ރޮނާލްޑޯ "ލޮއްސަން" ޒިދާން ދެއްކި ވާހަކަތައް ހާމަވެއްޖެ!

ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން އާއި އެ ކްލަބުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ -- ފޮޓޯ: އޭޕީ

ރެއާލް މެޑްރިޑްގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބުން ވަކިވާން ނިންމިކަން ހާމަކުރުމުން، އޭނާ ކްލަބުގައި މަޑުކުރުމަށް އެދި ކްލަބުގެ ކޯޗު ޒައިނުއްދީން ޒިދާން ރޮނާލްޑޯއަށް ގުޅައިގެން ދެއްކި ބައެއް ވާހަކަތައް މީޑިއާއަށް ހާމަވެއްޖެއެވެ.

ރޮނާލްޑޯ ވަނީ، އޭނާގެ މައްޗަށް ސްޕެއިންގެ ޓެކްސް އޮތޯރިޓީން ފެންމަތިކޮށްފައިވާ ޓެކުހަށް މަކަރުހެދުމުގެ މައްސަލައިގައި އޭނާއާ މެދު ކަންކަން ހިނގައިދިޔަ ގޮތާމެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ 14.7 މިލިއަން ޔޫރޯގެ ޓެކުހަށް މަކަރުހެދުމުގެ މައްސަލައިގައި އޭނާ އާ މެދު އަމަލުކޮށްފައި ވަނީ، ޖިނާއީ ކުށްވެރިއަކާ މެދު އަމަލުކުރާ ގޮތަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ސްޕެއިންގައި އަހަންނާ މެދު އަމަލުކޮށްފައި މިވަނީ، ޖިނާއީ ކުށްވެރިއަކާ މެދު އަމަލުކުރާ ފަދައިން. މިކަން ފެށިގެން އައީ މީޑިއާއިން،" ރޮނާލްޑޯއާ ޒިދާންއާ ދެމެދު ދެކެވުނު ވާހަކަތައް ކަމަށް ބުނެ ސްޕެއިންގެ ރޭޑިއޯއަކުން ފޮނުވި އޯޑިއޯގައި ބުނެއެވެ.

ޕޯޗްގީޒްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އެޓީމުގެ ފަރިތަކުރުންތަކުގެ ތެރޭގައި -- ގެޓީ ފޮޓޯ: އޭއެފްޕީ

ރެއާލާ އެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2021 ވަނަ އަހަރުގައެވެ. އެހެން ނަމަވެސް ރޮނާލްޑޯ އެ ކްލަބު ދޫކޮށްލަން ނިންމުމާ ގުޅިގެން ޒިދާންވަނީ، މިދިޔަ ހަފްތާ ބަންދުގައި، ޕޯޗްގަލް ގައުމީ ޓީމާއެކު ފީފާ ކޮންފެޑެރޭޝަން ކަޕްގައި ބައިވެރިވުމަށް މިވަގުތު ރަޝިއާގައި 32 އަހަރުގެ ސްޓާރ ފޯވާޑަށް ފޯނުން ގުޅައިގެން އޭނާ "ރުއްސަން" މަސައްކަތްކޮށްފައެވެ.

"އަހަރެމެންގެ މި ކްލަބު މޮޅުވަނީ ކަލޭ [ރޮނާލްޑޯ]ގެ ސަބަބުން،" ރޮނާލްޑޯއަށް ފޯނުން ގުޅައި ޒިދާން ބުނިކަމަށް ދަ ސަންގައި ލިޔެފައިވެއެވެ.

"އަހަރެމެން ބޭނުންވަނީ ހަމައެކަނި ކަލޭ ޖަހައިދޭ ލަނޑުތަކެއް ނޫން، އަހަރެމެންނަށް އެބަ ބޭނުންވޭ މުބާރާތްތައް ކާމިޔާބުކުރުމަށް ތިގެންގުޅޭ ރޫހާއި ޖޯޝުވެސް."

ރޮނާލްޑޯ ވަނީ، ރެއާލަށް އޭނާ ކުޅުނު 394 މެޗުގައި 406 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން، ވޭތުވެ ދިޔަ ހަތަރު ސީޒަންގައި ތިން ފަހަރެއްގެ މަތީން ރެއާލުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިރު އެ ތިންފަހަރުވެސް އޭނާ ވަނީ ފައިނަލް މެޗުގައި ލަނޑު ޖަހައިފައެވެ.

ރިޕޯޓުތައް ބުނާގޮތުން، މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ތަރި ރޮނާލްޑޯ މިހާރު ވަނީ، އޭނާގެ އޭޖެންޓުން ގާތު، އޭނާ އަލުން އޯލްޑް ޓްރަފޯޑަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދިނުމަށް އެދިފައެވެ. އަދި ޔުނައިޓެޑްގެ އެގްޒެކެޓިވް ވައިސް ޗެއާމަން، އެޑް ވުޑްވާޑް ދަނީ ރޮނާލްޑޯ އަބުރާ އެ ކްލަބަށް ގެނައުމަށް އެޓީމުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ހިމެނޭގޮތަށް 175 މިލިއަން ޕައުންޑުގެ އަގުހުރި ޕްރޮސަލެއް ރެއާލަށް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.

ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށް ސްޕެއިންގެ ޕްރޮސިކިއުޓަރ އޮފީހަށް ވަނީ 14.7 މިލިއަން ޔޫރޯގެ ޓެކުހަށް މަކަރު ހެދި މައްސަލައެއް ހުށަހެޅިފައި -- ފޮޓޯ: މިރަރ

ރޮނާލްޑޯގެ މައްޗަށް މެޑްރިޑްގެ ރީޖަނަލް ސްޓޭޓް ޕްރޮސިކިއުޓާ ވަނީ، ވާޖިން އައިލެންޑްސްގައި ޝެލް ކޮމްޕެނީއެއް ހަދައިގެން "އޭނާއަށް ލިބޭ ޖުމުލަ އާމްދަނީ ސްޕެއިންގެ ޓެކްސް އޮފީހަށް އޮޅުވާލުމަށްޓަކައި" މަސައްކަތްކޮށްފައިވާ ކަމުގެ ތުހުމަތުތަކެއް ކޮށްފައެވެ.

ރޮނާލްޑޯ ވަނީ ޓެކްސް އޮތޯރިޓީގެ މި ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

comment ކޮމެންޓް