ރިޝްވަތުދޭ ފަރާތްތަކުން އޭގެ ރަހަ ދެކޭނެ: ހަލީލް

ހަލީލް ރައީސްގެ އަނބިކަނބަލުންނާ ސަލާމް ކުރައްވަނީ --

ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ ވެރިންނަށް ރިޝްވަތު ދޭން މަސައްކަތް ކުރާ ފަރާތްތަކުން އެކަމުގެ "ރަހަ" ދެކޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މަމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގައި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން މިއަދު ހައްޔަރުކޮށްފައިވާ އިރު މިއަދު ހަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރިޝްވަތު ދިނުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގެ ރަހަ އެކަން ކުރާ ފަރާތްތަކުން ދެކޭނެ ކަމަށެވެ.

"ރިޝްވަތުގެ ހުތުރު އަމަލު ހިންގައިގެން ވެރިކަން ވައްޓާލެވިދާނެ ކަމަށް ހީކުރުމަކީ ކުށްހީއެއް، އިދިކޮޅު ފަރާތްތައް ފެއިލް ވާނެ،" ހަލީލް މިއަދު ކޮށްފައިވާ އިތުރު ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ.

ރިޝްވަތު ދިނުމަކީ ގައުމަށްވެވޭ ހިޔާނާތެއް ކަމަށާއި އެއީ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށް ވެސް ހަލީލް ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލަ ވެއްދުމަށް މަޖިލީހުގެ 45 މެމްބަރުންގެ ސޮއި އިދިކޮޅު ފަރާތްތަކުން ހޯދާފައިވާ އިރު ސަރުކާރުން އެކަން ސިފަކުރަނީ ރިޝްވަތު ދީގެން ކުރިވިކަމެއްގެ ގޮތުގަ އެވެ.

މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައި ފާރިސް މިއަދު ހައްޔަރުކޮށްފައިވާ އިރު ފުލުހުން ވަނީ ފާރިސް ރިޝްވަތު ދިންކަމުގެ ހެކި ލިބިފައިވާކަމަށް ބުނެފަ އެވެ. ނަމަވެސް ފާރިސް އެ ތުހުމަތަށް އިންކާރު ކުރައްވަ އެވެ.

comment ކޮމެންޓް