މެޑަމް ފާތުންގެ އަބުރާ ބެހުނު ކަމަށް ބުނާ މައްސަލައެއްގައި ހަ ނޫސްވެރިއެއްގެ މައްސަލަ ބަލަން ހުށަހަޅައިފި

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފަޔާޒު މޫސާ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ އަބުރާ ބެހުނު ކަމަށް ބުނެ ރާއްޖެ ޓީވީގެ ހަ ނޫސްވެރިއެއްގެ މައްސަލަ ބެލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅައިފި އެވެ.

މީޑިއާ ކައުންސިލްގެ މެމްބަރަކު "ސަން" އަށް ވިދާޅުވީ ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރު ވަކިވަކިން ރާއްޖެ ޓީވީގެ ހަ ނޫސްވެރިއަކާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކެއް އެ ކައުންސިލުން ބަލަން ފަށާފައިވާ ކަމަށެވެ.

އެ މައްސަލަތައް ހުށަހަޅާފައި ވަނީ ރާއްޖެ އެމްވީގައި ލިޔެފައިވާ ލިޔުންތަކަކާ ގުޅިގެން ކަމަށް ވެސް މީޑިއާ ކައުންސިލްގެ މެމްބަރު ވިދާޅުވި އެވެ.

އެ މައްސަލަތައް ރައްދުވާ ނޫސްވެރިންނަކީ އަލީ ޔޫސުފް، އަހުމަދު މުހްސިން، މުހައްމަދު ފަޒީން، އަޒްމޫން އަހުމަދު، މުހައްމަދު ވިސާމް އަދި އަބްދުﷲ ނަސީރު އިބްރާހިމެވެ.

އަޒްމޫނާއި ފަޒީންގެ މައްޗަށް ވަކިވަކިން ދެ މައްސަލަ ވަނީ ހުށަހަޅައިފަ އެވެ.

އެ މައްސަލަތަކުގައި ހުށަހަޅާފައި ވަނީ މަޑެމް ފާތުންގެ އަބުރު މުޖުތަމައުގައި ކިލަނބުވާ ގޮތަށް ރާއްޖެ އެމްވީގައި ލިޔެފައިވާ ލިޔުންތަކާ ގުޅިގެން ކަމަށް މީޑިއާ ކައުންސިލްގެ މެމްބަރު ވިދާޅުވި އެވެ.

މީޑިއާ ކައުންސިލްގެ މެމްބަރު ވިދާޅުވީ އެ މައްސަލަތަކާ ގުޅިގެން ހަތް ދުވަހުގެ ތެރޭގައި ޖަވާބުދާރީ ވުމަށް ކޮންމެ ނޫސްވެރިއަކަށް އަންގާފައިވާ ކަމަށެވެ.

ރާއްޖެ ޓީވީން ގެނެސްދިން ޚަބަރަކާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން އެތަނުގެ ނޫސްވެރިޔަކު މީގެ ކުރިން ވަނީ 50،000 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. އަދި އެ މައްސަލަ އާއި އިތުރު އެހެން މައްސަލަތަކެއްގައި ބޮޑެތި އަދަދުތަކުން އެ ސްޓޭޝަން ވަނީ ޖޫރިމަނާކޮށްފަ އެވެ.

ޖޫރިމަނާގެ ފައިސާތައް ރާއްޖެ ޓީވީން މިހާރު ވަނީ ދައްކައި ޚަލާސްކޮށްފަ އެވެ.

comment ކޮމެންޓް