މަތިވެރި ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ހުސެއިން މުހައްމަދު ފުލުސް އޮފީހަށް ހާޒިރުވުމަށް އެންގުމަށްފަހު، އޭނާ ހާޒިރުކުރުން ކެންސަލްކޮށްފިިއެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މެމްބަރު ހުސައިން ފުލުހަށް ހާޒިރުވާން އެންގީ މިރޭ 8:00 ޖަހާއިރަށެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހުމަދު ސަމީރު 'ސަން' އަށް ވިދާޅުވީ، ހުސެން ފުލުހަށް ހާޒިރުވާން އެންގީ ފުލުސް އޮފީހުން އޭނާއަށް ފޯނުކޮށްފައި ކަމަށާއި އަދި ހާޒިރުވާން ނުޖެހޭ ކަމަށް ވެސް އެންގީ ފޯނުން ކަމަށެވެ.
ހުސެއިން މުހައްމަދު ފުލުހަށް ހާޒިރުކުރަން މަސަތްކަތް ކުރަމުންދާކަން ނުވަތަ ނޫންކަން ވެސް ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެ މައްސަލައިގައި ފުލުހުން ވަކި އެއްޗެއް ބުނުމަށް ވަނީ ދެކޮޅު ހަދައިފައެވެ.
ހުސެން މުހައްމަދު ފުލުހަށް ހާޒިރުވާން އެންގުމަށްފަހު ކެންސަލްކޮށްފައިވާއިރު އޭނާ ގެންދަވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށް ދައުވާތަކެއް ކުރަމުންދާތީ އެކަން ކުށްވެރިކޮށް ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުންނެވެ.
އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބައެއް އެެހެން މަޖިލިސް މެމްބަރުންގެ ވެސް ދަނީ ފުލުހަށް ހާޒިރުކޮށް ތަހުގީގުތަކެއް ހިންގަމުންނެވެ. އަދި އޭގެ ތެރެއިން ބައެއް މެމްބަރުންނަށް އަންނަނީ ދައުވާ ވެސް ކުރަމުންނެވެ.