ހުށައެޅި ފަރާތެއް ނޭނގުމުން މައްސަލަތައް ނުބަލަން މީޑިއާ ކައުންސިލުން ނިންމައިފި

މީޑިއާ ކައުންސިލްގެ ރައީސް ކަމަށް ހޮވުނު އަބްދުލް މުއީދު ހަސަން (ވ) އަދި ނައިބު ރައީސް ކަމަށް ހޮވުނު އަހުމަދު އަބީރު ----

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ދީދީގެ އަބުރާ ބެހުނު ކަމަށް ބުނެ ރައީސް އޮފީހުން ހުށައެޅި ކަމަށް ބުނެ ބަލަން ފެށި މައްސަލަތައް ނުބަލަން މޯލްޑިވްސް މީޑިއާ ކައުންސިލް(އެމްއެމްސީ) އިން ނިންމައިފި އެވެ.

ރައީސް އޮފީހުގެ ކުރީގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރު އަލީ ޚާލިދު ހުށައެޅި ކަމަށް ބުނާ 40 މައްސަލައަކަށް ޖަވާބުދާރީވުމަށް މީޑިއާ ކައުންސިލުން މީޑިއާތަކަށް އަންގާފައިވަނިކޮށް ރައީސް އޮފީހުން އިއްޔެ ވަނީ އެއްވެސް މީޑިއާއެއްގެ މައްސަލަ އެމްއެމްސީއަށް ހުށަނާޅާ ކަމަށް ބުނެފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެއާ އެކު އެމްއެމްސީ އިން ރޭގައި ބޭއްވި ބައްދަލުވުމަށް ފަހު ނިންމީ އެމައްސަލަތައް ނުބެލުމަށެވެ.

އެކަމުގެ ތަފްސީލެއް ހޯދުމަށް އެކައުންސިލްގެ ރައީސް އަބްދުލް މުއީދު ހަސަން އަށް ގުޅުމުން ވިދާޅުވީ މީޑިއާތަކަށް ސިޓީ ފޮނުވާނެ ކަމަށާއި ތަފްސީލް ދެވެން ނެތް ކަމަށެވެ.

ރައީސް އޮފީހުގެ ކުރީގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރު އަލީ ޚާލިދު ސަން އަށް ވިދާޅުވީ މީޑިއާއަކާ މެދު ނުވަތަ ނޫސްވެރިއަކާ މެދު ވެސް ފިޔަވަޅެއް އެޅުމަށް އެއްވެސް ސިފައެއްގައި އޭނާ މީޑިއާ ކައުންސިލަށް ހުށައަޅާފައިނުވާނެ ކަމަށެވެ.

comment ކޮމެންޓް