ގިނަބައެއްގެ ފުރާނަ ސަލާމަތްވީ ހާރުކާން ތެދުވި މުސްލިމުންގެ ސަބަބުން!

ލަންޑަންގެ ގްރެންފެލް ޓަވަރުގައި އަލިފާން ރޯވެފައި -- ފޮޓޯ: އޭޕީ

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ ހުޅަނގުގެ އަވަށެއް ކަމަށްވާ، ނޯތު ކެންސިންޓަންގެ ގްރެންފެލް ޓަވަރުގައި ބުދަވިލޭރޭ ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާއަކީ، މުޅި ލަންޑަން ސިއްސުވާލި ހިތްދަތި ހާދިސާއެކެވެ. ގިނަބައެއްގެ ދިރިއުޅުން އެކުގައި ވީރާނާވެގެން ދިޔަ މި ހާދިސާގައި ވަނީ އެތަކެއް ބަޔަކު ޒަޚަމްވެ 12 މީހުންގެ ފުރާނަވެސް ގެއްލިފައެވެ.

މިފަދަ ހާދިސާތަކަށް ފަހު އާންމު ގޮތެއްގައި، މުސްލިމުންނާ ދިމާއަށް ތުހުމަތުގެ އިނގިލި އެންމެ ފުރަތަމަ ދިއްކުރާ ބައަކީ ހުޅަނގުގެ ފަރާތްތަކެވެ. އެހެން ނަމަވެސް މިފަހަރު ހާލަތު ބަދަލުކޮށްލައިފިއެވެ. މިފަހަރު އެމީހުން މުސްލިމުންނަށް ކުރީ ތައުރީފެވެ.

މި ހާދިސާއަށް ފަހު އިނގިރޭސި ވިލާތުގެ ނޫސްތަކުން އެންމެ ބޮޑަށް އަޅައިގަތް އެއް ވާހަކައަކީ، މި ބަރަކާތްތެރި ރަމަޟާން މަހު ރޯދަހިފުމަށް ހާރުކާން ތެދުވެ އުޅުނު މުސްލިމުންގެ ސަބަބުން ލަންޑަން އަލިފާނުގެ ހާދިސާގައި ގިނަ ބައެއްގެ ފުރާނަ ސަލާމަތްވި ކަމަށް ލިޔެފައިވާ ވާހަކަތަކެވެ.

ގާތްގަނޑަކަށް 600 އެއްހާ މީހުން ދިރިއުޅެމުން ދިޔަ، ގްރެންފެލް ޓަވަރަކީ 24 ބުރިއަށް އިމާރާތްކޮށްފައިވާ 120 ފްލެޓްގެ ޓަވަރެކެވެ. ތަފާތު ދީންތަކާއި އެކި ގައުމުތަކަށް ނިސްބަތްވާ މީހުންތަކެއް ދިރިއުޅެމުން ދިޔަ އެ ބިޔަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގީ ބުދަދުވަހުގެ ރޭ ލަންޑަން ގަޑިން މެންދަމު 1:15 ކަންހާއިރެވެ.

ލަންޑަންގެ ގްރެންފެލް ޓަވަރުގައި އަލިފާން ރޯވި ހާދިސާގައި މީހުން ސަލާމަތްކުރުމުގައި އެންމެ ފުރަތަމަ ހަރަކާތްތެރިވީ އެތަނުގައި ދިރިއުޅޭ މުސްލިމުން -- ފޮޓޯ: އޭޕީ

އިނގިރޭސިވިލާތުގެ ގިނަ ނޫސްތަކުގައި މިހާދިސާއާ ގުޅުވައިގެން މުސްލިމުން ސިފަކޮށްފައި ވަނީ، "މީސްތަކުން ހޭލައްވައިލި އެލާމެއް"ގެ ގޮތުގައެވެ.

އެއީ އާންމުގޮތެއްގައި ގިނަ ބަޔަކު ގަދަ ނިދީގައި ތިބޭ ވަގުތެވެ. އެހެން ނަމަވެސް މިއީ އެންމެހައި މުސްލިމުންނަށް ވަރަށް ޚާއްސަ މައްސަރެއްކަމުން އެ ޓަވަރުގައި އެވަގުތު ދިރިއުޅުނު ގިނަ އަދަދެއްގެ މުސްލިމުންވެސް، އެއްބަޔަކު އަވަދި ނެތި އަޅުކަމުގައި މަޝްޣޫލުވެގެން އުޅުނު އިރު އަނެއްބަޔަކު ހާރުކެއުމަށް ތައްޔާރުވަމުން ދިޔައީއެވެ. އެހެންކަމުން ޓަވަރުގައި ހޭވެރިކަންހުރި މީހުންގެ ތެރޭގައި ގިނައީ މުސްލިމުންކަމަށް ވެއެވެ.

"މުސްލިމް ޒުވާން ފިރިހެންކުދީން ދިޔައީ އެތަކެއް ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރަމުން. އެމީހުން ދިޔައީ އެޕާޓްމަންޓުތަކުގެ ދޮރުގައި ޓަކިތަޅައި މީހުން ހޭލެއްވުމަށް މަސައްކަތްކުރަމުން،" ގްރެންފެލް ޓަވަރުގައި ދިރިއުޅޭ އަންހެނަކު އަލިފާނުގެ ހާދިސާ ހިނގިވަގުތު ކަންތައް ހިނގައިދިޔަގޮތް ހަފިންޓަން ޕޯސްޓާ ހިއްސާކުރަމުން ބުންޏެވެ.

"ރަމަޟާންމަސް ލެއްވެވީތީ ހެއްދެވިފަރާތަށް ޝުކުރުކުރަން."

ލަންޑަންގެ ގްރެންފެލް ޓަވަރުގައި އަލިފާން ރޯވި ހާދިސާގައި މީހުން ސަލާމަތްކުރުމަށް އަލިފާން ނިއްވާ މީހުން މަސައްކަތްކުރަނީ -- ފޮޓޯ: އޭޕީ

އުމުރުން 33 އަހަރުގެ އެންޑްރޭ ބަރޯސޯ ކިޔާ މީހަކު ދަ އިންޑިޕެންޑެންޓަށް ބުނީ، ގްރެންފެލް ޓަވަރުން މީހުން ސަލާމަތްކުރުމަށް އެންމެ ފުރަތަމަ ހަރަކާތްތެރިވި ބަޔަކީ މުސްލިމުން ކަމަށެވެ.

"އެތަކެއް ބަޔަކު އެތަނުން ބޭރަށް ނެރުމަށް މުސްލިމުން ވަރަށް ބޮޑު ދައުރެއް އަދާކުރި.

"އަހަންނަށް ފެނުނު ގިނަ މީހުންނަކީ މުސްލިމުން. އެމީހުން ވަނީ ގެއްލުން ލިބުނު މީހުންނަށް ކާނާއާއި އަންނައުނުވެސް ފޯރުކޮށްދީފައި."

އުމުރުން 20 އަހަރުގެ ޚާލިދު ސުލައިމާނަކީ، މީގެ ކުޑަދުވަސްކޮޅެއް ކުރީން އޭނާގެ ބޮޑު ދައިތައާއެކު ގްރެންފެލް ޓަވަރަށް ދިރިއުޅުން ބަދަލު ކުރި މުސްލިމެކެވެ. އޭނާ ބުނި ގޮތުގައި އާންމު ގޮތެއްގައި މެންދަމުގެ އެ ވަގުތަކީ ނިދާފައި ތިބޭ ގަޑިކަމުންގައި ވިޔަސް، ރޯދަމަހު އެމީހުން ނިދަނީ ހާރުކެއުމަށްފަހު ފަތިސް ނަމާދުވެސް ކޮށްގެނެވެ.

އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭހެން ހީވުމާއެކު އޭނާވެސް ބޭރު ބަލާލައިފައި އެކަން ޔަގީންވުމުން ދުއްވައިގަތީ، އޭނާގެ އަވައްޓެރީން ހޭލެއްވުމަށެވެ. ފަހަރަކު އެޕާޓްމަންޓެއްގެ ދޮރުގައި ތަޅަމުން އޭނާ ދިޔައީ ހުއްޓުމެއްނެތި މީހުންގެ ސަމާލުކަމަށް އެކަން ގެނައުމަށް މަސައްކަތްކުރަމުންނެވެ.

"އަހަރެން ދިޔައީ ކައިރީގައި ހުރި ހުރިހާ އެޕާޓްމަންޓެއްގެ ދޮރުގައި ތަޅަމުން. އެންމެ ދެ ތަން ނޫނީ އެހެން ހުރިހާ މީހުން ހޭލި. އެކަމަކު ފަހުން އޭގެ ތެރޭންވެސް އެއް އާއިލާ ހޭލި. ދެން ތިބި މީހުން ގަދަ ނިދީގައި ތިބީ،" ޚާލިދު ކިޔައިދިނެވެ.

އޭނާ ބުނީ، ފުރަތަމަ އެއީ އެހާ ސީރިއަސްވެދާނޭ ކަމެއްގެ ގޮތުގައި ނުދެކެވުނު ކަމަށާއި އެހެން ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި މުޅި ޓަވަރުގެ ބެލްކަނިތައް ކަޅު ދުމުންފުރާލި ކަމަށެވެ. އެއާއެކު އެތަނުން ބޭރަށް ނުކުމެ ފަޔަމަނުންގެ އެހީގައި ރައްކާތެރި ހިސާބަކަށް އެންމެ ދިޔައީ ކަމަށެވެ.

"އަހަރެމެން ފޭބިއިރު އަދި އަހަރެމެންގެ އެޕާޓްމަންޓާ ހަމައަށް އަލިފާން ނުފޯރާ. އެކަމަކު ބަލަން ތިއްބާ ވިއްސަކަށް މިނިޓްތެރޭގައި އެ އެޕާޓްމަންޓްވެސް އަނދައި ހުލިވެގެން ދިޔައީ. ފަޔަފައިޓަރުންވެސް ވަރަށް އަވަހަށް އައި. އެމީހުންގެ މަސައްކަތްވެސް ވަރަށް އަވަސް."

ލަންޑަންގެ ގްރެންފެލް ޓަވަރުގައި އަލިފާން ރޯވި ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑުތައް ނެރެނީ -- ފޮޓޯ: އޭޕީ

ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގެ މަންޒަރު ދުށް ފަރާތްތަކުން ބީބީސީއާ މައުލޫމާތު ހިއްސާކުރަމުން ބުނެފައި ވަނީ، އެވަގުތު ޓަވަރުގެ އެކި ބްލޮކްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ތާށިވެ، ސަލާމަތަށް އެދި ގޮވަމުން ދިޔަ އިރު އަނެއް ބަޔަކު އެބައިމީހުންގެ ދަރީން ސަލާމަތްކޮށްދިނުމަށް އެދި ރޮއި އާދޭސްކުރަމުން ދިޔަކަމަށެވެ.

އަލިފާނުގެ ހާދިސާގެ މަންޒަރު ދުށްމީހަކު ސްކައި ނިއުސްއާ ވާހަކަ ދައްކަމުން ބުނީ، އެވަގުތު ހޭލައި އުޅުނު މުސްލިމުން ވެގެންދިޔައީ އެހާދިސާގައި އެތަކެއް ބައެއްގެ ފުރާނަ ސަލާމަތްވުމަށް މެދުވެރިވި ރަހްމަތެއް ކަމުގައި ކަމަށެވެ.

އެވަގުތު އެތަނުގައި ހަރަކާތްތެރިވި މެދު އުމުރެއްގެ މުސްލިމް އަންހެނަކު ހަފިންޓަން ޕޯސްޓަށް މައުލޫމާތު ދެމުން ބުނީ، އިނގިރޭސިވިލާތުގެ ސަރުކާރާއި ނޫސްތަކުން މުސްލިމުންނާ މެދު ކިތަންމެ ގޯސްކޮށް ޚަބަރުތައް ފެތުރި ނަމަވެސް، މި ހާދިސާގެ ސަބަބުން އެމީހުން ފަތުރާ އެފަދަ ގިނަ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތައްކަން އެނގިގެން ގޮސްފި ކަމަށެވެ.

"މިދައްކަނީ އިންސާނުން ތަކެއްގެ ފުރާނައިގެ ވާހަކަ. އަހަރެމެން މިތާއުޅޭ އެންމެންވެސް ދެކެނީ އެއް އާއިލާއެއްގެ ގޮތުގައި،" އެމީހާ ބުންޏެވެ.

އެތާހުރި އެހެން އަންހެނަކު ބުނީ، މިއަދު ގިނަ ބައެއްގެ ފުރާނަ ސަލާމަތްވީ، ފުލުހުންނާއި އަލިފާން ނިއްވާ މީހުންގެ ސަބަބުން ނޫންކަމަށާއި، އެކަމަކު އެވަގުތު އެ ޓަވަރާއި އެ ސަރަހައްދުގައި ހޭލާ އުޅުނު މުސްލިމް ޒުވާނުންގެ ސަބަބުން ކަމަށެވެ.

"އެމީހުން ދިޔައީ އެޕާޓްމަންޓު ތަކުގެ ދޮރުތަކުގައި ތަޅައި މީހުން ހޭލައްވަމުން. މިސްކިތުގައި އަޅުކަމުގައި ތިބި ގިނަ އަދަދެއްގެ ބަޔަކުވެސް ވަގުތުން އެތަނަށް ޖަމާވެ މީސްތަކުންނަށް އެހީތެރިވަމުން ދިޔައީ،" މުސްލިމުންނާ ދޭތެރޭގައި ދެކޭގޮތް ބަދަލުވާން ޖެހޭކަން ފާހަގަކުރަމުން އެމީހާ ބުންޏެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން، 24 ބުރީގެ އެ އިމާރާތުގެ ހަތަރު ވަނަ ފަންގިފިލާއިން ފެށިގެން މަތިވަނީ އެއްކޮށް އަނދައިފައެވެ.

ގްރެންފެލް ޓަވަރުގެ ހަތަރުވަނަ ފަންގިފިލާގައި ރޯވި އަލިފާންގަޑު އޭގެ މަތީގައިވާ ހުރިހާ ފަންގިފިލާތަކަށް ފެތުރިގެން ދިޔައިރު، އަލިފާން ނިއްވާލުމަށް، 200 އަށްވުރެ ގިނަ އަލިފާންނިއްވާ މީހުން ހަރަކާތެރިވިއިރު، އަލިފާން ނިއްވުމަށް 40 ޕަމްޕު ބޭނުންކުރިކަމަށް ވެއެވެ.

ލަންޑަންގެ ގްރެންފެލް ޓަވަރުގައި އަލިފާން ރޯވިހާދިސާގައި ގެއްލުން ލިބުނު މީހުންނަށް އެހީތެރިވުމަށް މުސްލިމް ޖަމާއްތަތްކުން މަސައްކަތްކުރަނީ -- ފޮޓޯ: ޓްވިޓާ

މިހިސާބުން އަދިވެސް މިހާދިސާގައި މުސްލިމުންގެ ވާހަކަ ނިމުނީކީ ނޫނެވެ. ގެއްލުން ލިބުނު މީހުންނަށް އެހީތެރިވުމަށާއި ބޯހިޔާވަހިކަން ދިނުމަށް ލަންޑަންގެ އެތަކެއް މިސްކިތްތަކާއި އިސްލާމިކް ކަލްޗަރަލް ސެންޓަރުތައް ވަނީ ހުޅުވާލެވިފައެވެ.

މުސްލިމް ޗެރިޓީ ޖަމާއަތްތަކުން ދަނީ، އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމަށް މެދުނުކެނޑި ހަރަކާތްތެރިވަމުންނެވެ.

އާންމުކޮށް މުސްލިމުންނާމެދު ނަފްރަތާއި ރުޅިވެރިކަމުގެ ނަޒަރުން ބަލަމުން ދިޔަ ލޯތައް މިހާދިސާއިން ބަދަލުކޮށްލައިފިއެވެ. ޓެރަރިސްޓުންގެ ގޮތުގައި މުސްލިމުން ސިފަކުރާ އެބައިމީހުން މިފަހަރު، މުސްލިމުންނަށް ޝުކުރު އަދާކޮށް ތައުރީފުކުރީއެވެ. އެމީހުންގެ ފުރާނަތައް ސަލާމަތްވީތީއެވެ. މި ހާދިސާއާ ގުޅުވައިގެން އިނގިރޭސިވިލާތުގެ ގިނަ ނޫސްތަކުގައި މުސްލިމުން ސިފަކޮށްފައިވަނީ ބަޠަލުންގެ ގޮތުގައެވެ.

--- މަސްދަރު: ހަފިންޓަން ޕޯސްޓް، ބީބީސީ، އިންޑިޕެންޑެންޓް

comment ކޮމެންޓް