ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމް ހުށަހެޅުއްވި ޝަކުވާތަކެއް ބަލަމުން އަންނަ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއީ ކޮން ޝަކުވާތަކެއްކަން ހާމަކުރެވެން ނެތް ކަމަށާއި ހަމައެކަނި މީޑިއާ އަށް ހިއްސާކުރެވެން އޮތް މައުލޫމާތަކީ އެ ޝަކުވާތައް ބަލަމުން އަންނަކަން އެކަނި ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މެމްބަރު އަހުމަދު ރަޝީދުގެ ސޮއި ފޯޖު ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިނުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދެވަނަ ފަހަރަށް އިއްޔެ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅުއްވި އިރު، އޭގައި ސޮއިކުރައްވާފައިވާ 45 މެމްބަރުންގެ ތެރޭގައި އަހުމަދު ރަޝީދުގެ ނަން ވެސް ހިމެނެއެވެ.
އެކަމާ ގުޅޭގޮތުން އަހުމަދު ރަޝީދު ވިދާޅުވީ އެ މައްސަލާގައި ވަނީ އޭނާގެ ވަގު ސޮޔެއް ކަމަށާއި އޭނާ އޭގައި ސޮއިކުރައްވާފައިނުވާނެ ކަމަށެވެ.
އަހުމަދު ރަޝީދު އެހެން ވިދާޅުމުން އިދިކޮޅު ފަރާތްތަކުން ވަނީ އޭނާ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރައްވާ ފޮޓޯއެއް އާންމުކޮށްފައެވެ.
އެ ފޮޓޯ އާންމުކުރުމުން އަހުމަދު ރަޝީދު ވިދާޅުވީ މިއީ ސައިންސާއި ޓެކްނޮލޮޖީގެ ޒަމާން ކަމަށާއި ފޮޓޯއެއް އެޑިޓްކޮށްލުމަކީ މިޒަމާނުގައި އުނދަގޫ ކަމެއް ނޫން ކަމަށެވެ. އެހެން ވިދާޅުވުމުން އަނެއްކާވެސް އޭނާ ސޮއިކުރައްވަން އިންނެވިއިރު، އެހެން ގޮތަކަށް ނަގާފައިވާ ފޮޓޯއެއް އިދިކޮޅު ފަރާތްތަކުން އާންމުކުރިއެވެ.
ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ އަހުމަދު ރަޝީދު އިތުބާރު ނެތްކަމުގެ މައްސާލާގައި ސޮއިކުރެއްވީ ދިރިތިބި ދެ ހެކީންގެ ހާޒިރުގައި މާތްﷲަގެ ހަޒުރަތުގައި ދުޢާ ދެންނެވުމަށްފަހު ކަމަށެވެ. އަދި އޭނާ ސޮއިކުރައްވާ މަންޒަރު ފެންނަ ވީޑިއޯ ވެސް އެބައޮތް ކަމަށް މުސްތަފާ ވަނީ ވިދާޅުވެފައެވެ.