްގެ ޑިފެންސް ފޫއަޅުވާލުމުގައި ވަރަށް އުދަގޫވި ކަމަކަށެވެ.

އެހެން ކަމުން ފުރަތަމަ ހާފުގައި ވެސް މާރަނގަޅު ފުރުސަތެއް ސިޓީއަށް އުފެއްދިގެން ދިޔަ ތަނެއް ނުފެނުވެ. އަދި ފޮރެސްޓުން ވަރަށް ރަނގަޅަށް ޑިފެންޑް ކުރުމުގެ އިތުރުން ލިބޭ ފުރުސަތު ތަކުގައި ކުރިއަށް އަރާ ކައުންޓާ އެޓޭކް ވެސް ކުރަމުންދިޔަ ތަން ފެނިގެންދިޔައެވެ.

މިމެޗުގެ ފުރަތަމަ ހާފަށް ވުރެ ބޮޑަށް ދެވަނަ ހާފުގައި ފޮރެސްޓުން ކައުންޓާގައި ކުރިއަށް އަރާ ހަމަލާ އުފައްދަން މަސައްކަތް ކުރިތަން ފެނިގެންދިޔައެވެ. މިގޮތުން މިހާފުގައި ސިޓީގެ ކީޕާ އެޑަސަން ވަނީ ފޮރެސްޓްގެ ކެލުމް ހަޑްސަން އޮޑޯއި ފޮނުވާލި ވަރަށް ނުރައްކާތެރި ހަމަލާއެއް ދިފާއު ވެސް ކޮށްފައެވެ. އަދި ގިނައިރު ވަމުންދިޔަ ވަރަކަށް ފޮރެސްޓަށް ލިބެމުންދިޔަ އިތުބާރު އިތުރުވެ ސިޓީ ޕްރެޝަރަށް ވެއްޓެމުންދިއުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 83ވަނަ މިނެޓުގައި ފޮރެސްޓުން އުފެއްދި ކައުންޓާ އެޓޭކެއްގައި މެޗުގެ ލީޑު ނެގުމެވެ.

މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހަޑްސަން އޮޑޯއިއެވެ. މިއާއެކު ސިޓީއިން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން އެޓީމަށް ކާމިޔާބުވާގޮތެއްނުވިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ މިސީޒަންގައި ނުވަވަނަ ފަހަރަށް ސިޓީ ލީގުގައި ބަލިވުމެވެ. އަދި މިއީ މިފަހަރުގެ ލީގުގައި ސިޓީއަށް ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ފަސްވަނަ މެޗެވެ.

މިމެޗުން މޮޅުވުމުން ފޮރެސްޓް މިހާރު ތާވަލްގެ ތިންވަނައިގާ އުޅެނީ 51 ޕޮއިންޓާއެކުއެވެ. އަދި ހަތަރު ވަނައިގައި މިވަގުތު އޮތް ސިޓީގެ މައްޗަށް ހަތަރު ޕޮއިންޓްގެ ލީޑެއް ވަނީ ނަގައިފައެވެ. މިމެޗުން މޮޅުވިނަމަ ސިޓީއަށް ވެސް ތާވަލްގެ ތިންވަނައަށް އެރުމުގެ ފުރުސަތު އޮތެވެ. ނަމަވެސް އެފުރުސަތު މިވަނީ އެޓީމުން ނަގާލައިފައެވެ.

ސިޓީ މިވަގުތު އުޅެނީ 47 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ. ނަމަވެސް މިހަފުތާގެ އެހެން މެޗުތަކުގެ ނަތީޖާ ނިކުންނަ ގޮތަކުން ސިޓީ ތާވަލްގެ ތަންކޮޅެއް ތިރިއަށް ދިއުމަކީ ގާތްކަމެކެވެ.

މިމުބާރާތުގައި ބްރައިޓަން އެންޑް ހޯވް އެލްބިއަން އާއި ފުލަމް ބައްދަލުކުރި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ބްރައިޓަންއެވެ. މިމެޗުގައި ބްރައިޓަންގެ ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޔާން ޕޯލް ވެން ހާކާ އާއި ޖާއޮ ޕެޑްރޯއެވެ.

އަދި ފުލަމްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރައުލް ހިމެނޭޒްއެވެ. މިމެޗުން ބްރައިޓަން މޮޅުވި ލަނޑު ޕެޑްރޯ ކާމިޔާބު ކޮށްދީފައިވަނީ އިތުރު ވަގުތުގެ އަށްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މިކާމިޔާބީއާއެކު ބްރައިޓަން މިހާރު އުޅެނީ 46 ޕޮއިންޓާއެކު ތާވަލްގެ ހަވަނައިގައެވެ. އަދި ފުލަމް އުޅެނީ 42 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ.

comment ކޮމެންޓް