އީގަލްސްއަށް ކައިރި ކައިރީގައި މެޗުތައް ކުޅެން ޖެހޭތީ ސާންތީ ހިތްހަމަނުޖެހުން ފާޅުކޮށްފި

ކްލަބު އީގަލްސްގެ ކޯޗު އިހުސާން އަބްދުލްޤަނީ (ސާންތީ): މެޗަށް ނުކުންނައިރު އީގަލްސްއަށް ދަތިތަކެއް ހުރިކަން ސާންތީ ފާހަގަކުރޭ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާލޭ ލީގުގައި ކައިރި ކައިރީގައި މެޗުތައް ކުޅެން ޖެހޭތީ ކްލަބު އީގަލްސްގެ ކޯޗު އިހުސާން އަބްދުލްޤަނީ (ސާންތީ) އެކަމުގެ ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

ލީގުގެ ދެވަނަ ބުރުގައި މިރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް އީގަލްސް ނުކުންނަން ޖެހޭއިރު، އެ ޓީމުން ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުމެފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

"އަޅުގަނޑަށް ވެސް ދިމާވާ މައްސަލައަކީ އަޅުގަނޑުމެން އެންމެ ފަހު މެޗު މިކުޅުނީ 9 ވަނަ ދުވަހު. ކޮންމެ އޮޕޯނަންޓަކާ ދެކޮޅަށް ވެސް ވަކި ސެޓަޕަކަށް ތައްޔާރުވާންޖެހެނީ. އެހެންވީމަ ނިއު ރޭޑިއަންޓް ކަހަލަ ޓީމަކާ އެއްކޮށް ކުޅޭއިރު ތިން ދުވަސްތެރޭގައި ހަގީގަތުގައި އަޅުގަނޑުމެންނަށް ރަނގަޅަށް ތައްޔާރެއް ނުވެވޭނެ. ކުޅުންތެރިންނަށް އެއް ދުވަސް ރެސްޓްވެސް ދޭންޖެހޭ،" އީގަލްސްގެ ކޯޗު ބުންޏެވެ.

ސާންތީ ބުނީ، ރޯދަމަހު ވެސް މެޗެއް ކުޅެފައި ކައިރި ކައިރީގައި މެޗުތަކެއް ކުޅެން ޖެހުމުން ކުޅުންތެރިންނަށް ވަރުބަލިކަން އިހުސާސް ކުރެވޭނެ ކަމަށާއި ނިއު ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ނުކުންނައިރު އީގަލްސްއަށް އިތުރު ދެ ދުވަހެއްވަރު ލިބުނުނަމަ ހިތްހަމަޖެހުމަކަށް ވާނެ ކަމަށެވެ.

"ނިއު މެޗުގައި އަޅުގަނޑުމެންގެ އެންމެ އިތުބާރު އެއް ޑިފެންޑަރު މުޖޭ (މުޖްތާޒް މުހައްމަދު)އަށް ދެ ރީނދޫ ކާޑު ހަމަވުމުން ނުކުޅެވޭނެ. އެތަން ފޫބައްދާނެ ގޮތަކާ މެދު ވެސް އަޅުގަނޑު ވިސްނަމުން މިދަނީ. މުޖޭ ނެތްތަން ފޫބެއްދުމަކީ ވަރަށް އުނދަގޫ ކަމެއް. މިކަހަލަ އުނދަގޫތަކެއް އެބަހުރި،" އޭނާ ބުންޏެވެ.

ސާންތީ ބުނީ، އީގަލްސްއަކީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރަނގަޅަށް ކުޅޭ ޓީމެއް ކަމަށާއި ނިއުއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ކުރީ މެޗުތަކަށްވުރެ ރަނގަޅު ކުޅުމެއް ދައްކާ، ރަނގަޅު ނަތީޖާއެއް ނެރުމަށް މަސައްކަތްކުރާނެ ކަމަށެވެ. އޭނާ ވަނީ ނިއުގެ އާ ކޯޗު އޮސްކާ ބްރުޒޮންގެ ޓްރޭނިންތަކުގެ ވަރުގަދަކަން ވެސް ފާހަގަކޮށް ވާހަކަދައްކައިފައެވެ.

"އާ ކޯޗާއެކު ނިއު ރޭޑިއަންޓުން ފަހުން ކުޅުނު މެޗުތަކުގައި ބޯޅަ ބާއްވައިގެން ތަންކޮޅެއް ބޮޑަށް ކުޅެން މަސައްކަތްކުރާތަން އެބަފެނޭ. ނިއު ރޭޑިއަންޓްގެ ކުޅުމަށް ބަދަލު އައިސްފައިވާ ތަން ފެނިގެންއެބަދޭ. ބައެއް ޕޮސިޒަންތަކަށް ވެސް ބަދަލުތަކެއް ގެންނަތަން އެބަފެނޭ. ކޯޗެއް ހަވާލުވާއިރު އުނދަގޫތަކެއް ވެސް ހުންނާނެ. އެ ކޯޗަށް ވަގުތު ވެސް ބޭނުންވާނެ. އެކަމަކު ނިއު ރޭޑިއަންޓްގައި ނަތީޖާ ނެރެދެވޭނެ ކުޅުންތެރިން އެބަތިބި،" އޭނާ ބުންޏެވެ.

ލީގުގައި ނިއުއާ ދެކޮޅަށް އީގަލްސް ނުކުންނަން ޖެހޭނީ މިރޭ 9:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

comment ކޮމެންޓް