ކާސްގެ އާބިޓްރޭޓަރަކާ މުއާމަލާތްކުރިކަމަށް ބުނެ މޮރޮކޯއިން ކުރި ތުހުމަތުތައް ސެނެގާލުން ދޮގުކޮށްފި

އެފްކޮންގެ ޗެމްޕިއަންކަން ހޯދުމަށްފަހު ސެނެގާލް ޓީމުން އުފާފާޅުކުރަނީ--

އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) މިދިޔަ އަހަރުގެ ގެ ޗެމްޕިއަންކަން ސެނެގާލަށް ދިނުމަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް (ކާސް) އިން ނިންމި ނިންމުމާ ގުޅިގެން، އެ ކޯޓުގެ އާބިޓްރޭޓަރަކާ މުއާމަލާތްކުރި ކަމަށް ބުނެ މޮރޮކޯ ފުޓްބޯޅަ ފެޑެރޭޝަނުން ކުރި ތުހުމަތުތައް ސެނެގާލް ފުޓްބޯލް ފެޑެރޭޝަން (އެފްއެސްއެފް) ގެ ރައީސް އަބްދުލާޔޭ ފޯލް ދޮގުކުރައްވައިފިއެވެ.

މޮރޮކޯގެ ރޯޔަލް މޮރޮކަން ފުޓްބޯލް ފެޑެރޭޝަން (އެފްއާރްއެމްއެފް) އިން ތުހުމަތުކޮށްފައިވާ ގޮތުގައި، ސެނެގާލަށް ތަށި ދިނުމަށް ކާސްގެ ތިން މެންބަރުންގެ ޕެނަލުގެ އިއްތިފާގުން ނިންމުމުގެ 48 ގަޑިއިރު ކުރިން، އެ ޕެނަލްގައި ހިމެނޭ ޖަރުމަނުގެ އާބިޓްރޭޓަރު އުލްރިކް ހާސް އާއި ފޯލްއާ ދެމެދު ވަނީ މުއާމަލާތްތަކެއް ހިންގާފައެވެ.

ނަމަވެސް ބުދަ ދުވަހު ސެނެގާލްގެ އަމިއްލަ ޓީވީ ޗެނަލެއް ކަމަށްވާ ޓީއެފްއެމް މެދުވެރިކޮށް ވާހަކަދައްކަވަމުން ފޯލް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، ކާސްގެ އެއްވެސް މެންބަރަކާ ދުވަހަކުވެސް އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އެއްވެސް ފަރާތަކާ ގުޅުން ބާއްވާފައި ނުވާނެ ކަމަށާއި، މިފަދަ ތުހުމަތެއް ކުރުމުން ހައިރާންކަން ލިބިވަޑައިގެންނެވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސެނެގާލް ފުޓްބޯލް ފެޑެރޭޝަން (އެފްއެސްއެފް) ގެ ރައީސް އަބްދުލާޔޭ ފޯލް--

މައްސަލައިގެ ފަސްފަހަތަށް ބަލާއިރު، މި މައްސަލަ އުފެދިފައިވަނީ މިދިޔަ ޖެނުއަރީ މަހު ކުޅުނު އެފްކޮންގެ ފައިނަލް މެޗު، އިތުރު ވަގުތުގައި 0-1 އިން ސެނެގާލް ކާމިޔާބުކޮށްފައި ވަނިކޮށެވެ. މެޗުގައި ގޯލެއް ނުޖެހި އޮއްވައި މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމުން، އެކަމާ ހިތްހަމަނުޖެހިގެން ސެނެގާލްގެ ގިނަ ކުޅުންތެރިން ދަނޑުން ފައިބައިގެން ދިޔައެވެ.

އޭގެ ދެ މަސްދުވަސް ފަހުން، ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން ވަނީ މެޗުގެ ނަތީޖާ ބަދަލުކޮށް މޮރޮކޯއަށް 0-3 ގެ މޮޅެއް ދީ، މުބާރާތުގެ ޗެމްޕިއަނުންނަކީ މޮރޮކޯ ކަމަށް ކަނޑައަޅާފައެވެ.

ކާފްގެ އިސްތިއުނާފު ކޮމިޓީން އެ ނިންމުން ނިންމީ، މުބާރާތުގެ ޤަވާއިދުގެ 82 އަދި 84 ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ. އެ މާއްދާތަކުގައި ބަޔާންކޮށްފައިވާ ގޮތުން، ރެފްރީގެ ހުއްދައެއް ނެތި ޓީމަކުން ކުޅެން ދެކޮޅުހަދައި ނުވަތަ މެޗު ނިމުމުގެ ކުރިން ދަނޑުން ފައިބައިފިނަމަ، އެ ޓީމެއް ބަލިވި ކަމަށް ނިންމައި މުބާރާތުން ވަކިކުރެވޭނެ ކަމަށެވެ.

ނަމަވެސް، ދަނޑުން ފޭބި ސެނެގާލްގެ ކުޅުންތެރިން ފަހުން އެނބުރި ދަނޑަށް އަރައި މެޗު ފުރިހަމަކޮށްފައި ވެއެވެ. އެހެންކަމުން ކާސްގެ ޕެނަލުން ނިންމީ، މެޗު އަލުން ފެށުމަށް ރެފްރީ ނިންމި ނިންމުމަކީ މެޗު ކުރިއަށް ގެންދިއުމުގެ ހާލަތު ފުރިހަމަވެފައިވާ ކަމުގެ ހެއްކެއް ކަމަށާއި، އެހެންވެ ގަވާއިދުގެ 82 އަދި 84 ވަނަ މާއްދާ މި ހާލަތަށް ނުހިނގާނެ ކަމަށެވެ.

ކާސްގެ މި ނިންމުމާ ދެކޮޅަށް ސްވިސް ފެޑެރަލް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ އިޚުތިޔާރު މޮރޮކޯގެ ފެޑެރޭޝަނަށް އޮވެއެވެ. ނަމަވެސް އެ ކޯޓަކީ މައްސަލައިގެ އަސްލާމެދު ގޮތް ނިންމާ ކޯޓެއް ނޫންކަމަށް ގިނަ ބަޔަކު ބުނެއެވެ. އެ ކޯޓުން ބަލާނީ ހަމައެކަނި އިޖުރާއީ ކަންކަން ފުރިހަމަކޮށްފައިވޭތޯ އެކަންޏެވެ.

comment ކޮމެންޓް