ރޮނާލްޑޯގެ "ބިރުދެއްކުން"ތަކާ ހެދި ޒިދާނަށް ޗުއްޓީވެސް ހޭދަކޮށް ނުލެވުނު!

ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން، އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް އިރުޝާދުދެނީ --ފޮޓޯ: ރެކްސް ފީޗަރސް

ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑްގައި އިތުރަށް މަޑުކުރަން ބޭނުން ނުވާކަން ހާމަކޮށް އަޑުތައް ފަތުރާން ފެށުމާ ގުޅިގެން އެޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން، އޭނާގެ އާއިލާއާއެކު އިޓަލީގައި ހޭދަކުރަމުން ދިޔަ ޗުއްޓީ މެދުކަނޑާލާފައި ރޮނާލްޑޯގެ މައްސަލަ ހައްލުކުރުމުގެ މައްސަކަތް ފަށައިފިއެވެ.

ރޮނާލްޑޯ މިވަގުތު ހުރީ ޕޯޗްގީޒް ގައުމީ ޓީމާއެކު ކޮންފެޑެރޭޝަން ކަޕްގައި ބައިވެރިވުމަށް ރަޝިއާގައެވެ.

ސްޕެއިންގެ ޓެކްސް އޮތޯރިޓީން ރޮނާލްޑޯގެ މައްޗަށް ކޮށްފައިވާ 14.7 މިލިއަން ޔޫރޯގެ ޓެކުހަށް މަކަރު ހެދުމުގެ ތުހުމަތުގައި އޭނާ ހުރީ ސްޕެއިނާއި ރެއާލް މެޑްރިޑް މަތީންވެސް ފޫހިވެފައިކަން އޭނާ ވަނީ ހާމަކޮށްފައެވެ. އަދި މިހާރު އޭނާގެ ބޭނުމަކީ ރެއާލް ދޫކޮށް އެހެން ގައުމަކަށް ބަދަލުވާންކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ރޮނާލްޑޯއާ ހަވާލާދީ ސްޕެއިންގެ މާސާގައި ބުނެފައި ވަނީ، "އަހަރެން ރެއާލް މެޑްރިޑް ދޫކޮށްލަނީ.

"އަހަރެން މިގޮތަށް ނިންމައިފިން. ދެން އެނބުރި އައުމެއް ނެތް،" ކަމަށެވެ.

ޑެއިލީ މާސާގައި ރިޕޯޓުކޮށްފައިވާ ގޮތުން، ރެއާލް މެޑްރިޑް ދޫކޮށްލާނޭކަމަށް ރޮނާލްޑޯ ވައުދުވިކަމުގެ ޚަބަރު ޒިދާނަށް ލިބުމާއެކު އޭނާ ވަނީ، އާއިލާއާއެކު ހޭދަކުރަމުން ދިޔަ ޗުއްޓީ މެދުކަނޑާލުމަށްފަހު، ރޮނާލްޑޯއަށް ފޯނުން ގުޅައި، އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފައެވެ.

އެގޮތުން "މެޑްރިޑުން ރޮނާލްޑޯގެ ލަނޑުތައް އަދިވެސް ބޭނުންވާ ކަމަށާއި، އަދި މޮޅުވުމަށް އޭނާ އެ ބަހައްޓާ ވިސްނުމުގެ ވާހަކަ،" އުމުރުން 32 އަހަރުގެ ފޯވާޑާ ދެއްކުމަށް ޒިދާން އޭނާއަށް ގުޅާފައިވާކަމަށް މާސާއިން ރިޕޯޓުކުރެއެވެ.

މާސާއިން ބުނެފައިވާ ގޮތުގައި، ރެއާލްގެ ކެޕްޓަ ސާޖިއޯ ރާމޯސް ވެސް ވަނީ، ރޮނާލްޑޯއަށް ގުޅައި، ކްލަބުގައި މަޑުކުރުމަށް އެދިފައެވެ.

ރޮނާލްޑޯ ވަނީ ރެއާލަށް އޭނާ ކުޅުނު 265 މެޗުން އެޓީމަށް 285 ލަނޑު ކާމިޔާބުކޮށްދީ، ހަތަރު ސީޒަންގެ ތެރޭގައި ތިން ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް