ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ޙަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި މީހަކު އަދި ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.
އިތުބާރު ހުރި މަސްދަރަކުން ވަނީ، ޒަރީރަށް އާދީއްތަ ދުވަހުގެރޭގެ ވަގުތެއްގައި ހަމަލާދިންކަން 'ސަން'އަށް ކަށަވަރުކޮށްދީފައެވެ. ޒަރީރާ އިއްޔެ ސުވާލުކުރުމުން އޭނާ ވިދާޅުވީ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް ފުލުހުން މައްސަލަ ބަލާ ކަމަށް ވިދާޅުވެ، ލިބުނު އަނިޔާގެ އިތުރު ތަފްސީލެއް ނުދެއްވިއެވެ.
އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ. އެކަމަކު އެއްވެސް މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ފުލުހުން އޭރު ހާމަ ނުކުރެއެވެ.
ފުލުހުން މިއަދު 'ސަން' އަށް ބުނީ، ޒަރީރަށް ހަމަލާދިން މައްސަލައިގައި މީހަކު އަދި ހައްޔަރުނުކުރާ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، ނަވާރަވަނަ މަޖިލީހުގައި ވެސް މަތިވެރި ދާއިރާގެ މެންބަރުކަން ކުރެއްވި ޒަރީރަށް މީގެ ތިން އަހަރު ކުރިން ބަޔަކު ހަމަލާދިނެވެ.
އެގޮތުން މެއި އެކެއް، 2023ގައި ބުރުޒުމަގުގައި ހުންނަ ހަބީބީ ކެފޭ ތެރެއިން، ޒަރީރުގެ ގައިގައި އަތުންނާއި ފައިން ތެޅުމަށްފަހު، އޭނާގެ ބޮލުގައި މަރުތޭލަކުން ޖަހައި ވަނީ ހަމަލާދީފައެވެ.
މި މައްސަލައިގައި ޒަރީރު އޭރު ވިދާޅުވި ގޮތުގައި އޭނާއަށް ހަމަލާދިނީ ފަސް މީހުންގެ ގްރޫޕަކުންނެވެ.
އެ މައްސަލައިގައި ދައުލަތުން ދައުވާކުރީ ތ. ކިނބިދޫ، ދީފްރަމްގޭ މުޙައްމަދު އަވްޝަމާއި މާލޭ ތާޖްގޭ މުލާޢިމް މުޙައްމަދުގެ އިތުރުން، މާލޭ ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲގެ މައްޗަށެވެ.
މީގެ ތެރެއިން އަވްޝަމާއި މުލާޢިމްގެ މައްޗަށް އުފުލާފައިވަނީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ. ޢަބްދުﷲގެ މައްޗަށް އުފުލީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.
ދައުލަތުން ކުރި މާރާމާރީގެ ދައުވާ އެކަށީގެންވާ މިންވަރަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ވަނީ އެ ތިން މީހުން ވެސް އޭރު މިނިވަންކޮށްފައެވެ.