ޓެރީ އަކީ މޮރިނިއޯ މެންޔޫއަށް ގެންނަން ޖެހޭ ކުޅުންތެރިއެއް: ފާގަސަން

ސާރ އެލެކްސް ފާގަސަން ޖޯން ޓެރީއާއެކު -- ފޮޓޯ: ގެޓީ

ޗެލްސީގެ ކުރީގެ ކެޕްޓަން ޖޯން ޓެރީއަކީ، މިފަހަރުގެ ޓްރާންސްފަރގައި މެންޗެސްޓާ ޔުނައިޓެޑަށް ގެންނަން ޖެހޭ ކުޅުންތެރިއެއްކަމަށް އެ ކްލަބުގެ ކުރީގެ ކޯޗު ސަރ އެލެކްސް ފާގަސަން ބުނެފިއެވެ.

ޓެރީ ވަނީ ޕްރިމިއަރ ލީގުގެ ބޮޑެތި ބައެއް ކްލަބުތަކުން ލިބުނު ހުށަހެޅުންތަކަށް ނޫނެކޭ ބުނުމަށްފަހު ފްރީ ޓްރާންސްފަރ އެއްގައި، އެއް އަހަރު ދުވަހުގެ މުއްދަތަށް ސެކަންޑް ޑިވިޝަންގެ ކްލަބެއް ކަމަށްވާ އެސްޓަން ވިލާއަށް ސޮއިިކޮށްފައެވެ.

ފާގަސަން ބުނީ، މޮރީނިއޯގެ ބަދަލުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗަކަށް އޭނާ ހުރި ނަމަ، ޓެރީ އޯލްޑް ޓްރަފޮޑަށް ގެންނާނޭ ކަމަށެވެ.

ދަ ސަންގައި ރިޕޯޓުކޮށްފައިވާ ގޮތުން ފާގަސަން ގަބޫލުކުރާ ގޮތުގައި އުމުރުން 36 އަހަރުގެ ޓެރީއަކީ އަދިވެސް ޕްރިމިއަރ ލީގުގައި ރަނގަޅު ކުޅުމެއް ދެއްކޭނޭ ފަދަ ތަޖްރިބާ ހުރި ކުޅުންތެރިއެކެވެ.

އެސްޓަންވިލާއަށް ޓެރީ ސޮއިކުރުމުން އެ ކްލަބުގެ ކޯޗު ސްޓީވް ބްރޫސް ބުނީ، ޓެރީއަށް ޚަރަދުކުރި ކޮންމެ ލާރިއަކީވެސް އޭގެ އަގު ލިބޭނޭކަން ޔަގީންވާ އެއްޗެއް ކަމަށެވެ.

ދުވަސްތަކަކަށް ފަހު ޓެރީގެ ކުޅުން ވަރަށް ގާތުން ބަލައިލުމުގެ ފުރުސަތު ލިބިފައިވާ ކަމަށާއި، ޓެރީ ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު އޭނާ ގެންނަންވީ މިހާރު ނޫންކަމަށާއި އޭނާގެ އުމުރުް 26 އަހަރުގައި ކަމަށްވެސް އޭނާ ބުުންޏެވެ.

"އޭނާގެ އުމުރާ އަޅައިބަލާއިރު މިހާރުވެސް ޓެރީއަކީ ހަމަ ވަރަށް ފިޓް ކުޅުންތެރިއެއް،" ޓެރީއަށް ތައުރީފް ކުރަމުން އެސްޓަންވިލާ ކޯޗު ބުންޏެވެ.

comment ކޮމެންޓް