ކުޑަކުއްޖާ ލަންކާގައި މަރުވީ އިއްޔެ ހަވީރު، މިހާރު މޯޗަރީގައި

ސްރީލަންކާގެ ކޮލޮމްބޯ -- ފޮޓޯ/ ސިނަމަން ރެޑް

ދިވެހި ފުލުހުން ތަހުގީގުކުރަމުންދާ، ލަންކާގައި ދިވެހި ކުޑަކުއްޖަކު މަރުވި މައްސަލައިގައި ހިމެނޭ ކުޑަކުއްޖާ މަރުވީ އިއްޔެ ހަވީރުގެ ވަގުތެއްގައިކަން "ސަން"އަށް އެނގިއްޖެއެވެ.

ދިވެހި ފުލުހުންގެ ތަރުޖަމާނު، ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ރޭ ވަނީ، ލަންކާގައި ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖަކު މަރުވި މައްސަލައެއް ފުލުހުން ބަލަމުންދާކަން ކަށަވަރު ކޮށްދެއްވައިފައެވެ. އެހެން ނަމަވެސް އިތުރު މައުލޫމާތެއް ދެއްވާފައެއް ނުވެއެވެ.

މަރުވި ކުއްޖާގެ އާއިލާއާ ގާތް ފަރާތަކުން "ސަން"އަށް ބުނި ގޮތުގައި، އެކުއްޖާގެ އުމުރަކީ ތިން އަހަރެވެ.

ސްރީލަންކާގައި، މަންމައާ އެކު ދިރިއުޅެމުން އައި އެ ކުއްޖާ މަރުވި ސަބަބު ދެނެގަނެވިފައި ނުވާ އިރު، އެކުއްޖާގެ ހަށިގަނޑު މިވަގުތުު އޮތީ ކަލުބޯވިލާ ޓީޗިންގް ހޮސްޕިޓަލުގެ މޯޗަރީގައި ކަމަށް، އެ އާއިލާއާ ގާތް ފަރާތުން ބުންޏެވެ.

އެފަރާތުން ބުނި ގޮތުގައި، މި މައްސަލައިގެ ތަހުގީގަށް ދިވެހި ފުލުހުންގެ ޓީމެއް ސްރީލަންކާއަށް ދާ ގޮތަށް ވެސް އޮތީ ހަމަޖެހިފައެވެ.

މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުންގެ ތަރުޖަމާނު ސުޕަރިންޓެންޑެންޓް އަހްމަދު ޝިފާން ވިދާޅުވީ، ލަންކާގައި މަރުވި ކުޑަކުއްޖާގެ މަރުގެ މައްސަލައާ ބެހޭ މައުލޫމާތު މިއަދުގެ ވަގުތެއްގައި މީޑިއާއަށް ހާމަކުރާނެ ކަމަށެވެ.

comment ކޮމެންޓް