ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ނޫސްވެރިކަމުގެ އެވޯޑާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގެ ތެރޭން -- ފޮޓޯ: އެމްއެމްސީ

މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީޑިއާ ކައުންސިލްގެ ރައީސް އަބްދުލް މުއީދު ހަސަން ވިދާޅުވީ، މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ އަށް ވަނަ ދުވަހުގެ މެންދުރުފަހު 1:00އާ ހަމައަށް ނޫސްވެރިކަމުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މުއީދު ވިދާޅުވީ ނޫސްވެރިންގެ ހުށަހެޅުންތަކަށް އިންސާފުކުރުމަށްފަހު އެވޯޑު ދެވޭނެ ކަމަށް ލަފާކުރެވެނީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

"މިއަހަރު އިނާމްދިނުމުގެ ގަވާއިދު މުރާޖާކުރުމަށްފަހު އެ ގަވާއިދު އުސޫލަކަށް ބަދަލުކޮށް ހުރިހާ އިނާމެއް އެއް އުސޫލެއްގެ ދަށުން ދިނުމަށް ކައުންސިލުން ވަނީ ނިންމާފައި،" މުއީދު ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ އިނާމު ދެވޭ ދާއިރާތައް:

  1. އިޖުތިމާއީ ދާއިރާ
  2. ސިޔާސީ ދާއިރާ
  3. ޝަރުއީ އަދި ގާނޫނީ ދާއިރާ
  4. ވިޔަފާރި އާއި އިގްތިސޯދުގެ ދާއިރާ
  5. ކުޅިވަރުގެ ދާއިރާ
  6. ފޮޓޯ ޖާނަލިޒަމްގެ ދާއިރާ
  7. ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ
  8. ފީޗާ ލިޔުމުގެ ދާއިރާ

އެ އަށް އެވޯޑުގެ އިތުރުން ލައިފް ޓައިމް އެޗީވްމަންޓް އިނާމާއި އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު ހިމެނޭ ކަމަށް ވެސް މުއީދު ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ އެވޯޑާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގެ ތެރޭން -- ފޮޓޯ: އެމްއެމްސީ

މީޑިއާ ކައުންސިލްގެ ޑިވެލޮޕްމަންޓް ކޮމެޓީގެ ނައިބު މުގައްރިރު މުހައްމަދު ހަމްދޫން ވިދާޅުވީ ޝަރުއީ ދާއިރާ އިން މީގެކުރިން އެވޯޑު ދެނީ ހަމައެކަނި ކޯޓުގެ އަޑުއެހުންތައް ކަވަރުކުރުމުން އެކަނި ކަމަށާއި ނަމަވެސް ގާނޫނީ ދާއިރާގެ އެކި މައުޟޫތަކަށް ލިޔާ ނޫސްވެރިންނަށް ވެސް އެ އެވޯޑު މިހާރު ލިބޭނެ ކަމަށެވެ.

މިފަހަރު އަލަށް ތައާރަފްކުރި ފީޗާ ލިޔުމުގެ ދާއިރާއަށް އަލިއަޅުވާލައްވަމުން ހަމްދޫން ވިދާޅުވީ އެއީ ނޫސްވެރިކަމުގެ ވަރަށް މުހިންމު ބައެއް ކަމަށާއި ތަފާތު ހުށަހެޅުންތައް މޮޅު ލިޔުންތަކުގެ ގޮތުގައި ގެނެސްދިނުމަކީ މިޒަމާނުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެ ދާއިރާ މިފަހަރުގެ އެވޯޑުގައި ހިމެނީ ފީޗާ ލިޔުންތައް ރާއްޖޭގެ ނޫސްވެރިންގެ ތެރެއަށް އިތުރު ކުރުމަށާއި ފީޗާ ލިޔާ ނޫސްވެރިންނަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން ކަމަށް ހަމްދޫން ވިދާޅުވިއެވެ.

މީޑިއާ ކައުންސިލްގެ ޕީއާރް ކޮމެޓީގެ މުގައްރިރު އަހުމަދު މުޖުތަބާ ވިދާޅުވީ އެކި ދާއިރާތަކުން ނޫސްވެރިކަމުގެ އެވޯޑަށް ކުރިމަތިލާއިރު ހުށަހަޅަންޖެހޭ ލިޔުންތަކުގެ އަދަދަށް މިފަހަރު ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށެވެ.

"މީގެކުރިން ތިން އާޓިކަލް އަށް މަދުކުރެވިފައި ވީނަމަވެސް މިފަހަރު ފޮޓޯ ޖާނަލިޒަމް ދާއިރާ އަށް މަދުވެގެން 10 ފޮޓޯ ހުށަހަޅަން ޖެހޭނެ. ވީޑިއޯ ވެސް ހަތް ވީޑިއޯ ހުށަހަޅާ ގޮތަށް. މީގެއިތުރުން އެ ނޫސްވެރިޔަކަށް އެންމެ ކަމުދާ އެއް ފީޗާ އާޓިކަލް. ނޫސްވެރިކަމުގެ އިނާމަށް އެބޭފުޅަކު ކުރިމަތިލާ ދާއިރާއަކުން ހަތް އާޓިކަލް،" މުޖުތަބާ ވިދާޅުވިއެވެ.

މުޖުތަބާ ވިދާޅުވީ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލާ ދާއިރާތަކަށް ހުށަހަޅަންޖެހޭ ލިޔުންތަކުގެ އަދަދު އިތުރުކުރީ، ކުރިން އޮތްގޮތުން ނަމަ، ތިން ލިޔުން ހުށަހެޅުމުން، ޚާއްސަކޮށް އެ ދާއިރާތަކުން މަސައްކަތް ކުރާ ނޫސްވެރިންނަށް ބައެއްފަހަރު އެވޯޑް ލިބުމުގެ ފުރުސަތު ގެއްލޭތީ ކަމަށެވެ.

"އެންމެ އާޓިކަލެއް، ދެ އާޓިކަލެއް، ތިން އާޓިކަލެއް ލީމަ މިވާގޮތަކީ މުޅި އަހަރު ދުވަހުގެ ތެރޭގައި އެ ދާއިރާގައި މަސައްކަތްކުރާ އެހެން ނޫސްވެރިންނަށް ފުރުސަތު ގެއްލޭގޮތް އެބަވޭ. އެހެންވީމަ އަޅުގަނޑުމެން މި ނިންމީ، އިންސާފުކުރުމަށް މަދުވެގެން ހަތް އާޓިކަލް ހުށަހަޅައިގެން، އެ އާޓިކަލް ތެރެއިންނޭ މިކަންތައް ކުރިއަށްގެންދާނީ،" މުޖުތަބާ ވިދާޅުވިއެވެ.

ލައިވްޓައިމް އެޗީވްމަންޓް އިނާމް ލިބޭ ބޭފުޅަކު ކަނޑައަޅާނީ މީޑިއާ ކައުންސިލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އުންމީދީ ނޫސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމުގެ އުސޫލަށް ބަދަލުގެނެސްފައިވާނެ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.

"މިދިޔަ އަހަރު ވެސް ކަނޑައަޅާފައިވަނީ ކުރިމަތިލާ ނޫސް އިދާރާއަކުން ނަން ހުށަހަޅާގޮތަށް. އެހެންނަމަވެސް މިފަހަރު އަޅުގަނޑުމެން ހަމަޖައްސާފަ އޮތް ގޮތަކީ ގިނަވެގެން ތިން އަހަރު ދުވަހޭ ވާންޖެހޭނީ އެ އެވޯޑަށް ކުރިމަތިލާ ފަރާތެއް ނޫސްވެރިކަމުގައި އުޅުއްވާތާ. މިއީ ޒުވާން ނޫސްވެރީންނަށް މިކަމުން ހިތްވަރު ލިބިގަތުމަށް ދޭ އިނާމެއް،" މުޖުތަބާ ވިދާޅުވިއެވެ.

comment ކޮމެންޓް