ޓެކްސް މައްސަލައިގައި ރޮނާލްޑޯ އެންމެ ފަހުން "ރަތަށްއަރައި" ރެއާލް ދޫކޮށްލަން ނިންމައިފި!

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާފާޅުކުރަނީ: ޓެކްސް މައްސަލައިގައި ރެއާލުން އޭނާ ދިފާއު ނުކުރާތީ އެ ކްލަބު ދޫކޮށްލަން ރޮނާލްޑޯ ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނޭ --- ފޮޓޯ/ އޭޕީ

ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށް ޓެކުހަށް މަކަރުހަދައި އޮޅުވާލުމުގެ ތުހުމަތު ކުރުމާ ގުޅިގެން އެކަމާ ހިތްހަމަ ނުޖެހިގެން އެންމެ ފަހުން ސްޕެއިން ދޫކޮށް ދިއުމަށް އޭނާ ނިންމައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޕޯޗްގީޒްގެ ދުވަހުނޫހެއްކަމަށްވާ އަބޮލާގައި މިއަދު ބުނެފައިވަނީ، ސްޕެއިންގެ ޓެކްސް އޮތޯރިޓީން ރޮނާލްޑޯއާ މެދު ކަންތައް ކުރަމުންދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ސްޕެއިން ދޫކޮށް ދިއުމަށް ބޭނުންވާކަމަށް ރޮނާލްޑޯ ބުނެފައިވާ ކަމަށެވެ.

ސްޕެއިންގެ ޓެކްސް އޮތޯރިޓީއަށް މަކަރުހެދިކަމަށް ބުނެ، މެޑްރިޑްގެ ސްޓޭޓް ޕްރޮސިކިއުޓަރ ވަނީ ރޮލާންޑޯގެ މައްޗަށް 14.7 މިލިއަން ޔޫރޯގެ ޓެކްސް މައްސަލައެއް ފެންމަތިކޮށްފައެވެ.

އެގޮތުން ރެއާލް މެޑްރިޑްގެ ޕޯޗްގަލް ފޯވާޑްގެ މައްޗަށް ސްޕެއިންގެ ވެރިރަށުގެ ރީޖަނަލް ސްޓޭޓް ޕްރޮސިކިއުޓާ ވަނީ، ވާޖިން އައިލެންޑްސްގައި ޝެލް ކޮމްޕެނީއެއް ހަދައިގެން "އޭނާއަށް ލިބޭ ޖުމުލަ އާމްދަނީ ސްޕެއިންގެ ޓެކްސް އޮފީހަށް އޮޅުވާލުމަށްޓަކައި" މަސައްކަތްކޮށްފައިވާ ކަމުގެ ތުހުމަތުތަކެއް ކޮށްފައެވެ.

ރޮނާލްޑޯ ވަނީ ޓެކްސް އޮތޯރިޓީގެ މި ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އަދި އުމުރުން 32 އަހަރުގެ ފޯވާޑް މިހާރު ވަނީ، ރެއާލް ދޫކޮށްލުމަށް ނިންމައި އެކަން އޭނާގެ ޓީމް-މޭޓުންނާވެސް ހިއްސާކޮށްފައި ކަމަށް އަބޮލާއިން ބުނެއެވެ.

ސްޕެއިންގެ ނޫހެއްކަމަށްވާ މާސާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރޮނާލްޑޯ ގަބޫލުކުރާ ގޮތުގައި ސްޕެއިންގެ ޓެކްސް އޮތޯރިޓީންނާއި މިޑިއާތަކުން އޭނާއާ ދޭތެރޭގައި ވަރަށް ބޭއިންސާފުން ކަންތައްތައް ކުރަމުން ދާއިރުވެސް ރެއާލުން އޭނާގެ ދިފާއުގައި އެދެވޭ މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ.

ރޮނާލްޑޯ ވަނީ ބުރާސްފަތި ދުވަހު، އޭނާގެ ފޮޓޯއަކާއެކު ސޯޝަލް މީޑިއާއަށް މެސެޖެއް ދޫކޮށްލައިފައެވެ. ދެ ތުންފަތް މަތީގައި ބާރާށް އިނގިލިއަޅައިގެން ހުރެ ނަގާފައިވާ ފޮޓޯގެ ކެޕްޝަނެއްގެ ގޮތުގައި ލިޔެފައިވަނީ،" ހަނުހުރުމަކީ ބައެއްފަހަރު އެންމެ ރަނގަޅު ޖަވާބު،" ކަމަށެވެ.

ރޮނާލްޑޯ ބުރާސްފަތި ދުވަހު އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވާ ފޮޓޯ--

ހަތަރު ފަހަރު ބެލަންޑޯ އެވޯޑް ހާސިލްކޮށްފައިވާ، ހުނަރުވެރި ފޯވާޑް ވަނީ، ޕޯޗްގަލް ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް ފަހު، ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތުތަކާ ގުޅޭގޮތުން މީޑިއާއިން ކުރިމަތިކުރި ސުވާލުތަކަށް ޖަވާބުދެމުން، އޭނާ އެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނޭކަން ވަރަށް ސާބިތުކަމާއެކު ހާމަކޮށްފައެވެ.

މެޑްރިޑްގެ ސްޓޭޓް ޕްރޮސިކިއުޓަރ، ރޮނާލްޑޯގެ މައްޗަށް ތުހުމަތުކުރަނީ، އޭނާއަށް ލިބޭ އާމްދަނީގެ ބައެއް، ޓެކްސް އޮފީހަށް ފޮރުވުމަށްޓަކައި، އޯފްޝޯރ ކުންފުންޏެއް ރޮނާލްޑޯ ބޭނުންކޮށްފައިވާ ކަމަށެވެ.

ރޮނާލްޑޯގެ އޭޖެންޓް، ޖޯޖް މެންޑޭޒްގެ ސްޕޯޓްސް މެނޭޖްމަންޓް ކޮމްޕެނީ ކަމަށްވާ ޖެސްޓިފުޗީން ވަނީ، 2009 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން ރެއާލް މެޑްރިޑަށް ރޮނާލްޑޯ ބަދަލުވި ދުވަސްވަރު އޭނާ އުފެއްދި "ޓޮލިން" ކުންފުންޏަކީ، އިނގިރޭސިވިލާތާއި އަދި ސްޕެއިންގައި ވެސް ޓެކުހާބެހޭ ހުރިހާ ގަވައިދުތަކާ އެއްގޮތަށް އަމަލުކުރަމުންދާ ކުންފުންއްޏެއް ކަމަށް ބުނެފައެވެ.

ރޮނާލްޑޯ މިވަގުތުހުރީ، ހޮނިހިރުދުވަ ރަޝިއާގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ކޮންފެޑެރޭޝަންސް ކަޕްގައި ވާދަކުރުމަށް ޕޯޗްގަލް ގައުމީ ޓީމާއެކު ރަޝިއާގައެވެ.

comment ކޮމެންޓް